އިޒްރާއިލް ސިފައިން މިދިޔަ ހުކުރު ދުވަހު އަލް އަގްސޯ މިސްކިތުގައި ނަމާދު ކުރަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ ހައްޔަރުކޮށްހެދި އަމަލުތައް، ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އާއްމުކުރި ބަޔާނުގައިވަނީ، އިޒްރާއީލުން ހިފައިވާ ފަލަސްތީނުުގެ ސަރަހައްދު ތަކުގައާއި އަގްސޯ މިސްކިތުގައި ހިންގަމުންދާ އަމަލުތައް، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ޔޫއެންގެ ސެކިއުރިޓީ ކައުންސިލް އަދި ޖެނެރަލް އެސެމްބްލީގެ ދަށުން އެއްބަސްވެ ސޮއި ކުރެވިފައިވާ އުސޫލުތަކާއި ސާފުކޮށް ހިލާފުވާކަމަށެވެ. އަދި މިއަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ރައްޔިތުން އެގައުމުގެ މިނިވަންކަން ކަޝަވަރު ކުރުމަށްޓަކައި ވަމުންދާ ގުރުބާނީތަކާއި ކުރަމުންދާ ހައްގު މަސައްކަތްތަކުގައި ދިވެހި ސަރުކާރު ފަލަސްތީނުގެ ރައްޔިތުންނާއި އެކުވާކަމަށް ބުނި ބުނުން ތަކުރާރުކުރާކަމަށާއި ދެމިއޮނާނެ ގޮތެއްގައި ދެގައުމު ދޭތެރޭ ސުލްހަ ގާއިމުކުރެވޭނީ ކުރީގައި ކަނޑައެޅިފައި އޮތް ބޯޑަރުތަކަކީ ހައްގު އެެއްޗެއް ގޮތުގައި ބަލައި އުތުރު ޖަރޫސަލަމް އަކީ ފަލަސްތީނުގެ ބައެއް ގޮތުގައި ދެގައުމު ދޭތެރޭ އެއްބަސްވެވިގެން ކަމުގައިވެސް މި ބަޔާނުގައިވެއެވެ.
މިދިޔަ ހުކުރު ދުވަހު އަލް އަގްސޯ މިސްކިތަށް އިޒްރޭލް ފުލުހުން އެރާ ހިންގި ހަމަނުޖެހުމުގައި 150 އަށްވުރެން ގިނަ ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެފައިވެއެވެ.

