ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރައްވާފަ ހުންނެވި ބޭފުޅަކު ސަރުކާރަށް ފާޑުވިދާޅުވުމަކީ ލަދުވެތި ކަމެއް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ސަނީފް ވިދާޅުވެއްޖެއެވެ.
ސަނީފް ވިދާޅުވީ އާޒިމް ފަދަ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރުކަން ކުރައްވާފައިވާ ބޭފުޅަކު މިއަދު ސަރުކާރަށް ފާޑު ވިދާޅުވުމަކީ ލަދުވެތިކަމެއް ކަމުގައެވެ. މީގެ އިތުރުން ސަނީފް ވިދާޅުވީ ކުންފުނިތައް ރަނގަޅު ކުރާއިރު އެބޭފުޅުންގެ ކުންފުނިތަކަށް ކިތައް އެއްޗިހި ލިބިފައިހުރިތޯ އާއި އެކުންފުނިތަކަށް ހޯއްދެވީ ހަަމަ އެކަނި ދިޔާތަކެތި ތޯ ވެސް ބަލައިލަން ޖެހޭ ކަމުގައެވެ.
ސަރުކާރުގެ ފަރާތުން ކުންފުނިތަކާއި ބެހޭ ބިލުގެ ބަހުސް މަރުހަލައިގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ އާޒިމް އަދީބު އަތުން ގެންދިޔަ ކަޅު ދަބަހުގައި ހުރި ދިޔާތަކެތި އެއްމަސް ދުވަސް ތެރޭ ބޭނުންކުރެއްވި ގޮތް މީޑިއާ އަށް ހާމަކޮށްދެއްވާނެ ކަމުގައި އާޒިމް ވިދާޅުވިކަމަށް ސަނީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް، ކުންފުނިތަައް ހަލާލަުކޮށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ކަޅު ދަބަހަކަށް ލައިގެން އެއްމަސް ދުވަސް ތެރޭގައި ހަލާކު ކޮށްލި ކަމުގައި ސަނީފް ތުހުމަތު ކުރެއްވިއެވެ.
ސަނީފް ވިދާޅުވީ އާޒިމް، އަދީބު އަތުން ކަޅު ދަބަހުގައި ގެންދެވި ދިޔާފުޅިއެއްގައި ހުރި ތަކެތި ބޭނުން ކުރައްވައިގެން ކުންފުނިތައް ހަލާކުކޮށްލި ގޮތް މީޑިއާ އަށް ހާމަކޮށްދިނުމުން ކުންފުނިތައް ހަލާކުވެގެން ދިޔަގޮތް ހާމަވެގެން ދާނެ ކަމުގައެވެ.
އޭގެ އިތުރުން ސަނީފް ވިދާޅުވީ އާޒިމް ޑީއާރުޕީގައި މަގާމެއް ފުރުއްވައި ޑީއާރުޕީ ހަލާކުކޮށްލެއްވުމަށް ފަހުގައި އެމްޑީޕީގައި ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނަވައި ޕީޖީ ގްރޫޕްގެ މަސްލަހަތު އެތަށް ވަރަކަށް ގެއްލުވާލާފައިވާ ކަމަށެވެ.
ސަނީފް ވިދާޅުވީ ދިވެހި ރާއްޖޭގައި ޕްރޮޖެކްޓް ހިންގުމަށް ބޭރުގެ ކުންފުނިތަކަށް ފްލެޓް އެޅުމަށް ދެވުނު ކުންފުންޏެއް ކަމަށްވާ ޓާޓާ ކުންފުންޏާއި ފްލެޓް އަޅަން ހަވާލުކުރެވުނު ގޮތް ބަލަން ޖެހޭ ކަމުގައި ސަނީފް ވިދާޅުވިއެވެ.
ސަނީފް ވިދާޅުވީ ތިނަދޫގައި އެ ޕްރޮޖެކްޓް ހިންގަން ޓާޓާ ކުންފުންޏަށް ދޭނެކަމުގެ އަޑުތައް އިވިފައިވީނަމަވެސް ޕްރޮޖެކްޓް ދީފައިވަނީ އެކުންފުނީގެ ޕްރޮކިއުމަންޓް ތެރޭގައި ހިމެނޭ އެެހެން ކުންފުންޏަކަށް ގޮސްފައިވާ ކަމަށާއި އެމައުލޫމާތު މިއަދާއި ހަމައަށް ވެސް ތިނަދޫ ކައުންސިލަށް ލިބިފައިނުވާ ކަމުގައެވެ.

