ފެނާއި ނަރުދަމާގެ 155 ޕްރޮޖެކްޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ކަމުގައި ނޭޝަނަލް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް ނުހިނގާ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ފެނާއި ނަރުދަމާގެ 155 މަޝްރޫއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ފެށިގެން ކުރިއަށްދާކަމަށެވެ.
މީގެ އިތުރުން އެކި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ސްލިޕްވޭ އެޅުމާއި ނަރުދަމާ ނިޒާމާއި ފެނުގެ ނިޒާމް ގާއިމްކުރުމާއި ގުޅޭ ގޮތުން މެމްބަރުން ވަނީ ތަފާތު ސުވާލު އަސްލަމް އާއި ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެރަށުގައި ސަރުކާރުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ސްލިޕްވޭ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއްކަން ފާހަގަ ކުރައްވަމުން ރާއީ ވަނީ ސްލިޕްވޭގެ މައުލޫމާތު އޮޅުންފިލުވައިދެއްވުމަށް އަސްލަމްގެ އަރިހުން އެދިވަޑައިގެންފައެވެ. ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ބަޖެޓުން ސްލިޕްވޭ ނަހަދާ ކަމަށެވެ. ނަމަވެސް ރަށުގެ ބަނދަރު ހަދާއިރު ދޯނި އެހެލުމަށް ސަރަހައްދެއް ބާއްވާލަދެވިދާނެ ކަމަށެވެ. އޭގެ އިތުރުން ރަށްރަށުގައި ސްލިޕްވޭ ހަދާ އުޅެނީ އެ ހިދުމަތްދޭ ބަޔަކު ކަމަށްވެސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި ގުޅޭ ގޮތުން މެމްބަރުން ސުވާލުކުރައްވަމުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ވިދާޅުވީ މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓް ލިބިފައިވާ ބައެއް މީހުންނަށް އެމީހުން އުޅޭ އޮފީހުންވެސް ވަނީ ފްލެޓް ލިބިފައިކަމަށާއި އެފަދަ ކަންކަން އިސްލާހު ކުރުމަށް ކުރެވެމުންދާ މަސައްކަތާއި ރާއްޖޭގައި ދިރިއުޅޭނެ އެއްވެސް ގޮތެއް ނެތި އުޅެމުންދާ ފަރާތްތަކަށް ގޯތި ގަތުމަށް ނުވަތަ އެމީހަކު ދިރިއުޅޭނެ ތަނަކުން ގޯއްޗެއް ލިބުމުގެ އިންތިޒާމް އޮތް ގޮތެއް ސާފުކުރުމަށް އެދިވަޑައިގެންނެވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި މާލެއިން ގޯއްޗާއި ފްލެޓް އެކީ ލިބިފައިތިބި މީހުން އެބަތިކަމަށެވެ. އެކަމަކީ ފްލެޓް ދިނުމުގެ ޕްރޮސެސްގައި ހުރި ލޫޕްހޯލްސް ދަންނަ މީހުން މެނިޕިއުލޭޓް ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ރަށްތަކުން ގޯތި ދޫކުރުމާއި ގުލޭގޮތުން މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެން އޮންނަ ގޮތަކީ ތަސައްރަފުވެ ފުރާ ފުރިހަމަ ވުމުން އެމީހަކަށް 18 އަހަރުފުރި އާއިލާއެއް އުފެދުމުން ބަންޑާރައިން ގޯއްޗެއް ލިބިގެންދާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ގޯތި ދޭނެ ބިމެއް ނެތްކަމަށެވެ. ހަމައެއާއެކު މީހާ ދިރިއުޅޭ ރަށް ނޫން އެހެން ރަށަކުން ގޯތި ދޫކުރުމަށް ގާނޫނުން ހުރަސް ނާޅާ ކަމަށާއި ނަމަވެސް މީހާ ދިރިއުޅޭ ރަށް ނޫން އެހެން ރަށުން ގޯތި ނުދޭ ކަމުގައި އަސްލަމް ވިދާޅުވިއެވެ. ވުމާއެކު މީހުން ދިރިއުޅުމަށް އިހްތިޔާރު ކުރާ ތަންތަނުގައި ދިރިއުޅުމަށް ދަތިތަކެއް ހުރެދާނެކަމުގައި އަސްލަމް ވިދާޅުވިއެވެ.

