ދިވެހި ދައުލަތުގެ މާލީ ރިޒާވް ކުރިއަށް އޮތް ޖުލައި މަހުގެތެރޭގައި ނުރައްކައުވާ މިންވަރަކަށް ދަށަށް ގޮސްދާނެކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގެ ދަރަނީގެ އަދަދު 100 ބިލިއަނާއި ގާތަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާފައިވާ ދަނޑިވަޅެއްގައި، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ވަޓްސްއެޕްއަށް މެސެޖެއް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދަރަނިތައް ރީޝްޓްރަކްޗާ ކުރުމަކީ މުހިއްމު ކަމެއްގެ ގޮތަށް ވޭތުވެދިއަ ދެއަހަރެއްހާ ދުވަސްތެރޭގައި ވިދާޅުވެފައިވަނީ، އެފަދައިން އަމަލު ނުކޮއްފިނަމަ ކުރިމަތިވެގެންގޮސްދާނެ ބޮޑެތި ތަކްލީފް އިންގިލައްވާތީކަމަށާއި، 2023 ގައި ދިވެހި ރާއްޖެއަށް ދަރަނިތައް އަދާކުރުމަށް ދަތިތައް ކުރިމަތިވެގެންދާނެކަމަކީ ކުރިންވެސް ފާހަގަކުރައްވާފައިވާކަމެއް ކަމަށް ރައީސް ނަޝީދުވަނީ އިޝާރާތްކުރައްވާފައިއެވެ.
ކައިރި މުސްތަގުބަލެއްގައި ދަރަނިތައް ދައްކަން ޖެހިގެންދާނެ އަދަދުތައް ސާފުނުވާކަމަށާއި، އެކަން ކުރުމަށް ފައިސާ ހޯދުމަށް ކުރަން ހުރި މަސައްކަތްތައް އެންގެން ނެތްކަމަށްވުމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިކަންކަން ބަލަން އިންތިހާއަށް މުހިއްމުވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކެއްކަމަށްވާ ޖޭޕީ މޯރގަންއިންވެސް މިފަދަ އިޝާރާތްތަކެއް ކޮށްފައިވެއެވެ.
ދިވެހި ރާއްޖޭގެ މާލިއްޔާތު ދަށަށް ދިއުމުގެ އިޝާރާތްތަކެއް ރައީސް ނަޝީދު ކުރައްވާފައިވާ އިރު، މިކަމާއި ގުޅިގެން އެމެރިކާގެ އިސް އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯރގަންއިން ބުނެފައިވާގޮތުން، 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ މާލީ ރިޒާވް ހުސްވެދިއުމުގެ ބިރުތަކެއްވަނީ ހީވެފައިއެވެ. އަދި އެ ބޭންކުން ކޮށްފައިވާ ދިރާސާތަކުން ފާހަގަކުރެވިފައިވާ ގޮތުންނަމަ، ކައިރި މުސްތަގުބަލެއްގައި މާލިއްޔާތަށް ދަތިތަކެއް ދިމާވެ، އަވައްޓެރި ސްރީލަންކާ ފަދައިން ދަރަނިތައް ނުދެއްކުމުގެ ސަބަބުން ”ޑެޓް ޑީފޯލްޓަކަށް“ ގޮސްދާނެ ގައުމުތަކުގެ ތެރޭގައި، ދިވެހި ރާއްޖެވެސް ހިމެނެއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އެމަނިކުފާނު ވަނީ މިފަދަ ވާހަކަތަކެއް ދައްކާވާފަ އެވެ. ރާއްޖޭގައި މިވަގުތު ސަރުކާރުން ހިނގަމުންދާ ބޮޑެތި މަޝްރޫއުތަކާއި މެދު ރައީސް ނަޝީދު ވިދާޅުވީ، ދިވެހި މާލިއްޔާތައް އަދި ދުނިޔޭގެ މަޝްރަހަށާއި އިގްތިސާދަށް އަންނަ ބަދަލުތަކާއި، އަވައްޓެރި ސްރީލަންކާއަށް ދަރަނީގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ މައްޗަށް ވިސްނައި، ސަރުކާރުން ހިންގަމުންދާ ބްރިޖު އެޅުން ފަދަ މަޝްރޫއުތައް މަޑުޖައްސާލަން ފެނިވަޑައިގަންނަވާކަމަށެވެ.
ޖޭޕީ މޯގަން އިން އަދި ރައީސް ނަޝީދު ވެސް މަލިއްޔާތަށް ދަތިތަކެއް ދިމާވެދާނެކަމުގެ އިޝާރާތްތަކެއް ކޮށްފައިވާ އިރު، ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ޖޭޕީ މޯގަންއިން ބުނެފައިވާ ވާހަކަތައް ދޮގުކުރައްވާފައިއެވެ. އަމީރު ވިދާޅުވީ، ދިވެހި ރާއްޖެއަށް ދަރަނިތައް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައި ނުވާކަމަށެވެ. އަދި ދަރަނިތައް ދެއްކޭނެކަމުގެ ޔަގީންކަަން ދެއްވާކަމަށާއި، ދިވެހި ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢތަކަކީ ބޭނުންތެރި މަޝްރޫޢތަކެއް ކަމަށްވެސް މިނިސްޓަރ ވަނީ އިޝާރާތް ކުރައްވާފަ އެވެ.
ޖޭޕީ މޯރގަންގެ އިތުރުން ވޯލްޑް ބޭންކުން ވެސް ވަނީ ދިވެހި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ދަތިތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެއިން ދެއްކުމަށް ކަނޑައެޅިފައިވާ ދަރަނިތައް ދެއްކުމުގައި އެއްވެސް ދަތިތަކެއް ކުރިމަތިވެފައިނުވާކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް، ދިވެހި ރައްޔިތުން ކުރަމުންދާ ހަރަދުތައް ކުޑަކުރަން ދާދި ފަހުން އިލްތިމާޒްކުރެއްވިކަންވެސް ފާހަގަކޮށްލެވެއެވެ.
ދިވެހި ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސް ސްރީލަންކާއަށް ދިމާވެފައިވާ ފަދަ ހާލަތެއް ކުރިމަތި ވެދާނެ ކަމުގެ ފާޑުކިޔުން އެކި ފަރާތްތަކުން ސަރުކާރަށް އަމާޒު ކުރަމުންދާ އިރު، ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްވެސް ވަނީ މިފަދަ ބަސްތަކެއް ސަރުކާރަށް އަމާޒު ކުރައްވާފައިއެވެ. އެހެންކަމުން ރައީސް ޔާމިން ވިދާޅުވީ، މިހާރު އެޅުމަށް ނިންމާފައިވާ ތިލަމާލެ ބްރިޖް ފަދަ ބޮޑެތި ބިޔަ، މަޝްރޫއުތައް ހުއްޓާލުމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަ ކަމަށެވެ.

