ގަލޮޅު ދަންޑުގައި ހިންގައިދިޔަ ޔޯގާ ޑޭގެ ހަމަނުޖެހުމުގައި ޝާމިލުވި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނުހިމަނައި، ވަޒީރުންގެ މަޖިލީހުގެ ސަބްކޮމެޓީއެއް އެކުލަވާލައިފިއެވެ.
ޔޫތު މިނިސްޓްރީއިން، އިންޑީއާގެ ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗަރ ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދިއަ ބައިނަލް އަގުވާމީ ޔޯގާ ޑޭގެ ހަރަކާތްތައް، ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ވަގުތު އެތަނަށް ބަޔަކު މީހުން ވަދެ، ހަރަކާތް ހުއްޓުވައިފައިވާ މައްސަލަ ބެލުމަށް ވަޒީރުންގެ މަޖިލީހުން އެކުލަވާލައިފައިވާ ސަބްކޮމިޓީގައި ހިމެނެނީ، އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ އަޙްމަދު ޒާހިރު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް، އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.
ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ވަގުތު ހިންގައިދިޔަ ހަމަ ނުޖެހުމުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް، ޖުމުލަކޮށް ހަތް މެމްބަރަކު ހިމެނޭ ގޮތަށް ވަޒީރުންގެ މަޖިލީހުން، ސަބް ކޮމެޓީއެއް އެކުލަވާލި އިރު، މި ކޮމިޓީގައި، ދިވެހި ގައުމުގެ ސަލާމާތާއި، ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ ޒިންމާ އެޅިފައިވާ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ނުހިމެނެއެވެ.
ސަބްކޮމިޓީއެއް އެކުލަވާލަން ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ބައިވެރިންވަނީ، ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށްދިޔަ ވަގުތު ހިންގައިދިޔަ ހަމަނުޖެހުންތައް ކުށްވެރިކޮށްފައިއެވެ. މި ހަމަ ނުޖެހުމާއި ގުޅިގެން، ހަ މީހަކު މިހާތަނަށް ފުލުހުންގެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީއިންވެސް ވަނީ، މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިއެވެ. ވެރިކަން ކުރާ މައި ޕާޓީގެ އިތުރުން، ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ، ފޮރިން މިނިސްޓްރީ ފަދަ މުއައްސަސާތަކުންވެސް ވަނީ މި ހަމަ ނުޖެހުމާއި ގުޅިގެން ބާޔަން ނެރި އެ އަމަލު ކުށްވެރިކޮށްފައިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ، ޔޯގާ ޑޭ ހުއްޓުވަން ހިންގި ހަމަނުޖެހުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ބުނެފައިއެވެ.
ޔޯގާ ޑޭގެ ހަރަކާތްތައް ހުއްޓުވައި ދިނުމަށް، ފުލުހުންގެ މުއައްސަސާގައި އާންމު ފަރާތަކުން އެދިފައިވެއެވެ. އަދި، އެ ހަރަކާތް ބޭއްވުމަށް ފުރަތަމަ ހަމަޖައްސާފައިވަނީ، ރަސްފަންނު ކަމަށް ވީއިރު، އާންމުންގެ ޝަކުވާތައް ގިނަވެގެންގޮސް މާލެ ސިޓީ ކައުންސިލުންވަނީ އެސަރަހައްދު، ޔޯގާޑެ ގެ ހަރަކާތް ހިންގުމަށް ނުދޭން ނިންމާފައިއެވެ. މާލެ ސިޓީން ރަސްފަންނު ނުދޭން ނިންމުމުން، ޔޫތު މިނިސްޓްރީންވަނީ، އެ ހަރަކާތްތައް ގަލޮޅު ދަންޑުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމުކޮށްފައިއެވެ. ޔޯގާ ޑޭގެ ހަރަކާތް ކުރިއަށްގެންދިއަ ވަގުތު އެތަނަށް ގިނަ އަދަދެއްގެ މީހުން ވަދެ، ވަނީ ހަމަނުޖެހުންތަކެއް ހިންގާފައިއެވެ. މިއަމަލުތައް ރައީސް ސޯލިހުވަނީ، ކުށްވެރިކޮށްފައިއެވެ. އަދި އިންސާފު ގާއިމު ކުރާނެކަމަށްވެސް ވިދާޅުވެފައިއެވެ.
ޔޯގާ ޑޭގެ ހަރަކާތާއި ގުޅިގެން، ގަލޮޅު ދަނޑުގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާއިރު، ޓްވީޓެއް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތައް ފުލުހުންގެ މުއައްސަސާއިންވަނީ، ތަހުގީގު ކުރަން ފަށާފައި ކަމަށާއި، މި އަމަލަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ހަމަނުޖެހުމުގައި ޝާމިލުވި ފަރާތްތަކުގެ މައްޗަށް ލަސްނުވެ، އިންސާފު ގާއިމު ކުރައްވާނެ ކަމަށް، ރައީސް ސޯލިހު ވިދާޅުވިއެވެ.

