2022 ވަނަ އަހަރުގެ ފުރަތަމަ ތިން މަހު އިތުރުވި ދަރަންޏާއި އެކު، ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި، ކުއާޓާލީ ތަފާސް ހިސާބުތައް ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނަގާފައިވާ ލޯނުތަކާއި އެކު މިދިޔަ އަހަރު ނިމުނުއިރު ހުރި އަދަދަށް ވުރެ 4.3 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ.
ރާއްޖޭގެ ދަރަނީގެ ނިސްބަތް އިންތިހާއަށް އިތުރުވަމުން ދާއިރު، ކުރިޔަށް އޮތް ތިން މަހެއްގެ ތެރޭގައި 100 ބިލިއަނަށް ދަރަނި އަރާނެކަމަށް ބެލެވެ އެވެ. ދަރަނި މިހާ ބޮޑުވީ، ތަރައްގީގެ މަޝްރޫއުތަކާއި އަދި އެ ނޫންވެސް ބޭނުންތަކަށް ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާތީ އެވެ.
ޖުމްލަ ދަރަނިީގެ ނިސްބަތުން މިހާރު ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހެނީ 182،943 ރުފިޔާ އެވެ.
މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ލޯނެއް ނަގާފައި ވަނީ ކޮވިޑު-19 މެނޭޖު ކުރުމަށާއި، ތިލަމާލެ ބްރިޖް މަޝްރޫއަށެވެ. އެއީ 400 މިލިއަން ޑޮަލަރެވެ. އަދި ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ އަދަދު 19 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެ ހޭދަ ކުރަން ޖެހުނު ދެ އަހަރަށް ފަހު، އެތައް ގައުމެއްގެ އިގްތިސާދު އިނދަ ޖެހުނެވެ. އެތައް އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ކޮޅަށް ޖެހި، އިގްތިސާދާއި ހޯދި އާމްދަނީގެ ވަސީލަތްތައް ބަންދުވެގެން ދިއުމުގެ ސަބަބުން ބައެއް ގައުމުތައް ބަނގުރޫޓުވާ ހާލަތަށް ވެސް ދިޔަ އެވެ. އެހެންވެ އެފަދަ ގައުމުތަކުން އެޅި ބޮޑެތި ފިޔަވަޅުތަކުގެ ތެރޭގައި، ހަރަދު ބޮޑު މަޝްރޫއުތައް މަޑު ޖައްސާލުމާއި، ހަރަދުތަކަށް ވުރެ އާމްދަނީ ލިބޭނެ ވަސީލަތްތައް ފުޅާ ކުރުން ފާހަގަ ކުރެވެ އެވެ.
މި ބަލިމަޑުކަމުން އަރައިގަނެވުނު ތަނުން ދެން އެކި ގައުމުތަކުން ކުރިމަތިލާން ޖެހުނީ، ރަޝިއާ – ޔުކްރެއިންގެ ހަނގުރާމައިގެ އަސަރުތަކާއި އެވެ. ތަކެތީގެ އަގު އުފުލި، ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް ތެލުގެ އަގު އުފުލިފައިވާއިރު އޭގެ އަސަރު ދަނީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ވެސް ކުރަމުންނެވެ. ނަމަވެސް ބޮޑެތި ލޯނުތަކެއް ނަގައި ރާއްޖެ މަޝްރޫއުތައް ހިންގަމުން ދާ މިދަނޑިވަޅަކީ، ދައްކަން ޖެހޭ އިތުރު ބައެއް ލޯނުތައް ނުދެއްކި ވާ ވަގުތެކެވެ.
މިފަދަ އެކި ސަބަބުތަކާއި ހެދި އާއި، ފައިސާ ޗާޕު ކުރުމުގެ ސަބަބުން އަދި މިނިމަމް ވޭޖާއި، ރިސޯޓު ކުލިއަށް މައާފު ދިނުމުން އިންފްލޭޝަނަށް ކުރި އަސަރުތަކުން 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ވަނީ ދީފަ އެވެ. އަދި އެފަދަ ހާލަތެއް އުފެދިދާނެކަން މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަނަރު ވެސް ވިދާޅުވި އެވެ.
ނަމަވެސް ރައީސް ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެފަދަ ހާލަތެއް ނެތްކަމަށެވެ.

