މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގެ ހުށަހެޅުންތައް މުއްދަތު ހަމަވީފަހުން ހުށަހަޅާފައި ވާތީ އެ ބަލައިނުގަތުމަށް ޝަރީއަތުން ނިންމައިފި އެވެ.
މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހު އެވެ. މައްސަލައިގައި ހިމެނޭ ވ. އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ.
ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސް ގާޒީ އަހުމަދު ޝަކީލެވެ.
މައްސަލައިގެ އަޑުއެހުންތައް ފެށިގެން ކުރިޔަށް ދާއިރު، ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައި ވަނީ ނުބައިކޮށް މުއްދަތު ގުނުމުގެ ސަބަބުންނެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް، ދެ ފަރާތަށް ވެސް ދީފައި ވަނީ 15 ދުވަހުގެ މުއްދަތަކެވެ.
ގާޒީ ވަނީ މި މައްސަލައިގައި ހިމެނޭ ތިން ފަރާތުން މުއްދަތު ގުނި ގޮތާއި ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. އަދި ގާނޫނުގައި ބުނާ ހަމަތައް ދިރާސާ ކުރުމަށް އިތުރު ވަގުތުދީ، ސުވާލު ކުރުމުން ގާނޫނުގައި ބުނާ ހަމަތަކުން މުއްދަތު ހަމަވިފަހުން ހުށަހެޅުންތައް، ހުށަހެޅުނީކަން ދައުލަތާއި، ރައީސް ޔާމީން އަދި ނައީމްގެ ފަރާތުން އެއްބަސްވި އެވެ.
ގާޒީ ޝަކީލް ވިދާޅުވީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި މުއްދަތު ގުނަން ޖެހެނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ.
މައްސަލައިގައި ތިން ފަރާތުން ވެސް 15 ދުވަހުގެ މުއްދަތު ގުނީ، ބަންދު ދުވަސްތައް ނުހިމަނަ އެވެ. އެހެންކަމުން މުއްދަތު ހަމަވާނީ އޭޕްރިލް 27 އަށެވެ. ނަމަވެސް މުއްދަތު ހަމަވަނީ މި މަހުގެ 10 އެއްކަމަށް ބަލައި ހުށަހެޅުންތައް ހުށަހެޅީ 09 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ، އިސް ގާޒީ އަހުމަދު ޝަކީލް މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެންގެވީ ގާނޫނުގައި ބުނާ ހަމަތަކުގެ ތެރެއިން، މުއްދަތު ގުނައި ހުށަހެޅުންތައް ހުށަހެޅުމަށެވެ. ނަމަވެސް ދައުލަތާއި، ރައީސް ޔާމީން އަދި ޔޫސުފް ނައީމް ވެސް ހުށަހެޅުންތައް ހުށަހެޅީ މުއްދަތު ހަމަވީފަހުންނެވެ. އެހެންވެ އެ ބަލައިނުގަތުމަށް ގާޒީ ނިންމެވީ އެވެ.
ޖޫން މަހުގެ 02 ގައި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުން ބާއްވާ އިބްތިދާއީ މަރުހަލާ ފެށިގެން ދާނެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

