ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ހޮޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފި!

ހޮޅުދޫ ކައުންސިލްއާއި އެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ހޮޅުދޫގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލުގެ އިދާރާގައެވެ.

ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޭނާ ސްކޫލު އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުންނާއި ކުޅިވަރު މަރުކަޒެއް ބިނާކުރުމާއި ހޮޅުމީދޫ ތަރައްޤީކުރުމާއި ގުޅޭގޮތުންނާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި އަދި ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ އާ އިމާރާތާއި ގުޅޭގޮތުން ކައުންސިލުން ހުރި ކަންބޮޑުވުންތަކާއި ހޮޅުދުއަށް ޖާގަ ބޮޑު މިސްކިތެއްގެ މުހިންމުކަމާއި ފުލުހުންގެ އިމާރާތުގެ މަސައްކަތް އަވަހަށް ފެށުމާ ގުޅޭގޮތުންނާއި އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަމާ ބެހޭގޮތުން ކައުންސިލުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޭނާ ސްކޫލް އެއް ކެންޕަސްއަކަށް ބަދަލުކުރުމުގެ މަސައްކަތް ރޭވިފައިވާ ގޮތަށް ކުރިޔަށްދާނެކަމަށާއި އަދި ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރެވުމުން އެ ރަށުގައި ސަރުކާރުން އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް، ފެނުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ފެށިގެންދާނެކަމަށާއި އަދި ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމުގެ މަޝްރޫޢުވެސް ބަޖެޓުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފުލުހުންގެ އިމާރާތަށް ބޭނުންވާ ވަޞީލަތްތަކާއެކު ޤާއިމުކޮށް އެ މަސައްކަތްވެސް ކަނޑައެޅިފައިވާގޮތަށް ކުރިޔަށް ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ވެސް ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: