ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައި ކުރިއަށް ގެންދަވާ ”އިންޑިއާ އައުޓް“ ހަރަކާތާ ގުޅިގެން އެމަނިކުފާނު ހައްޔަރު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ކުއްލިމައްސަލަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރެވެ.
އެ ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 27 މެމްބަރުން ވޯޓު ދެއްވީ މައްސަލަ ކުރިއަށް ގެންދަން ނުފެންނަ ކަމަށެވެ. އަދި ހަތަރު މެމްބަރަކު ވޯޓު ދެއްވާފައި ވަނީ ބަހުސް ކުރަން ފެންނަ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭހާ މަޝްރޫއުތައް ހިނގަމުންދާ ދުވަސްވަރެއްގައި ޔާމީން އިސްވެ ހުންނަވައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ”ނާތަހުޒީބު ޑްރަގް ލީޑަރުން“ ކުރާ ފަދަ ނާތަހުޒީބު ކަމެއް ކަމުން އެ ހަރަކާތުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި ގެއްލިފައިވާ ކަމަށް ޖާބިރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ވުމާއެކު އިންޑިއާ އައުޓް ހަރަކާތަކީ އަވަށްޓެރި ގައުމުތަކުން ދޭ އެހީތަކާއި ތަރައްގީއަށް ހުރަސް އަޅަންވެގެން ކުރާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ވީމާ، ގާނޫނާ ގަވާއިދުގެ ތެރެއިން ރައީސް ޔާމީން ހައްޔަރު ކުރުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.
”ގާނޫނާއި ގަވާއިދުގެ ތެރެއިން ރާއްޖޭގެ އަސްކަރިއްޔާ މެދުވެރިކޮށް ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ބަންދު ކުރުމަށް ގޮވާލައި ހުށަހަޅަން“ ޖާބިރު ކުއްލި މައްސަލަ ހުށައަޅަމުން ވިދާޅުވެފައި ވެއެވެ.
އިންޑިއާގެ އަސްކަރީ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ނިންމިއިރު، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ވެސް ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ހ.ދ ހަނިމާދޫގައި ތިބެއެވެ. މީގެ އިތުރުން އުތުރު ތިލަފަލަކީ އިންޑިއާ ސިފައިންގެ މިލިޓަރީ ބޭހެއް ކަމުގައި ކުރީގެ ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުަމުންނެވެ.

