ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް މޯލްޑިވްސް އިފްތިތާހުކޮށްފިއެވެ.
އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި އެކަން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ދިވެހިރާއްޖެފަދަ ކުދި ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ ގައުމުތަކަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އެންމެ ފުރަތަމައަށް އަދި އެންމެ ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ގައުމުތައް ކަމަށެވެ.
މީގެ އިތުރުން ޝައުނާ ވިދާޅުވީ މި ޕްރޮޖެކްޓަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ގާބިލިއްޔަތު ކަމާއި އުފެއްދުންތެރިކަމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ފަހި ވިސްނުމާއި އިތުރު ހިޔާލުތައް ހިއްސާކުރުމަށް ލިބިގެންދާ އިތުރު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.
އަދި ޔޫއެސް އެއިޑްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް ދިވެހިރާއްޖޭގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގެ ފަރާތުން ޔޫއެސް އެއިޑަށް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝައުނާ ދެއްވިއެވެ.
ޕްރޮޖެކްޓްގެ މުހިއްމު ކަމުގެ މައްޗަށް އަލިއަލުއްވާކައްވަމުން ޝައުނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މޫސުމީ ބަދަލުތަކަށް ބަލާއިރު އެޕްރޮޖެކްޓަކީ، އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ލިބޭ އަގުހުރި ފައިދާ ކުރުވަނިވި މަޝްރޫއެއްކަމަށެވެ.

