ރައީސް އިބްރާހީމް މުހައްމަދު ސާލިހް ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސް ރުވާންޑާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020 އަހަރުގައި ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. މި މަހުގެ 20 އިން 25 އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގެ ޝިއާރަކީ ”ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން“ އެވެ.
އެ ބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ގައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަގުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
ރައީސްގެ އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި، ސިއްހަތާއި، މޫސުމާ ގުޅޭ އެކި މައުލޫތަކުގައި މަޝްވަރާ ކުރައްވާފައެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ރައީސް އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާއެކު ވަނީ ބައްދަލުވުން ބާއްވާފައެވެ.
އެ ބައްދަލުކުރެއްވުންތަކުގެ މަގުސަދަކީ، ގައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި، ދޭދޭ ގައުމުތަކުގެ މަސްލަހަތު ކުރިއަރުވައި، ބައިނަލްއަގްވާމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ސާލިހް ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މިސަރުކާރުން ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

