އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީ ކެމްޕޭން ދަތުރެއްގައި ހުވަދުއަތޮޅަށް ވަޑައިގެންފި އެވެ.
ކެމްޕޭނަށް ކުރައްވާ ދަތުރުގައި އިމްތިޔާޒް އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ގދ. ނަޑެއްލާއެވެ.
މި ދަތުރާ ގުޅޭގޮތުން އިންތި ވިދާޅުވެފައިވަނީ، 20 މާރިޗުވާ އާދިއްތައާ ހަމައަށް އުޅޭނީ ގއ. އަދި ގދ. އަތޮޅުގައިކަމަށެވެ. އަދި ޗެއާޕާސަންކަމުގައި ކުރަން ހުށަހަޅާ ކަންކަންވެސް މިދަތުރުގައި، ގދ. ތިނަދޫގައި އިއުލާންކުރާނެ ކަމަށް އިންތި ވިދާޅުވިއެވެ.
ފަސް އަހަރުގެ ދައުރަކަށް އެމްޑީޕީގެ ޗެއާޕާސަނެއް އިންތިހާބު ކުރުމުގެ ވޯޓު ނަގާ ގޮތަށް ހަމަޖައްސާފައި އޮތީ އަންނަ މަހުގެ 16 އަށެވެ. މިއީ، ރޯދަ މަސް ތެރެއަށް ވުމުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕޭން ޓީމުން ވަނީ އިންތިހާބު ފަސްކުރަން ހުށަހަޅާފައެވެ.
މި ހުށަހެޅުއްވުމާ މެދު ގޮތެއް ނިންމަން ބޭއްވި ގައުމީ މަޖިލީހުން ވަނީ މެއި 14 އަށް އިންތިހާބު ފަސްކޮށްފަ އެވެ. އިންތިހާބު ފަސްކުރުމަކީ ސައްހަ ކަމާ މެދު ސުވާލު އުފެދޭނެ، ވަރަށް ޕީޕީއެމް ޒާތުގެ ކަމެއް ކަމަށް އިންތިގެ ޓީމުން ހިތްހަމަނުޖެހުންފާޅުކުރަމުން ދަނިކޮށް އެގޮތަށް ފާސްކުރީ ގައުމީ މަޖިލީހުގެ 100 މެމްބަރުންގެ ވޯޓުންނެވެ. މިކަމާ ދެކޮޅުވީ 15 މެމްބަރުންނެވެ.
އިންތިހާބު ފަސްކުރުމާ އެކު އިންތި ވަނީ އެކަމާ މެދު ހިތްހަމަނުޖެހުން އޮތްކަން ފާޅުކުރައްވައިފަ އެވެ.

