ނިޒާމް ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ގަސްތުގައި ބޭނުން ކޮށްގެން ގޯސް ހަދާ ފުލުހުން އެބަތިބި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ނަމަވެސް އެފަދަކަމެއް، ފުލުހުންގެ މުއައްސަސާގައި ނެތް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުން ގަސްތުގައި ގޯސް ހަދަމުންދޭތޯ އާއި އެހެންކަމަށްވާނަމަ އެފަދަ ފުލުހުންނާއި މެދު އަޅާނީ ކޮން ފިޔަވަޅެއްތޯ ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވައި އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާގައި ތިބީ އެކަށޭނެ ތަމްރީންތަކާއި ތައުލީމް ލިބިގެން ކަމަށާއި ފުލުހުންގެ ތެރޭގައި ހިމެނޭ ހުރިހާ ފުލުހުންނަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާ ފުލުހުން ކަމުގައެވެ. އެހެންކަމުން ނުނިޔަތެއްގައި ގަސްތުގައި ގޯސް ހަދާ ފުލުހުން ނުތިބޭނެ ކަމަށާއި ގޯސް ހަދާ ފުލުހުން ތިބިކަމަށް ބުނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި އިމްރާން ވިދާޅުވިއެވެ.
ނުނިޔަތެއް އޮވެގެން ފުލުހުން މަސައްކަތް ކުރާނަމަ އެކަމަށް ފުޔަވަޅު އެޅޭނެ ނިޒާމްތައް ފުލުހުންގެ މުއައްސަސާގައި ގާއިމް ވެފައި ހުރިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މައްސަލައެއްގައި ނުނިޔަތެއް ބާއްވައިގެން އެއްވެސް ކަމެއް ހިންގާފައިވާކަމަށް ތުހުމަތު ކޮށް މުވައްޒަފެއްގެ މައްޗަށް މިހާތަނަށް މައްސަލައެއް ހުށައެޅިފައި ނުވާ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ. ނަމަވެސް ދާދި ފަހުން ކުރިއަށް ގެންދެވުނު މަސްތުވާ ތަކެތީގެ މައްސަލައެއްގައި ބަލައިފާސްކޮށް ހިފެހެއްޓުނު ތަކެތީގެ އިންވެންޓްރީ ހެދުމަށްފަހު މުވައްޒަފު ހަނދާންނެތިގެން އިންވެންޓްރީ ނުދީ އޮތުމުގެ ސަބަބުން އެތަކެތި އެނަލައިޒް ކުރެވިފައި ނުވާތީ އެތަކެތިން ލިބިދާނެ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ބެލެވުނު މުހިއްމު ހެކިތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް ބެލެވުނު މައްސަލައެއް ބަލައިދިނުމަށް އެދި ޕީޖީ އޮފީހުން ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު އެދިފައިވާ ކަންވެސް ފާހަގަކޮށްފައިވެއެެވެ.
ހަމަ އެއާއެކު އިމްރާން ވިދާޅުވިގޮތުގައި ދިވެހި ފުލުހުންނަށް ހުށައެޅޭ މައްސަލަތަކާއި ލިބޭ މައުލޫމާތުތަކާއި ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި މައްސަލަތައް ތަހުގީގު ކުރުމާއި މައްސަލަތައް ތަހުގީގަށް ހުށައެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމުގެ މަސައްކަތަކީ ވަރަށް ގިނަ ވަގުތާއި ބުރަ މަސައްކަތް އެކުލެވޭ ކަމެއްކަމަށެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކަށް ބަލާއިރު ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 277 އަށް ވުރެ ގިނަ ރަލުގެ ވަގު ވިޔަފާރި އާއި ގުޅޭ އޮޕަރޭޝަންސް ތައް ހިންގިފައިވާއިރު 266 އަށް ވުރެ ގިނަ މައްސަލަ ޝަރީއަތަށް ހުށައެޅުމަށްޓަކައި ޕީޖީ އޮފީހަށް ހުށައެޅިފައިވާކަމަށް އިމްރާންގެ ސިޓީގައި ހާމަކޮށްފައިވެއެވެ. ހަމައެއާއެކު ފާއިތުވެދިޔަ ތިން އަހަރު މަސްތުވާތަކެތި ބޭނުންކުރުމުގެ 1467 އަށް ވުރެ ގިނަ މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށައެޅިފައިވާނެ ކަމުގައިވެސް އިމްރާން ވިދާޅުވެފައިވެއެވެ. އަދި ޑްރަގް ކޯޓްގެ 2021 ވަނަ އަހަރުގެ ރިޕޯޓްގައިވާ ގޮތުން 48 އިންސައްތަ މައްސަލްަ ތަހުގީގަށް މަހެއް ވުމުގެ ކުރިން އެކޯޓަށް ހުށައެޅިފައިވާ ކަންވެސް ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ނިޒާމު ރަނގަޅަށް އެނގިތިބެ އެނިޒާމުގައިވާ ލޫޕްހޯލްސް ތައް ގަސްތުގައި ބޭނުންކޮށްގެން ގޯސް ހަދާ ފުލުހުން އެބަތިބި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވާއިރު ފުލުހުންގެ ތެރޭގައި އެފަދަ ކަމެއް ހިނގަމުން ނުދާ ކަމުގައިވެސް އިމްރާން ވިދާޅުވިއެެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި ނިޒާމް ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕްހޯލްތައް ގަސްތުގައި ބޭނުންކޮށްގެން ގޯސް ހެދުމުގެ ބަދަލުގައި ފާހަގަ ކުރެވެނީ ކަމާގުޅޭ މުއައްސަސާތަކުން ސަމާލުކަން ދީގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށް އިމްރާނު ވަނީ ފާހަގަ ކުރައްވާފައެވެ.

