ގަލޮޅު ދަނޑުގައި ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ކުރިއަށް ދިޔަ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި އިތުރު 7 މީހަކު ހައްޔަރުކޮށްފިއެެވެ.
ފުލހުން ވަނީ އިތުރު 7 މީހުން ހައްޔަރުކޮށްފައިވާކަމަށް ބުނެ ޓްވީޓެއް ކުރައްވާ އެ ފަރާތްތަކުގެ ވަނަވަރުވެސް އާންމުކޮށްފައެވެ.
ނެޝަނަލް ސްޓޭޑިއަމްގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފި
އެ އެންމެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައިhttps://t.co/l1HZDprlnK pic.twitter.com/xaOLXAAMm6
— Maldives Police (@PoliceMv) June 25, 2022
ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ކ. މާލެ އަހުމަދު އަލީ އާއި މުޙައްމަދު ޒީޝާން ނަސީރާއި އަދި ނ ވެލިދޫ އިބްރާހީމް ޒިހާނުގެ އިތުރުން ލ މުންޑޫ މުހައްމަދު ޝާން އާއި ކ މާލެ އަބްދުﷲ ނިޔާޒް އަދި ތ ތިމަރަފުއްޓަށް ނިސްބަތްވާ އަލީ މުހައްމަދެވެ.
ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު އެވެ.
މީގެ ކުރީގައި މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލާއި މުހައްމަދާއި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން އަދި ޝައިޚް ފަޟްލޫން ބިން މުޙައްމަދުގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާންއާއި އަހުމަދު ނަސޫހު އަދި އަބްދުﷲ ރިފާއުއެވެ.
ޔޯގާ ހުއްޓުވި މައްސަލައިގައި ގިނަބަޔަކު ހައްޔަރު ކުރުމާއި ގުޅިގެން މާލޭގައި ވަނީ މުޒާހަރާއެއް ވެސް ކޮށްފައެވެ.
ރާއްޖޭގައި ޔޯގާޑޭ ފާހަގަކުރުމަށް ރޭވިފައިވާކަން ޔޫތް މިނިސްޓްރީން ހާމަކުރުމާއިއެކު އާންމުން ވަނީ މިކަމާއިމެދު ނުރުހުންވުން ފާޅުކޮށް މިކަންތައް ހުއްޓުވުމަށް ފުލުހުގައިވެސް އެދިފައެވެ. ފުރަތަމަ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ގަލޮޅު ސްޓޭޑިއަމްއަށް ބަދަލު ކުރެވިގެންދިޔައީ އާންމުގެ ގިނަ އަދަދެއްގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ހުށައެޅުމާއިއެކު، ކައުންސިލުން ރަސްފަންނު މި ހަރަކާތަށް ދޫނުކުރުމަށް ނިންމުމުންނެވެ. ކައުންސިލްގެ ޑެޕިއުޓީ މޭޔާރ އަހްމަދު ނަރީޝް ވަނީ ޔޯގާ ގެ އަމަލަކީ، ބުދު ދީނުގައި އަޅުކަންތައްކުގެ ތެރޭގައިވެސް ހިމެނިފައިވާކަމެއް ކަމަށް ބުނެ އާންމުންގެ ޝަކުވާތައް ލިބިފައިވާކަމަށް ވިދާޅުވެފައެވެ.
ޔޯގާ ގައި ޖައްސާ ހަރަކާތްތަކަކީ ބުދު ދީނުގައި އަޅުކަންތައް ކުރުމަށް ބޭނުންކުރާ ހަރަކާތްތަކެއް ކަމަށް ފާހަގަކޮށް ގިނަ ޝަކުވާތައް އާންމުންގެ ފަރާތުން ހުށައެޅުމާއި އެކު، ޔޯގާ ޑޭ ހިންގުމަށް ރަސްފަންނު ނުދިނުމަށް މާލެ ސިޓީކައުންސިލުން ނިންމުމުން ޔޫތު މިނިސްޓްރީންވަނީ ގަލޮޅު ދަނޑުގައި އެ ހަރަކާތައް ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ. ނަމަވެސް މި ހަރަކާތައް ކުރިއަށް ގެންދަނިކޮށް ގިނަ އަދަދެއްގެ މީހުންވަނީ އެ ސަރަހައްދަށް ވަދެ ހަރަކާތް ހުއްޓާލުމަށާއި، އެސަރަހައްދު ދޫކޮށް ދިއުމަށް ޔޯގާ ޑޭ ގެ ބައިވެރިންނަށް ގޮވާލައި މިކަމާއި ދެކޮޅަށް އަޑު އުފުލާފައެވެ.
މި އަމަލު ކުށްވެރިކޮށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ ޓްވީޓެއް ކުރައްވާ މިކަމުގައި ޝާމިލުވީ ފަރާތްތަށް ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެވޭނެކަމަށް ވިދާޅުވެ މިކަންތައް ކުށްވެރިކުރައްވާފައެވެ. އަދި ހަމައެއާއިއެކު މި މައްސަލަ ބަލައި ތަހުގީގު ކުރުމަށްޓަކައި ވަޒީރުންގެ ސަބް ކޮމިޓީއެއްވެސް އުފައްދާފައިވާއިރު ގިނަ މުއައްސަސާތަކުންނާއި އިދާރާތްތަކާއި މިނިސްޓްރީތަކުން ވަނީ މިކަންތައް ރާއްޖޭގައި ކުރިމަތިވާ އެހެން މައްސަލަތަކާއި އަމަލުކުރައްވާ ގޮތާއި ހިލާފަށް ވަރަށް އަވަސްކަމާއިއެކު ކުށްވެރިކޮށްފައެވެ.
މިނިސްޓާ މަހުލޫފް ވަނީ ހަރަކާތް ހުއްޓުވުމުގައި ޕީޕީއެމްގެ މެންބަރުން އިސްސަފުގައި މަސައްކަތްކުރިކަމަށާއި އަދި ޖަމިއްޔަތުލް ސަލަފް ވެސް މި ކަމުގައި ހިމެނޭކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ސަލަފާއި ޕީޕީއެމުންވެސް ވަނީ މިކަންތައް ދޮގު ކޮށްފައެވެ.

