ސަރުކާރާއި، ކެބިނެޓްގެ މިނިސްޓަރުންގެ ބޮލުގައި އެކި އިހުމާލުތަކާއި، ކޮރަޕްޝަން ފަދަ ތުހުމަލުތައް އަޅުވަމުންދާ ހިންދު އަމިއްލަ ނަފްސުގެ އަމަލުތަކާއި މެދު ވިސްނާލުން މުހިއްމުކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.
ހުސައިން މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި އެމްޑީޕީގެ ޗެއަޕާސަންގެ މަގާމަށް ވާދަ ކުރަށްވާ ކެންޑިޑޭޓް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ”ހިންގާލަން“ ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ދެން ވާދަކުރަށްވާ ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ”ތިލަފަތުގެ ރަމްޒް“ ކެމްޕެއިން ޓީމުން ދައްކަވަމުންދާ ވާހަކަތަކުން ސަރުކާރާއި ކެބިނެޓު ދިފާއު ކުރަށްވަމުންނެވެ.
ހުސައިން ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރުން ހިންގަމުންދާ އެތައް މިިލިއަން ޑޮލަރެއްގެ މަޝްރޫއު ތަކާއި ހަވާލުވެފައިވާ ބޭރު ކުންފުނީގެ ދިވެހި އޭޖެންޓަކ އަކީ އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އާއިލީ ކުންފުންޏެއް ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމެޓިގެ މުގައްރިރަކީ ވެސް އިލްޔާސްކަން ފާހަގަކޮށް އެނާ ވިދާޅުވީ މިފަދަ ބާރު ގަދަ ކޮމެޓީއެއްގައި އެންމެ އިސްކޮށް ހުންނަވުމުގެ މާނައަކީ ރާއްޖެއިން ބޭރުން އަންނަ ހުރިހާ ކުންފުނިތަކެއްގެ ލޯކަލް އޭޖެންޓްކަން ނެގުން ނޫންކަމަށާއި ލިބިވަޑައިގެންނެވި ޒިންމާ އަކީ އެކަން ބެލެހެއްޓުން ކަމަށެވެ.
ނަޒާހާތްތެރިކަމާއި، ”ބުރޯ“ ހެދުމާއި، ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް އަމިއްލަ މަންފާއަށް އަމަލުތައް ބައްޓަންވެފައި ހުރުން ފަދަ ވާހަކަތައް ދެކެވޭއިރު ތިމާ ނަފްސާއި މެދު ވިސްނާލުން މުހިއްމު ކަމަށް ވިދާޅުވެ ހުސައިން ވަނީ އިލްޔާސަށް ފާޑުވިދާޅުވެފަ އެވެ.
މީގެ އިތުރުން ޝަހީމް ވަނީ ވަނީ އައްޑޫގައި އެޅުމަށް ވައުދުވެފައިވާ މަސް ޕްލާންޓް އަދި ”ތަޅުލެވިފައިވާ“ ކަމަށް ބުނަނަމުން ދާ ލޭންޑް ޔޫޒް ޕްލޭން ހަވާލުކޮށްފައި ވަނީ ކޮން ކުންފުންޏަކާއި ތޯ ސުވާލު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުނި ވެސް ގުޅިފައި ވަނީ އިލްޔާސާއި ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ބައިބައިވުން އުފެދި ކޯޅުންގަނޑު ބޮޑުވެފައިވާ އިރު ސަރުކާރަށް އެކި ފާޑުކިޔުންތައް ވެސް އަމާޒުވެފައިއެވެ.

