މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގަތް 17 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ބައެއް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގައި މިދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް އިޖުރާއީ ބޮޑެތި ގޯސްތަކާއި ހެދި އެ މީހުން ވަނީ ދޫވެފަ އެވެ. އަދި ފުލުހުންގެ ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ފަހުގެ ތާރީހެއްގައި އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ހޯދިފައި ވަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގަ އެވެ.
މިއީ ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނުގައި ސޯސަން މަގުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. ދުއްވާފައި ދިޔަ ޕިކަޕެއްގެ ތެރެއިން ތެރެއިން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ 27 އަހަރުގެ ދިވެއްސަކާއި، 32 އަހަރުގެ މީހެއްގެ އިތުރުން ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހެކެވެ.
ފުލުހުން މި ހަތަރު މީހުން ވެސް އަތުލައިގަތީ މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ފޮށިތައް ޕިކަޕުން ބާލަން އުޅުމުގެ ތެރެއިންނެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަން ހިންގި ރޭ ”ސަންގު“ ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ފުލުހުން ދިޔައީ މަގުމައްޗަށް ވެއްޓިފައި ހުރި މަސްތުވާތަކެތި ސާފު ކުރަމުންނެވެ. އަދި މަސްތުވާތަކެތި ބަންދުކޮށްފައި ހުރީ ބޮޑެތި ޕެކެޓުތަކުގަ އެވެ. ފުލުހުން ބަލައި ފަސް ކުރަމުން ދިޔަ ސަރަހައްދުގައި ގާތް ގާނޑަކަށް 15 ހުދުކުލައިގެ ފޮށި ހުއްޓެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެ ބިދޭސީން ކޯޓުގައި ބުނީ އެ މީހުން ފޮށިގަނޑު ބޭލުވުމުގައި މަސައްކަތް ކުރީ ފައިސާ ދެން ބުނުމުންކަމަށާއި، އެއީ ފައިސާއަށް މަސައްކަތައް ކުރާ ބައެއްކަމުން އެ ފޮށިގަނޑުގައި ހުރި ކޯޗެއްތޯ އެ މީހުން ސުވާލު ނުކުރާ ކަމަށެވެ. ބަންދު ހަމަވާތީ ބިދޭސީންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން، އެ މީހުން ދޫކޮށްލަން ނެރުނު އަމުރުގައި ވަނީ ދެ މީހުން ވެސް ބަންދުގައި ދެ ދުވަސް ހޭދަކުރި އިރު އެ މީހުން ކުށް ކުރިކަމަށް ސާބިތުވާ ވަރުގެ ހެކި ލިބިފައި ނެތް ކަމަށެވެ. އަދި އެ މީހުން އިތުރަށް ބަންދުގައި ބައިތިއްބަން ޖެހޭ ހާލަތެއް ނެތުމުން ތަހުގީގު ނިމެން ދެން، ޕާސްޕޯޓު ހިފަހައްޓައި ދޫކޮށްލި އެވެ.
ފުލުހުން ބުނީ މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ރިކޯޑު އޮތް މީހުން ކަމަށެވެ.
އަތުލައިގަތް 17 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 13 މިލިއަނަށް އަރަ އެވެ.

