ރާއްޖެއަަށް އަަވައްޓެރި އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅުގައި ބެނާއެއް ޖެހި މައްސަލައިގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ރާއްޖެއާއި އިންޑިއާ ދެމެދު ސިއްރު އެއްބަސްވުންތަކެއް ވެފައިވާކަމަށް ބުނެ އިދިިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުވައި އިރުޝާދު ދެއްވަނީ ރައީސް ޔާމީނެވެ. ހިޔާނާތުގެ މައްސަލައިގައި އިއްވި ފަސް އަހަރުގެ ހުކުމުން ސުޕްރީމް ކޯޓުން މިނިވަންވެވަޑައިގެން ހުންނެވި ރައީސް ޔާމީން ގެންދަވަނީ ޖަލުން ދޫވުމާއި އެކު އިންޑިއާ އައުޓް ހަރަކާތްތަކުގައި މެދުކެނޑުމެއް ނެތި ބައިވެރިވަމުންނެވެ. ރާއްޖޭގެ ރަށްތަކަށް ދަތުރުކުރުމާއި، އިންޑިއާ އަދި ސަރުކާރާއި ގުޅުވައި ސީރިއަސް ތުހުމަތުތަކެއް އަމާޒު ކުރައްވާތީ މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
އިންޑިއާ އައުޓް ހަރަކާތްތައް ފުޅާ ކުރުމަށް ގޮވާލައި، އިހުތިޖާޖުތަކެއް ކުރިޔަށް ގެންދިއުމަށް ފަހު ރައީސް ޔާމީން ވަނީ އެމަނިކުފާނު މިވަގުތު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅުގެ އެންމެ މަތީ ފްލޯގައި ”އިންޑިއާ އައުޓް“ ޖެހި ބޮޑު ބެނާއެއް ހަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ ގެއާއި ކައިރީ ހުންނަ ޕާޓީ އޮފީސް އިމާރާތް ހ. ހުުރަފާގައި ވެސް އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.
ހެންވާރު ރާޅުގަނޑު ސަރަހައްދުގައި ހުންނަ ހ. ދޫވެހި ގޭގެ ތިން ފްލޯ ހެދުމަށް ފަހު ދެން އިތުރަށް ހަދަމުން ގެންދާ ފްލޯތަކުގައި އެ ބެނާ ހަރު ކުރި މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ ފުލުހުން ފޮނުވައިގެން ވިޔަސް އެ އަމަލު ހުއްޓުވަން ޖެހޭ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަަވަމުން ރިޔާސަތުގައި ހުންނަވައި ރައީސް ނަޝީދު ވިދާޅުވީ، އަވައްޓެރި ގައުމުތަކާއި ގުޅުވައި މާލޭގައި ހުރި ބޮޑެތި އިމާރާތްތަކުގައި ބަސްތައް ބެނުންކޮށް ހެދުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމުގަ އެވެ. މިއީ އާއްމު މަސްލަހަތު ގެއްލޭނެ ސަބަބެއްކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެހެންވެ ރައީސް ނަޝީދު ގޮވާލީ ވަގުތުން ވަގުތަށް ފުލުހުން ފޮނުވައިގެން އެ ބެނާތައް ނެގުމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އަވައްޓެރި ގައުމުތަކުގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ވަދެ ބަހުސް ކުރުމުގެ ޖާގައެއް ވެސް ނުދެވޭނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ މަޖިލީހުގެ ގަވައިދާއި އަދި ޑިމޮކްރަޓިކް ހަމަތަކާއި ވެސް އުސޫލު އަމަލެއް ކަމަށެވެ.
ރައީސް ޔާމީން އިސްވެ ހުންވައި ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ދައްކަވާކަމަށް ބުނެ ރައީސް ނަޝީދު ވަނީ އެއީ 2023 ކާމިޔާބު ކުރުމަށް ރައީސް ޔާމީން ހިންގަވާ އަމަލެއްގެ ގޮތުގައި ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިކަމަށް ބުނެ ދައްކަވާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށާއި، ރާއްޖޭގައި ހަތިޔަރު އެޅި އިންޑިއާ ސިފައިން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މި މައްސަލައިގައި ރައީސް ނަޝީދާއި ރައީސް ޔާމީނާއި ދެމެދު ބަހުގެ ހަމަލާތައް ވެސް ރައްދުކޮށްފައި ވެއެވެ.

