މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީގެ ކޮޓަރިއާއި އެތަނާއި ގުޅުވައިގެން ހަމަ އެޑިޒައިނާއި އެއްގޮތަށް ބްލޮކްބީ މަރާމާތު ކުރީ ހަރަދު ކުޑަކޮށް ކަމަށާއި އެކަމުގައި ގަވައިދާ ހިލާފުކަމެއް ކޮށްފައި ނުވާނެ ކަމަށް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގައި މަލީހު ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ހިލާފު އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާނެކަމަށާއި، މިނިސްޓްރީގެ ކޮޓަރި އާއި ތަނުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައީ ވީހާވެސް ހަރަދު ކުޑަގޮތަކަށް ބަލައި ކަމަށެވެ. މިނިސްޓަރެއްގެ ގޮތުގައި އިންނަވައި، އަމިއްލަ އޮފީހުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް މަރާމާތު ކުރުމަށް މަލީހު 795،000 ރުފިޔާ ސަރުކާރުގެ ބަޖެޓުން ހޭދަ ކުރިކަމަށް އޮޑިޓު ރިޕޯޓުން ހާމަވެ އެވެ.
ރިޕޯޓުގައި ހިމަނާފައިވާ މައުލޫމާތުތައް މީޑިއާތަކުން ތަފްސީލުކޮށް ގެނެސްފައި ވަނިކޮށް އަމާޒުވަމުން ދާ ފާޑުކިއުންތަކަށް މަލީހު ވިދާޅުވީ އޭނާއަކީ އެމްޑީޕީގެ ”ދަނޑިފަނު“ ގެ ތަރައްގީގެ ވިސްނުމާއި ދެކޮޅު މީހެއް ކަމަށާއި އޮފީހުގެ މަރާމާތުތަކެއް ކުރީ އެހެން އޮފީސްތަކުން ވެސް ނަމޫނާއަކަށް ބަލައިގެން ކުރިޔަށް ދެވޭނެ ގޮތަކަށް ވިސްނާފައި ކަމަށެވެ. އޭނާގެ މައްސަލައަކީ ބޮޑު ކުއްޔަށް އިމާރާތެއް ނަގައި ނުދިއުންކަމަށާއި، 2019 ގައި ކުރި މަސައްކަތެއްގެ ތަފްސީލުތައް 2022 ގައި ނެރުމަކީ އޮޑިޓު އޮފީސް ބޮއްސުން ލާފައިވާ މިންވަރު ހާމަވާ ސަބަބެއްގެ ގޮތުގައި މަލީހު ފާހަގަ ކުރެއްވި އެވެ. ތަކުރާރުކޮށް މަލީހު ވިދާޅުވީ މާލިއްޔަތު ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ނުހިންގާ ކަމަށެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓަކީ ނޫސްވެރިންނަށް އޮޅުން އަރާގޮތަށް ތައްޔާރުކޮށްފައިވާ ފެންވަރު ދަށް އެމްޑީޕީ ކޮލިޓީގެ ރިޕޯޓެއް.ބާގުދަނަކަށް ޓެކް މިނިސްޓްރީ ރ.އިބޫ ވެއްދީމަ އެހެން އޮފީސްތައް ކުއްޔަށް މަހަކު ޚަރަދުކުރާ މިންވަރުން ބްލޮކް ބީ ޒަމާނީކޮށް ބަޖެޓަށް ލުއި.https://t.co/4PW453IYqz
— Mohamed Maleeh Jamal (@maleehjamal) March 22, 2022
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްގެ 2019 ގެ އޮޑިޓު ރިޕޯޓުގައި މާލިއްޔަތު ގާނޫނާއި ހިލާފު ގިނަ ކަންކަން ފެންމަތިކޮށްފައިވާއިރު އޭގައި ވާ ގޮތުން ގާތްގަނޑަކަށް އަށް ލައްކަ ރުފިޔާއަށް މި މަސައްކަތް ބަޔަކާއި ހަވާލު ކުރީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަމިއްލަ ބަޔަކާއި އެވެ. އެ ކުންފުނިން މި މަސައްކަތް ކުރިޔަށް ގެންދިޔަ އިރު ފާހަގަކުރެވުނު ކަންތަކުގެ ތެރޭގައި މިނިސްޓަރު އިންނަވާ އޮފީހުގެ ޑިޒައިނެއް ތައްޔާރުކޮށް އެ ޑިޒައިނާއި އެއް ގޮތަށް ބީ ބްލޮކް ނިންމަން ޖެހޭނެކަމަށް އެއްބަސްވުމުގައި އޮތީ ސޮއި ކުރާ ތާރީހުން ފެށިގެން 25 ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތު ހަމަވާ ގޮތަށް އޮތީ އޮކްޓޯބަރު 10 އަކަށެވެ.
މި މުއްދަށް މަސައްކަތް ނިންމާ ނުލެވި، މަސައްކަތް ދިގުލައިގެން ދިޔަ ނަމަވެސް އެ މުއްދަތު އިތުރުކޮށް ދޭން އެދުނުކަން ނުވަތަ ނޫންކަން އެނގޭނެ އެއްވެސް ލިޔެކިއުމެއް ނެތްކަމަށް އޮޑިޓުގައި ވެއެވެ. މަސައްކަތް ނިންމާލީ ކަނޑައެޅިފައިވާ ތާރީހުގެ އެއް އަހަރު ފަހުން 2020 އޮކްޓޯބަރު 05 ގަ އެވެ.

