ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ވެރިކަން ހޯދަން މަސައްކަތް ކުރައްވަން ވާނީ 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުތައް މިހާރު ހުރި ހިސާބެއް ބެލުމަށްފަހުގައި ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުން ތިބީ މިސަރުކާރުން ވެފައިވާ ވައުދު ތަކާއި އަދުލު އިންސާފު ގާއިމްކުރުމަށް ދެއްކި ވާހަކަތައް ނުހަނު ކަނުލައި އަޑުއަހައިގެން ކަމަށެވެ. ވެރިކަމަށް ރައްޔިތުން އިންތިހާބު ކުރި ދައުރު ހަމަވާން ކައިރިވުމުން އަނެއްކާވެސް ކޯލިޝަން ހެދުމަށް ޕާޓީތަކުގެ ލީޑަރުން ކައިރިއަށް ވަޑައިގަންނަވާއިރު، ވެފައިވާ ވައުދު ފުދުނީ ކިހާ މިންވަރަކަށް ތޯ ބަލަންޖެހޭ ކަމުގައެވެ.
ރައްޔިތުން ވެރިން އިންތިހާބު ކުރަނީ ގައުމުގެ މަސްލަހަތާއި އަމާންކަން ދެމެހެއްޓުމަށް ކަމަށްވާއިރު މިއަދު ރާއްޖޭގައި ފެންނަމުންދަނީ ރައްކާތެރިކަމެއްނެތް މާހައުލެއްގެ ގޮތުގައި ކަމަށް ނާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ވެފައިވާ އެންމެ ބޮޑެތި ވައުދު ތަކުގެ ތެރޭގައި ހިމެނޭ މަރުހޫމް ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލުވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަައާއި އެނޫންވެސް ގޮތް ނޭނގޭ އެއްވެސް މަރެއްގެ އާއިލާތަކަށް އަދާއިހަމައަށްވެސް އިންސާފު ނުހޯދޭކަމީ މިސަރުކާރުން ދެއްކި ވާހަކަތަކުގައި ހަގީގަތެއް ނެތްކަން ހާމަވާ ކަމެއް ކަމުގައި ނާޒިމް ވިދާޅުވިއެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތާއި އެއްގޮތަށް ހަރަދު ކުޑަކުރުމަށް ފިޔަވަޅު އަޅަން ގޮވާލުމަށްފަހު ވެރިން ބޮޑެތި ވަފުދުތައް ހަދާފައި ދުނިޔޭގެ ގައުމުތަކަށް ވަޑައިގަތުމުން ގައުމުގެ ހަރަދު ކުޑަވާނެ ގޮތެއް ނުވިސްނޭކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ އިހުމާލު ކަމުގައެވެ. މިކަންކަން ރަނގަޅުކުރެވޭނެ އެއްވެސް ގޮތެއް މިސަރުކާރަށް ނުހޯދޭއިރު، މިއީ އަލުން ވެރިކަމުގައި ބައިތިއްބަން ހެޔޮވާ ވަރުގެ ބައެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

