މާލީ ދަތިކަމާއި ގުޅިގެން، އަލަށް ފެށުމަށް ކަނޑައެޅިފައިވާ މަޝްރޫއތަކުގެ ތެރެއިން މަޑުޖައްސާލާ ފަހުން ކުރިއަށް ގެންދާނީ ކޮން ޕްރޮޖެކްޓުތަކެއްކަން އަދި ނިންމާފައި ނުވާކަމަށް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެެވެ.
މާލީ ދަތިކަމާއި ގުޅިގެން، ދިވެހި ރާއްޖޭގައި ހިންގަން ކަނޑައަޅާފައިވާ ބައެއް މަޝްރޫޢުތައް ހުއްޓާލައިފައިވާކަމަށާއި އެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވެފައިވާ ކަމަށް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އެ ކަމާއި ގުޅުވައި ސުވާލު ކުރެއްވުމުން، މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މާލީ ދަތިކަމާއި ގުޅިގެން ހިނގަހިނގާ ހުރި މަޝްރޫޢުއެއް އަދި ”ޔަގީނުންވެސް“ ހުއްޓާލައިފައި ނުވާނެކަމަށެވެ.
މާލީ ދަތިކަމާއި ގުޅިގެން ހިނގަހިނގާ ހުރި މަޝްރޫޢުއެއް ހުއްޓާލައިފައި ނުވާނެކަމަށް ފާހަގަކޮށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ކުރިއަށް އޮތްތާ ފެށުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫޢު ތަކުގެ ތެރެއިން، މަޑުޖައްސާލުމަށް އަދި ފަހުން ކުރިއަށް ގެންދިއުމަށްވެސް ޕްރޮޖެކްޓްތަކެއް ކަނޑައެޅިފައިނުވާކަމަށެވެ.
ރާއްޖޭގައި ސަރުކާރުން މިވަގުތު ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިންނާއި، ކުރިއަށް އޮތްތާ ފެށުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ ތެރެއިން ވަކި މަޝްރޫއުތަކެއް ހުއްޓާލުމަށް ނުވަތަ މަޑުޖައްސާލުމަށްވެސް ކަނޑައެޅިފައިނުވާކަން ފާހަގަކޮށް އިތުރަށް ވާހަކަދައްކަވަމުން ހައުސިންގް މިނިސްޓަރ އަސްލަމް ވިދާޅުވީ، މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ހައުސިންގް މިނިސްޓްރީއިން އެދުނުކަމަށް ވީނަމަވެސް، ފިނޭންސް މިނިސްޓްރީއިން އެކަމަށް ހުއްދަ ހޯދަން ޖެހޭނެކަމަށެވެ. އަދި މަޝްރޫއުތައް މިވަގުތު ކުރިއަށް ގެންދާނީތޯ ނުވަތަ ހުއްޓާލާނީތޯވެސް ނިންމާނީ ފިނޭންސް މިނިސްޓްރީންކަމަށް އެނާ ފާހަގަކުރެއްވިއެވެ.
މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭކަމަށް ފާހަގަކޮށް އިތުރަށް ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މާލީ ހާލަތާއި ގުޅިގެން ދިވެހި ރާއްޖޭގައި ހިންގަމުންދާ މަޝްރޫއތަކުގެ ތެރެއިން ކޮން މަޝްރޫއުއެއްތޯ މަޑުޖައްސާނީ ނިންމުމުގައި އެންމެ އިސް ފަރާތަކީ، ފިނޭންސް މިނިސްޓްރީކަމަށެވެ. އަދި މިއަހަރު ހިންގަން ހުރި މަޝްރޫޢުތަކުގެ ތެރެއިން އަދި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދިއުމަށް ގަސްތުކޮށްފައި ނެތްކަމަށްވެސް އަސްލަމް ފާހަގަކުރެއްވިއެވެ.
މާލީ ހާލަތާއި ގުޅުވައި ހިންގަމުންދާ މަޝްރޫޢުތައް އަދި ކުރިއަށް އޮތްތާ ހިންގުމަށް ކަނޑައެޅިފައިވާ މަޝްރޫއތަކުންވެސް، ހުއްޓާލަން ނުވަތަ މަޑުޖައްސާލުމަށް ވަކި ޕްރޮޖެކްޓެއް ކަނޑައެޅިފައި ނެތްކަމަށް، މިނިސްޓަރ އަސްލަމް ވިދާޅުވެފައިވާއިރު، ދިވެހި ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑަައެޅިފައިވާ ބައެއް މަޝްރޫޢުތައް ހުއްޓާލާފައިވާ ކަމަށާއި އިރުތުރު ބޮޑު މަޝްރޫޢުއެއް ފައްޓަވަން ނުވިސްނާކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ވިދާޅުވެފައިއެވެ. އަދި ފެށުން ހުއްޓާލައިފައިވާ މަޝްރޫޢތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ދެއްވާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެފައިވާކަމަށް ފާހަގަކުރެވެއެވެ.

