ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ ދަތިކަމެއް ނެތް، މިއަހަރު އިގްތިސާދު އަސްލު ސައިޒަށް ރުޖޫއަވާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ހާލަތު ދަށްވެ، ރާއްޖޭގެ ދަރަނީގެ ނިސްބަތް އިތުރުވެފައި ވީ ނަމަވެސް އެ އަނބުރާ ދެއްކުމުގައި އެއްވެސް ގޮންޖެހުންތަކެއް ނެތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބު ރިޕޯޓު ދައްކާގޮތުގައި، ރާއްޖޭގެ ދަރަނި ހަތަރު މަހުގެ ތެރޭގައި 4 ބިލިއަން އިތުރުވި އެވެ. މިއާއި އެކު ރާއްޖޭގެ ޖުމްލަ އަދަދު 98 ބިލިއަނަށް އަރާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރަސްމީ ރިޒާވް ދަށްވުމާއި އަދި އެ ނޫންވެސް ބައެއް ސަބަބުތަކާއި ހުރެ، މިއީ ބޮޑެތި މަޝްރޫއުތައް ހިންގަން އެންމެ އެކަށީގެންވާ ވަގުތެއް ނޫންކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ރަޝީޔާ ޔޫކްރެއިން ހަންގުރާމަ ފަދަ ކަންކަމުގެ ސަބަބުން ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި، ރިޒާވް ހުސްވެ ލޯނުތައް އަންބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމެވެ.

އެގޮތުން ރަޝިޔާއާއި ޔޫކްރެއިން ދޭތެރޭގައި ހިނގަމުންދާ ހަންގުރާމައިގެ ސަބަބުން ދުނިޔޭގެ މަޝްރަހުތަކަށް ކުރަމުންދާ އަސަރުތަކާއި އައިސްފައިވާ ބަދަލުތަކަށް ޖޭޕީ މޯރގަންއިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ލޯނު ޑީފޯލްޓަކަށް ދާނެ ކަމަށް ލަފާ ކުރެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

ދަރަނީގެ މައްސަލައިގައި މީޑިއާތަކުގައި އެކި ރިޕޯޓުތައް އާއްމުވެފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވް ނުރައްކާވާ މިންވަރަށް ދަށްވާނެކަމަށް ވިދާޅުވެފަ އެވެ.

އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޮވިޑް ލެވެލްގައި ދެމެހެއްޓޭނެކަމަށް އަމީރު ވިދާޅުވީ މި ސަބަބާއި ހުރެކަމަށް ބެލެވެ އެވެ. ޓްވީޓެއް ކުރައްވައި އަމީރު ވިދާޅުވީ، ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތްކަމަށާއި، ދަރަނި ދެއްކުމުގެ ގާބިލުކަން ދައުލަތުގެ އެބަހުރި ކަމަށެވެ.

މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައިކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށެވެ. އެހެންކަމުން މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ގާތުން ބަލަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

ދިމާވާ އެކި ގޮންޖެހުންތަކަށް ފިޔަވަޅު އަޅަމުން ދިއުމާއި އެކު، މި އަހަރުގެ ރިޒާވްއިން ގޮންޖެހުންތައް ކުރިމަތި ނުވާނެކަމަށް އަމީރު ވިދާޅުވި އެވެ.

ލަންކާ އޮތް ހާލަތަށް ރާއްޖެ ގޮސްދާނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އަމީރު ވިދާޅުވީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ހާލަތެއް ނެތްކަމަށެވެ. މިއީ ބޭރުގެ އިންވެސްޓަރުންނާއި، އެހެން ފަރާތްތަކަށް ހަގީގަތް އޮޅޭފަދަ މަންޒަރުތަކެއް ދެއްކުންކަމަށް އަމީރު ސިފަ ކުރެއްވި އެވެ. އަދި ރާއްޖެއާއި ގުޅޭގޮތުން ގޯސް ތަސައްވުރެ އުފެދި، މާކެޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް އަމީރު ވިދާޅުވި އެވެ.

“ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް. މިފަދަ ވާހަކަތަކަކީ ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމެއް. އިގްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއް.” އަމީރު

މީގެއިތުރުން އަމީރު ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށް ވެސް ފޯރާނެކަމަށެވެ. އަދި ވިދާޅުވީ މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެންކަމަށާއި، ސަރުކާރުން ހާލަތު މޮނީޓާރ ކުރަމުންދާކަމަށެވެ.

ބައެއް ތަފާސްހިސާބުތައް ވެސް އާއްމުކޮށް އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަލުވިކަމާއި އެކު ދަނީ ކުރިއަރަމުން ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ކޮވިޑް-19 ގެ ކުރީގެ އިގްތިސާދަށް ރުޖޫއަވެވޭނެކަމަށް ވިދާޅުވި އެވެ.

“މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްހީ އަދި އިގްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ.” އަމީރު

ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީ އިތުރުވެފައިވާއިރު އަމީރު ވިދާޅުވީ ރިޒާވް އިމްޕެކްޓް ކުޑަކުރުމަށް އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓް 175 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނެހެން ހަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސް ކުރުންކަމަށެވެ. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުންކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނީގެ ނިސްބަތް އިންތިހާއަށް އިތުރުވަމުން ދާއިރު، ކުރިޔަށް އޮތް ތިން މަހެއްގެ ތެރޭގައި 100 ބިލިއަނަށް ދަރަނި އަރާނެކަމަށް ބެލެވެ އެވެ. ދަރަނި މިހާ ބޮޑުވީ، ތަރައްގީގެ މަޝްރޫއުތަކާއި އަދި އެ ނޫންވެސް ބޭނުންތަކަށް ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާތީ އެވެ.

ޖުމްލަ ދަރަނިީގެ ނިސްބަތުން މިހާރު ކޮންމެ ދިވެއްސެއްގެ ބޮލަށް ޖެހެނީ 182،943 ރުފިޔާ އެވެ.

މި ސަރުކާރުން ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ލޯނެއް ނަގާފައި ވަނީ ކޮވިޑު-19 މެނޭޖު ކުރުމަށާއި، ތިލަމާލެ ބްރިޖް މަޝްރޫއަށެވެ. އެއީ 400 މިލިއަން ޑޮަލަރެވެ. އަދި ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ އަދަދު 19 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: