ބީޖޭޕީއިން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި، ބަޔާނެއް ނެރެން އެތައް ދުވަހެއް ވީނަމަވެސް، ޔޯގާގެ ހިމާޔަތުގައި ރައީސް ސޯލިހު ޓްވީޓެއް ކުރަން ނެންގެވީ މަދު ވަގުތުކޮޅެކެވެ.
އިންޑިއާގެ ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ، މުޅި ދުނިޔޭގެ ސަމާލު ކަމަށް އައިސް، ދިވެހި ރާއްޖޭގެ ދީނީ ފަރާތްތަކާއި، ސިޔާސީ ފަރާތްތަކުގެ އިތުރުން އާންމުންވެސް އެކަން ކުށްވެރިކުރަމުން ދިޔަ ނަމަވެސް، ދިވެހި ސަރުކާރުން އެކަން ކުށްވެރި ކުރީ، އެތަކެއް ދުވަސް ފަހުންނެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާއި ގުޅުވައި ސުވާލު ކުރުމުން، ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނުގެ ސަމާލު ކަމަށް އެކަން އައުމާއި އެކު ވާނީ ލަސްތަކެއް ނުވެ، އެ ކަން ކުށްވެރި ކޮށްފައިކަމަށެވެ. ނަމަވެސް، ނުޕުރ ޝަރުމާގެ ފަރާތުން ފެނިގެންދިއަ ފުރައްސާރައިގެ އަމަލު ކުށްވެރިކޮށް ބަޔާނެ ނެރިފައިވަނީ، ރައީސް އޮފީހަކުން ނޫނެވެ. އެ ބަޔާން ނެރިފައިވަނީ، ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީއިންނެވެ.
ބީޖޭޕީގެ ތަރުޖަމާނު ރަސޫލާއަށް ފުރައްސާރަ ކުރިމައްސަލައިގައި ފޮރިން މިނިސްޓްރީން ބަޔާނެއް ނެރިފައިވީނަމަވެސް، އެ ބަޔާނުގައިވެސް ބުނެފައިވަނީ، އިސްލާމް ދީނާއި ދެކޮޅަށާއި، ރަސޫލާއަށް ފުރައްސާރަކޮށް ހިންގާ ކޮންމެ އަމަލެއްވެސް ރާއްޖެއިން ކުށްވެރި ކުރާކަމަށެވެ. އެގޮތުން ބީޖޭޕީގެ ބައެއް އޮފިޝަލުން، ކީރިތި ރަސޫލާ އަދި އިސްލާމް ދީނާއި ގުޅުވައި ދައްކާފައިވާ ވާހަކަތަކާއި މެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަމަށެވެ. އަދި ކީރިތި ރަސޫލާ އާއި، އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ އަމަލު އިންޑިއާ ސަރުކާރުން ކުށްވެރިކޮށްފައިވާތީ، އެކަމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާކަމަށެވެ. އެއްވެސް ހާލަތެއްގައި ދިވެހި ސަރުކާރުން އިންޑިއާގެ ބީޖޭޕީގެ އިސް ބަޔަކު ހިންގާފައިވާ ހުތުރު އަމަލު ކުށްވެރި ކުރާކަމަކަށް އެ ބަޔާނަކު ބުނެފައިނުވެއެވެ.
މި ނޫނަސް މިފަދަ އެތައް ކަމެއް ދިވެހި ސަރުކާރުގެ ފަޅިން މިފަހަކަށް އައިސް ފެންނަމުން ދެއެވެ. މިސްކިތަކަށް އަރާ މީހަކު، ކުޑަކަމުދިއުން ފަަދަ ކަންކަންވެސް އެތައް ފަހަރެއްގެ މަތިން ހިންގައިދިޔައެވެ. އަދި އެއީވެސް އެކަކުގެ ފަރާތުންނެވެ. އެހެން ނަމަވެސް އެ ފަރާތަކީ، ބުއްދި ހަމަނުޖެހޭ މީހެއްކަމަށް ބަލައި ނިންމާލަނީއެވެ. އަދީ ހާއްސަ ގޮތަކަށް ދީނަށް ފުރައްސާރަކޮށް ދިވެހި ޖަމިއްޔާއަކުން ރިޕޯޓެއް ނެރުން ފާހަގަކޮށްލެވެއެވެ.
ދިވެހި ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯރކުން، އިސްލާމް ދިނާއި ގުޅުވައި ނެރިފަިވާ ރިޕޯޓެއް މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސް އެތައް ބަޔެއްގެ ރުޅިވެރިކަން އެކަމަށް އަމާޒުވުމުން، ރައީސް ސޯލިހު ވަނީ އެކަން ހުއްޓުމަކަށް ގެނެސްފައިކަމަށް އެންމެން ހީކޮށްގެން ތިބިނަމަވެސް، އެކަން ހަމަ ދަނީ ކުރިއަށެވެ. އެ ޖަމިއްޔާއަށް އެޅުނު ފިޔަވަޅަކީ، ނަން އުވާލުންކަމަށް އިދިކޮޅު ޕާޓީތަކުން ފާހަގަކުރިނަމަވެސް އެކަންވެސް ކުރުވާފައިވާހެން ހީނުވެއެވެ. ޖަމިއްޔާގެ އިސްވެރިން ގޮތަށް ތިބި މީހުން ދިވެހި ދައުލަތުގެ މުހިއްމު މަގާމުތަކުގައި ތިބިކަމަށް، އިދިކޮޅުން ފާހަގަ ކުރިނަމަވެސް، އެކަން ދޮގަކަށް ނުވާނެއެވެ. އަދި އޭގެ އިތުރުން އެމްޑީއެން ގެ ނަމުގައި ނަން ދެވިފައިވާ މި ޖަމިއްޔާގެ ވެބްސައިޓްގައި އެފަދަ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދެއެވެ. އެގޮތުން މަޝްހޫރުކަން ހޯދި ”ލާދީނީ“ ރިޕޯޓް 2021 ވަނަ އަހަރުގެ ތެރޭގައި އަލުން އެ ވެބްސައިޓަށް ޝާއިއުކޮށްފައިވެއެވެ.
ދާދި ފަހުން ދީނަށް ފުރައްސާރަ ކުރުމުގެ އިތުރު މައްސަލައެއްވަނީ ފެންމަތިވެފައިއެވެ. އެގޮތުން ”ހަފްތާރެސް“ ގެ ނަމުގައި ކުރިއަށް ގެންދިއަ ޕްރޮގްރާމެއްގެ ތެރެއިން ހަރުކަށި ފިކުރަށް ސުކޫލު ކުށްޖަކު ގޮސްދާނެކަމަށް ޕްރޮފައިލް ކުރާ ލިސްޓެއް އާންމުވެފައިއެވެ. މި ލިސްޓުގައި ބުނެފައިވާގޮތުން، ދިވެހި ސުކޫލުތަކުގައި ކިޔަވާކުން، ސުކޫލު ގަޑީގައި، ނަމާދު ވަގުތު ޖެހުމުން، ނަމާދު ގާއިމު ކުރުން، ގިނަ ވަގުތު މިސްކިތުގައި ހޭދަކުރުން، ފުރާވަރު ކުދިން ތުނބުޅި ބެހެއްޓުން ފަދަ ކަންކަމަކީ ހަރުކަށި ފިކުރަށް ގޮސްދާނެކަމުގެ އަލާމާތްތަކެވެ. އެހެންނަމެވެސް، ވަގުތު ޖެހުމުން ނަމާދު ކުރުމަކީ އިސްލާމް ދީނުގައި ވާޖިބު ކަމެކެވެ. އަދި ފުރާވަރަށް ދިއުމުން ތުނބުޅިއަކީ ފަޅަން ފަށާއެއްޗަކަށް ވުމުން، ބައެއް ކުދިންނަށް އެކަން ރީތިވުމުންވެސް ބަހައްޓައެވެ. އަދި ބައެއް ފަރާތްތަކުން ސުންނަތުން ބައެއް ގޮތަށްވެސް އެކަން ކުރެއެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ މިފަދަ ގިނަ އަމަލުތަކެއް މިފަދައިން ބައްޓަންވެފައިވާއިރު، ޖޫން މަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ޔޯގާ ގެ ދުވަސްކަމަށް ވުމުން، ރާއްޖޭގައި އެކަމަށް ހަރަކާތްތަކެއް ހިންގިއެވެ. ނަމަވެސް އެތައް ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލާ، އެ ހަރަކާތް ނުހިންގުމަށް ގޮވާލި ނަމަވެސް، ކުރިއަށް ގެންދިއުމުން، ރުޅިވެރިކަން އިތުރުވެފައިވާ ރައްޔިތުންތަކެއްވަނީ އެ ހަރަކާތް ހިންގި ގަލޮޅު ސްޓޭޑިއަމްއަށް ވަދެ، ޔޯގާ ޑޭގެ ހަރަކާތް ހުއްޓުވާފައިއެވެ.
ހުއްޓުވުމުގެ ތެރޭގައި ހިންގައިދިޔަ އަމަލުތަކައް އެއްވެސް ވަރެެއްގެ ހިތްވަރެެއް ދޭން ބޭނުމެއް ނޫނެވެ. އަދި އެކަމަށް ތަރުހީބެއްވެސް ނުދެމެވެ. އަދި އެހެން ގައުމެއްގެ ބަޔަކު ދިވެހި ރާއްޖޭގައި ބިރުން ތިބެން ޖެހުމަކީ، ވެގެންވާނެ ކަމެއް ނޫންކަމަށްވެސް ދެކެމެވެ. ނަމަވެސް އެކަމާއި ދުރަށް އަލި އަޅުވައި، އެއަށް ފަހު ރައީސް ސޯލިހު ކަން ކުރެއްވި ގޮތަށް ބަލައިލަމާހެއްޔެވެ. ރައީސް ސޯލިހުވަނީ އެ މަނިކުފާނުގެ އަމިއްލަ ޓްވީޓަރއިން އެ އަމަލު ކުށްވެރިކޮށް، އިންސާފު ގާއުމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިއެވެ. އަދި ވެރިކަން ކުރާ މައި ޕާޓީއިންވެސް ވަނީ އެކަން ކުށްވެރި ކޮށް ބަޔާނެއް ނެރިފައިއެވެ. މިކަމުގައި ފާހަގަ މި ކޮށްލެވުނީ، ރަސޫލާއާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން އެކަން ކުށްވެރި ކުރަން ނެގި ދުވަސްތަކާއި، ޔޯގާގެ ހިމާޔަތުގައި ނުކުތުމަށް ނެގި މަދު ވަގުތު ކޮޅެވެ.

