ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިން ދުވަހު އެމްޑީޕީގެ ބައެއް މެމްބަރުން ތިބީ ހީސަމާސާ ކުރަން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު އަދި ޗެއަރޕާސަން ކެންޑިޑޭޓް އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
އިންތިގެ ފަރާތުން ރޭ ގދ ތިނަދޫގައި މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވައްޑެ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލެއްވުމަށް ހަމަލާ ދެވުނުރޭގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ކުއްލި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހަށް ވަޑައިގަތްއިރު އެމްޑީޕީއާއި ވާދަވެރި ޕީޕީއެމްގެ މެމްބަރުންގެ މަތިން ހިތާމައާއި ކަންބޮޑުވުން ފެނުނު ނަމަވެސް ޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ރައީސް ނަޝީދު ދެން ސަލާމަތް ނުވާނެ ކަމަށާއި އަވަހާރަ ވާނެކަމަށް ވިދާޅުވެ ހީސަމާސާ ކޮށްހެދިކަމަށެވެ.
ވައްޑެ އިތުރަށް ވިދާޅުވީ އެބޭފުޅެއްގެ ފަހަތުގައި އެމްޑީޕީގެ މެމްބަރުން 16 އަހަރު ދުވަސްވަންދެން މަސައްކަތް ކުރަމުން އައި ޕާޓީގެ ރައީސް ނަޝީދުގެ ފުރާނަފުޅާއިމެދު ކަންބޮޑުވެ ހިތްދަތިވާނެފަދަ އެ ދަނޑިވަޅުގައި މަޖިލިސްގެ ކާކޮޓަރިތެރޭގައި ހީސަމާސާ ކުރާ ވަރުން ކެތް ނުވެގެން އޭނާ ނިކުމެވަޑައިގެން ކަމަށެވެ. އެހީސަމާސާ ކުރި މީހުން މިއަދު ނިކުމެތިބީ ޕާޓީ އެއްބައި ކުރަންކަމަށާއި ނަމަވެސް އެމީހުން ދައްކާ ވާހަކައިގައި އެމްޑީޕީގެ މެމްބަރުން ނުޖެހި ތިބުމަށް ވައްޑެ އިލްތިމާސްކުރެއްވިއެވެ.
ޖާހިލިއްޔަ ޒަމާނުގައި އުޅުނު މީހުން އެމީހުން ގަދަރުކުރާ ކަމަކަށްވެއްޖެނަމަ ހޭދަކުރާ ފައިސާ އަކީ ހަލާލުގޮތުގައި ހޭދަކުރާ ފައިސާއެއްތޯ އެމީހުން ކަށަވަރުކުރާ ކަމަށެވެ. ވައްޑެ އިތުރަށް ވިދާޅުވީ އެމްޑީޕީ މިހާތަނަށް ހިންގީ ފައިސާއިން ނޫންކަމަށާއި ނަމަވެސް މެމްބަރުންގެ މަސައްކަތުންކަމަށެވެ. އެގޮތުން އެމްޑީޕީ ނަގާ ކޮޅަށް ޖެހީ އެމްޑީޕީގެ އާންމު މެމްބަރުން ކުރި ގަދަ ހިތްވަރާއި މަސައްކަތުން ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މޭސްތިރިކަމުގެ ދަށުގައި އެމްޑީޕީ ވަނީ ވޭތުވެދިޔަ 16 އަހަރުދުވަހުގެ ތެރޭގައި ދުނިޔޭގެ ނިސްބަތުން 100 އަހަރުން ނުވާ ތަރައްގީ އާއި ކުރިއެރުން ވަނީ ހާސިލް ކުރެވިފައިކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ. އޭގެ މިސާލެއްގެ ގޮތުން ވައްޑެ ވިދާޅުވީ ޓެކްސްގެ ނިޒާމް ތައާރަފް ކުރީ ރައީސް ނަޝީދުގެ ސަރުކާރުގައި އެމްޑީޕީގެ ވެރިކަމުގައިކަމަށެވެ. އެޓެކްސް ފައިސާއިން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ތަރައްގީވެދިޔަ ތަނާއި ހިންގުނު މަޝްރޫއުތައް ފެނިގެން ގޮސްފައިވާ ކަމުގައި ވައްޑެ ވިދާޅުވިއެވެ. ސަބަބަކީ އެމްޑީޕީ އަކީ ވަކިމީހަކު އަންބޮޑިއަށް ބޮޑުކުރުމުގެ ބަދަލުގައި އެންމެނަށް ފައިދާވާނެ ސިޔާސަތު ތަކެއް ހުށައެޅުމުގެ މަގްސަދުގައި އުފެދިގެން އައި ޕާޓީ އަކަށް ވީތީއެވެ. އެގޮތުން އެމްޑީޕީ އެއް އަމާޒެއްގައި ކުރިއަށް ދިއުމަށް އިމްތިޔާޒްފަހުމީ އަށް ތާއީދު ކުރުމަށް ވައްޑެ ގޮވާލެއްވިއެވެ.

