ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒެއިނާ، އިންތި ޓީމަށް: ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ސަރުކާރަށް ހިތު ހުރިހާ އެއްޗެއް ގޮވާކަށް ނުޖެހޭ!

އެމްޑީޕީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީއަށް ރައްޔިތުން ސުޕަ މެޖޯރިޓީއެއް ދިނީ ސަރުކާރަށް އެއްބާރުލުން ދީ، ކުރާ މަސައްކަތެއްގައި އެކުގައި ކުރިޔަށް ދިއުމަށް ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވި އެވެ.

ކުންފުނިތަކާއި ބެހޭ ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ފެށުމާއި އެކު ފެނިގެން ދިޔައީ އެމްޑީޕީގެ ދެ ފެކްޝަނުގެ ބަހުގެ ހަމަލާތަކެވެ. ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަނާއި ވައްކަން ކުރާކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަރިސް ބޭފުޅުން ގޮވާލަމުން ދިޔައިރު އެކަމަށް ރައްދު ދެމުން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އަރިސް މެމްބަރުންނެވެ. އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.

ބިލުގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ. އެތައް ކުންފުންޏެއް ސަރުކާރު ހިއްސާ ވާ ގޮތަށް ހިންގާއިރު ރައްޔިތުންނަށް ހިދުމަތް ދޭން މަދު ކުންފުންޏެއް އޮތުމުގެ ބޭނުމެއް ނެތްކަމަށް އާޒިމް ވިދާޅުވި އެވެ. ޖުމްލަ 36 ކުންފުންޏެއް އޮތްއިރު އޭގެ ތެރެއިން ބައެއް ކުންފުނިތައް މަސައްކަތް ކުރާ ގޮތާއި، ނުވަތަ މަސައްކަތް ކުރޭތޯ ވެސް ނެނގޭކަމަށް އާޒިމް ވިދާޅުވި އެވެ.

ދައުލަތުން މިފަދަ ކުންފުނިތަކުގެ މައްޗަށް ހަރަދު ކުރަން ހުއްޓާލުމަށް ގޮވާލައި އާޒިމް ވިދާޅުވީ، މި ސަރުކާރުން ވެސް ”ހިންގާލަން“ 12 ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ސީދާ އަމާޒު ކުރާ ވާހަކަތަކެއް ނޫންކަމުގައި ވިދާޅުވުމުން ފުރުސަތަކަށް އެދިވަޑައިގެން އެއަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ ވުޒާރާތަކުގެ ތެރެއިން އިކޮނޮމިކް މިނިސްޓްރީއަކީ ގިނަ މަސައްކަތްތަކެއް ކުރަމުން ދާ މިނިސްޓްރީއެއް ކަމަށެވެ.

ކޮވިޑުގެ ތެރޭގައި ރާއްޖެއިން ހޭދަ ކުރި ދެ އަހަރު ދުވަހަށް އިޝާރާތްކޮށް ރޮޒެއިނާ ވިދާޅުވީ އެ ބަލިމަޑުކަމުން ވެސް ގައުމަށް އަރައިގަނެވުނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ ދުރު ވިސްނޭ ސިޔާސަތުތަކުގެ ދަށުން ކަމުގަ އެވެ. އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ވިޔަވާރިތައް އަރިއަޅާލި ވަގުތު އެހީތެރިކަން ފޯރުކޮށް ދެވުނީ ސަރުކާރާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތްތަކާއި އެކުކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

އާޒިމަށް އަމާޒުކޮށް ރޮޒެއިނާ ވިދާޅުވީ އިގްތިސާދީ ގޮތުން ގައުމު ކޮޅަށް ޖެހުމަށް ކުރެވިފައި ހުރި މިފަދަ މަސައްކަތްތައް ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް 65 ގޮނޑި އާއި އެކު ސުޕަ މެޖޯރިޓީއެއް ދިނީ ސަރުކާރަށް އެއްބާރުލުން ދޭން ކަމުގައިވީއިރު އަމިއްލަ އެދުމެއް އިސްކޮށް ސަރުކާރަށް ހިތު ހުރި އެއްޗެއް ގޮވަން ނުޖެހޭ ކަމަށެވެ.

އެއަށް ފަހު ރޮޒެއިނާ އާޒިމްގެ ނުރުހުމުގެ ބަސްތައް އަމާޒުވި ސަބަބެއްކަމަށް ބުނީ ޕާލިމަންޓް ގްރޫޕުގެ އިންތިހާބުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުމެވެ. އޭނާ ވިދާޅުވީ، މަގާމެއް ނުލިބުމުގެ މާނައަކީ ސަރުކާރު ގޯސްކޮށް ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

”މިކަންކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ. މަގާމެއް ނުލިބުމަކީ އަދި މި ތަނުގައި ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ސަރުކާރާ ދިމާލަށް ހިތު ހުރިހާ އެއްޗެއް ގޮވުމެއް ނޫން…. މިތަނަށް ފޮނުވާފައި މި ތިބީ ރައްޔިތުން. 65 ގޮނޑި އެމްޑީޕީއަށް ދިނީ ސަރުކާރަށް އެއްބާރުލުން ދޭން“ ރޮޒައިނާ

އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުގެ އިންތިހާބުގައި ވާދަކޮށް އާޒިމަށް ނާކާމިޔާބުވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވާދަކޮށެވެ.

އެތެރޭގެ އިންތިހާބަށް އަދި ބާކީ މަހަކަށް ވުރެ ގިނަ ދުވަސް އޮތްއިރު، ކެމްޕެއިނަށް ފައްޔާޒާއި އިންތި ވެސް ދަނީ ރަށްތަކަށް ދަތުރު ކުރަމުންނެވެ. އަދި ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މި ދުވަސްވަރު ރައީސް ނަޝީދާއި އަރިސް ބޭފުޅުން މަޖިލީހާއި އަދި އެ ނޫން ވެސް ޕްލެޓްފޯމުތަކުގައި އެންމެ ގިނައިން ދައްކާ ވާހަކައަކީ ސަރުކާރަށް ރަނގަޅަށް ހިދުމަތް ނުދެވޭ ވާހަކައާއި އެމްޑީޕީގެ އަސްލު އުސޫލާއި ހިލާފަށް އެކި އަމަލު ހިންގަމުން ދާކަމަށެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: