ސްޓެލްކޯގެ ފަރާތުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ކޮށްފައެއް ނޯންނާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާާ އަހަމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއަށް 25 އަހަރުވުމާއި ގުޅިގެން އެކަމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް މަޖުބޫރުވެފައިވާކަމަށެވެ. އަދި އެ އިތުބާރު ހޯދޭނެ ހަމައެކަނި ގޮތްކަމަށް ޝަރީފް ވިދާޅުވީ ރައްޔިތުންނަށް ފަސޭހައިން ދޭހަވާނެ ގޮތަކަށް ކަރަންޓު ބިލް ބޮޑުވާ ގޮތާއި އަދި އެއީ ކިހިނެއް ކަރަންޓު ބޭނުން ކުރެވިގެންތޯ އޮޅުންފިލުވައި ދެވިގެންކަމަށެވެ. މިއީ ސްޓެލްކޯއަށް މިހާރު އޮތް އެންމެ ބޮޑު ޗެލެންޖްކަމަށް ޝަރީފް ވިދާޅުވިއެވެ.
ކަރަންޓް އިގްތިސާދު ކުރެވޭނެ ގޮތާއިމެދު ސްޓެލްކޯގެ ސްޓާފުން ހޭލުންތެރިކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ރޭވިފައި އެބަ ހުރިކަމަށާއި އަދި އެއަށްފަހު ސްޓާފުންގެ ފަރާތުން އާންމު ރައްޔިތުން ހޭލުންތެރިކުރާނެ ގޮތެއް ހޯދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯގެ ލަނޑުދަޑިއަކީ ރައްޔިތުންނާއި ރައްޓެހި ފަސޭހައިން ހިދުމަތްދޭ އަދި ފަސޭހައިން ރައްޔިތުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭ ކުންފުޏަކަށް ހެދުންކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެބޭފުޅުންގެ މިސްރާބު ބަދަލުކޮށް ސަރުކާރުން ސަބްސިޑީ ދޭނެކަމަށް ބަރޯސާވެގެން ތިބޭ ތިބުން ހުއްޓާލާނެކަމަށެވެ. އަދި ހިދުމަތުގެ އަގު ކުޑަ ކުރާނީ އެބޭފުޅުންގެ އަމިއްލަ ބާރުންކަމަށް ވިދާޅުވިއެވެ.

