މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 20 ދާއިރާގެ ބައި-އިލެކްޝަން އޮގަސްޓް މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތުތައް ވެސް ޕާޓީން ވަނީ އާންމު ކޮށްފައެވެ.
އެގޮތުން، ކުރިމަތިލާ ފަރާތަކީ 1 ޖުލައި 2024 އާއި ހަމައަށް މިޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
އޭގެ އިތުރުން މަގާމަށް ކުރިމަތިލާ މީހަކީ، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއް ކަމުގައިވުމަކީ ވެސް ޝަރުތެކެވެ.
އެމްޑީޕީން ބުނީ މަޤާމްތަކަށް ކުރިމަތި ލުމަށް ބޭނުންވާ މެންބަރުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

