އެމްޑީޕީއަކީ ރާއްޖޭގައި ހިނގި އެތައް ހުދުމުހުތާރު ކަމަކާއި ދެކޮޅަށް ތެދުވެ ވަކާލާތު ކުރި ޕާޓީކަމަށާއި، އެތެރޭގައި ބަހުސް ކުރުމާއި ހަރަކާތްތަކަށް ހުޅުވާލެވިފައިވާއިރު އެމްޑީޕީ ނުހިނގާކަމަށް ނުބުނެވޭނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންނަ މޭއި މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަވެ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި ބަހުގެ ހަމަލާތައް ރައްދު ކުރުމާއި ސިޔާސީ ހަމަނުޖެހުން ވަނީ އާއްމުވެފަ އެވެ. ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ޕާޓީގެ ޗެއާޕާސަނަކަށާއި، އަންހެނުންގެ ރޫހުގެ ރައީސެއް ހޮވުމަށް ބައްވާ އިންތިހާބު ސިފަ ކުރެވިފައި ވަނީ ރައީސް ނަޝިދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވާދަވެރިކަމެއްގެ ގޮތުގަ އެވެ.
އިންތިހާބުގެ ވާހަކަތައް ދެކެވެން ފެށުމުގެ ކުރީން ވެސް މި ސަރުކާރުން އެމްޑީޕީގެ އުސޫލުތަކާއި އަސާސްތަކާއި ހިލާފުވަމުންދާކަމަށް ބުނެ ބަހުސްތަކެއް ކުރެވުނެވެ. މަޖިލީހުގެ ތަޅުމުގައި އެ ވާހަތައް އެންމެ ގިނައިން ދެއްކެވީ ރައީސް ނަޝީދާއި އަރިސް ބޭފުޅުންނެވެ. ހާއްސަކޮށް މިދިޔަ އަހަރުގެ މޭއި 06 ގައި އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ރައީސް ނަޝީދު ވަނީ ސަރުކާރު ހިންގަމުން ދާ ގޮތާއި މެދު ކަންބޮޑުވުންފާޅުކޮށް ބަޔާން ނެރުއްވައި، ބޭރުގެ ބައެއް މީޑިއާތަކަށް ވެސް އިންޓަވިއު ދެއްވާފަ އެވެ.
އިންތިހާބުގައި ވެސް މިވާހަކަތައް ދައްކަމުން އަންނަ އިންތިގެ ޓީމަށް އަމާޒުކޮށް ފައްޔާޒްގެ ޓީމުން ރައްދުގައި ބުނާ ގޮތުން ނުހިންގި އޮތީ ޕާޓީ އެވެ. ސަރުކާރުން އިންތިހާއަށް މަޝްރޫއުތައް ކުރިޔަށް ގެންދާއިރު ވެސް އެ ވާހަކަތައް ޕްރޮމޯޓު ނުކުރާކަމަށާއި ފާއިތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ޕާޓީއަށް ބޮޑު ޖަލްސާއެއް ބޭއްވިފައި ނެތުމާއި އާއްމު މެމްބަރުންނާއި ބާއްވަން ޖެހޭ ގާތް ގުޅުން ނެތްކަމަށް ފާހަގަކޮށްފައި ވެއެވެ.
އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
ކެމްޕެއިނުގައި ”ހިންގާލަން“ ސްލޯގަން ބޭނުންކޮށް ޕާޓީ ހިންގާލަންކަމަށް ގޮވާލާތީ އިންތިއަށް ތާއީދު ކުރާ މެމްބަރުން ފައްޔާޒަށް ފާޑުވިދާޅުވެ ވާހަކަ ދައްކާފައި ވެއެވެ.
ޕާޓީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ހިންގުމުގެ އެންމެ މައިގަނޑު ނިޒާމަކީ އެތެރޭގެ އިންތިހާބުތައް ކަމަށާއި ސިޔާސީ ޕާޓީއެއްގެ ހިންގުން ބިނާވާން ޖެހޭނީ އިންތިހާބު ކާމިޔާބު ކުރުމުގެ އަމާޒަށް ކަމަށެވެ. އެހެންކަމުން އެމްޑީޕީ ”ނުހިންގޭ“ ކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ޕާޓީގެ ރައީސަކަށް ހުރެ އެމްޑީޕީއާއި މެދު ދެކެވޭ މިފަދަ ވާހަކަތައް އެމަނިކުފާނު ބަސް ބުނަން ޖެހިފައިވާކަމަށް ވެސް މެސެޖުގައި ވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕާޓީން އިންތިހާބުތައް ކާމިޔާބު ކުރުމައި، އަދި ޕާޓީގެ އެތެރޭގައި އެކި މައުޟޫތަކަށް މަޝްވަރާކޮށް ހަރަކާތްތައް ހިންގުމަކީ ވެސް ޕާޓީ ކުރިޔަށްދާ ކަމުގެ ހެއްކެއް ކަމުގަ އެވެ. އެމްޑީޕީއަކީ ރާއްޖޭގައި ކުރަމުން އައި 30 އަހަރުގެ ހުދުމުހުތާރު ވެރިކަމަކާއި ނިކުންނަން ކެރުނު އަދި އެ ވެރިކަން ފޮރޮޅާލި ޕާޓީކަން ރައީސް ނަޝިދު ފާހަގަ ކުރެއްވި އެވެ.
2008 ގައި އެމްޑީޕީ ވެރިކަމަށް އާދެވުނު ނަމަވެސް ބަޣާވާތަކުން ވެރިކަން ވައްޓާލުމުން ކެނޑިނޭޅި އަނެއްކާވެސް ކުރި މަސައްކަތުން އިންތިހާބު ކާމިޔާބު ވީ ވެސް ޕާޓީ ހިނގާތީ ނޫންތޯ ރައީސް ނަޝީދު ސުވާލު ކުރެއްވި އެވެ. އެހެންކަމުން ހަމަ އެގޮތަށް ކުރިޔަށް އޮތް ތަނުގައި ވެސް ޕާޓީ ހިނގަމުން ދާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގެ ކޯޅުންތައް ގިނަވެ ރައްޔިތުންގެ މަޖިލީހުގައި އާއި، ގައުމީ މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ވެސް މެމްބަރުންގެ މެދުގައި ބަހުސްތައް ހޫނުވި އެވެ. އަދި އިންތިހާބު އިއުލާނު ކުުރުމަށް ފަހު ބާއްވާ މަޖިލީހުގެ ހުރިހާ ޖަލްސާތަކެއްގައި ވެސް މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

