ސްޓެލްކޯގެ ވަޒީފާތަކަށް މީހުން ނަގަނީ އެކަމަށް ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އެތެރޭގެ އިންތިހާބާއި ދިމާކޮށް ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު، ވަކި ބަޔަކު ބޭނުންވާ ގޮތަށް ވަޒީފާ ދިނުން ވަގުތުން ވަގުތަށް ހުއްޓާލުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގޮވާލެއްވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވެފައިވަނީ އެފަދަ ކަމެއް ކުންފުނީގައި ހިނގަމުން ނުދާ ކަމަށެވެ.
އޭގެ އިތުރުން ޝަރީފް ގެންދަވަނީ ސްޓެލްކޯގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ކަން ވެސް ފާހަގަ ކޮށްލެވެއެވެ. ޝިޔާންގެ ތުހުމަތުތަކާއި ގުޅިގެން ޝަރީފް ވިދާޅުވެފައިވަނީ އެންމެންވެސް ކުރަނީ ސިޔާސީ މަސައްކަތް ކަމާއި އެގޮތުން އޭނާ އަކީ ވެސް ސިޔާސީ ބޭފުޅެއް ކަމަށެވެ.
ޝިޔާން ވިދާޅުވެފައިވަނީ އެތެރޭގެ އިންތިހާބާއި ދިމާކޮށް ސްޓެލްކޯގެ އެމްޑީ ޝަރީފް ވަޒީފާ ދިނުމުގައި ވަކި ބަޔަކު ބޭނުން ވާ ގޮތަށް ވަޒީފާ ދޭ ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމަށެވެ. ޝިޔާން މިހެން ވިދާޅުވެފައިވާއިރު، ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕޭން ޓީމުގެ ފަރާތުން ވަނީ ވަޒީފާގެ ބިރު އިންތިހާބާއި ދިމާކޮށް ދައްކާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.
ކެމްޕޭން ހަރަކާތްތަކުގައި އިންތި ވިދާޅުވެފައިވަނީ، އެސްއެމްއީ ލޯނަކަށް ކުރިމަތިލާ ހިސާބުން ހަނު ހުންނަން ޖެހޭ ކަމާއި، ވަކި މީހަކަށް ތާއީދު ކުރުމުން ވަޒީފާ އިން ވަކި ކުރުމުގެ އިންޒާރު ލިބޭ ކަމުގައެވެ. އެތެރޭގެ އިންތިހާބުގައި ވަޒީފާގެ ނުުފޫޒު އިންތިހާއަށް އޮތް ކަމުގައި އިންތި އަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
MDP ge Ethereyge inthikhaabaa dhimaakoh @STELCOMALDIVES ge MD @ShareefRangondi Vaki bayaku beynunvaa gothakah vazeefaa dhinun vaguthun vaguthah hutaalumah govaalan , alhugandumei thikan varihama kohgen balaalah nuthibeynan @BondeM4 @Shiyamaldives @waddey_ @Dhonbiley @pcb_gov
— Hassan Shiyan (@HassanShiyaan) May 9, 2022
އިންތިގެ ޓީމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ނިސްބަތްކޮށް ވަޒީފާގެ ނުފޫޒު ބޭނުން ކުރާ ކަމަށާއި ސަރުކާރުގެ ތެރެއިން ވަކި ބަޔަކަށް ވަޒީފާ ދޭ ކަމުގެ ތުހުމަތު ކުރަމުންގެންދެއެވެ. މި ތުހުމަތު ތަކަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވެފައިވަނީ މައްސަލައެއް ވާ ނަމަ އެމައްސަލަ އެއް ބަލަންވީ ކަމުގައެވެ. ފައްޔާޒް ވިދާޅުވިގޮތުގައި އެމަނިކުފާނު ހާޒިރު ކުރެއްވި އެއްވެސް ކޮމިޓީ އެއް ނެތް ކަމަށާއި މައްސަލަ ބެލުމަށް މަޖިލީހުގައިވެސް ކޮމިޓީތައް ހިމެނޭއިރު މިއަދާ ހަމައަށް މައްސަލަ ބެލުމަށް އެއްވެސް ކޮމިޓީއަކަށް ހާޒިރުކޮށްފައި ނުވާކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، އިންތި އާއި ފައްޔާޒް ގެންދަވަނީ ކެމްޕޭން ހަރަކާތް ތައް ހިންގަމުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކޯޅުންތައް ގިނަވެ އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުކޮށް ރައީސް ނަޝީދާއި އަރިސް ބޭފުޅުން ފައްޔާޒް ސިފަ ކުރަނީ ބޯވައެއްގެ ގޮތުގަ އެވެ. އެކަމަށް ރައްދު ދެއްވައި ފައްޔާޒަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ވިދާޅުވެފައިވަނީ އެމްޑީޕީ އަކީ 40 މެމްބަރުންގެ މައްޗަށް އުފެދުނު ޕާޓީ އެއްކަމަށާއި އެހެން ކަމަށްވާނަމަ ދެން ތިއްބެވީ ހުސް ބޯވައިން ކަމުގައެވެ. ފަައްޔާޒްގެ ފަރާތުން މި އިންތިހާބުގެ ކެމްޕޭންގައި ބޭނުން ކުރައްވަނީ ”ހިންގާލަން“ ސްލޯގަންއެވެ. އަދި އިންތިގެ ފަރާތުން ”ތިލަފަތުގެ ރަމްޒު“ ކެމްޕޭންގެ ސްލޯގަންގެ ގޮތުގައި ބޭނުން ކުރަމުން ގެންދެއެވެ.
ޗެއަރޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

