ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް: ހުތުބާ

ކޮވިޑުގެ ހާލަތުގައި މާލޭގެ ހާލަތު ގޯސްވެ އޮތުމަށް ފަހު، ލޮކްޑައުންއިން ހުޅުވާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާއި މެދު ވިސްނާލާއިރު އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މިފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށެވެ. އަދި ބައެއްގެ ތެރޭގައި ފާހިޝް އަމަލުތައް ފެތުރިއްޖެ ނަމަ ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއަށް ފާޅުނުކުރައްވާ ފަދަ ބަލިމަޑުކަމާއި ވަބާތައް އެބަޔެއްގެ ތެރޭގައި ފާޅުކުރައްވާނެކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވާކަން ފާހަގަ ކުރި އެވެ.

ބިންމަތީގައި ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި އަމަލުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

އެކަމަކީ ހަގީގަތެއްކަން ބަޔާން ކޮށްދެއްވައި މާތްﷲ ގެ ވަހީ ބަސްފުޅުގެ މާނައިގައި ވަނީ މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތައްތަކުގެ ސަބަބުން އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެެ ކަމަށެވެ. އަދި އެއުރެން ކުރި އަމަލެއްގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. އެއީ އެއުރެން ތައުބާވެ ރުޖޫއަ ވުމަށްޓަކައިކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ ފަސާދަވެ އުނދަގޫތަކާއި ކުރިމަތިލާން ޖެހެނީ އިންސާނާ ކޮށްއުޅޭ އަމަލުތަކުގެ ސަބަބުންނެވެ. ހަމަ އެއާއެކު އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ އަމަލްތައް ހެޔޮކޮށް، އޭނާގެ ނަފްސު އިސްލާހުކޮށް ދިރިއުޅޭ ވެށި ސާފުކޮށް ތާހިރުކޮށްފި ނަމަ ހުރިހާ ކަމެއް އަލުން ރަނގަޅުވާނެ ކަން އެނގޭ ކަމަށާއި އެކަން އޮތީ އޭނާގެ އަތްމަތީގައި ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން ހުތުބާގައި ބުނީ މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓާނަމަ، މުޖުތަމައު އިސްލާހުވެ ބަލިތަކާ ދުރުވެ ސިއްހަތަށް ރައްކާތެރިކަން ލިބޭނެއެވެ. އެއާހިލާފަށް އެކަލާނގެ ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެއެވެ.

ޒިނޭ އާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތާއި ގާތް ނުވުމަށް ﷲ ތައާލާ އަންގަވާފައިވަނީ އެކަންކަމުގެ ނުބައިކަމާއި އޭގެ ސަބަބުން ދެދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުމާއި ފާފައިގެ ބޮޑުކަމުންކަމަށް ހުތުބާގައި ވެއެވެ. އަދި ޒިނޭ ހަރާމް ކުރައްވައި ﷲ ވަހީކުރައްވާފައިވެއެވެ. އަދި ތިޔަބައިމީހުން ޒިނޭ އާއި ގާތް ނުވާށެވެ. ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. މި އާޔަތުގައި ﷲ ތައާލާ އަންގަވަނީ ޒިނޭއާ ގާތް ނުވުމަށެވެ. އެއްޗަކާއި ގާތް ނުވުމަށް ބުނެ އުޅެނީ އެ އެއްޗެއްގެ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވީމައެވެ. އެގޮތުން ޒިނޭއާ ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމައު ފަސާދަވެ ނަސްލު އޮޅުންބޮޅުން ވެދާނެތީއެވެ. އަދި އީމާން ކަން ނިގުޅިގެން ދާނެތީއެވެ.

އެކަން ބަޔާން ކުރައްވައި ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅުގެ މާނައިގައި ވަނީ ޒިނޭކުރާ މީހާ މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭއެއް ނުކުރާނެއެވެ. އެބަހީ އެހިނދު އޭނާގެ އީމާންކަން އޭނާގެ ކިބައިން ނެތިގެންދާނެއެވެ. ހަވާނަފްސުގެ އެދުންތަކަށް ކެތްތެރިވެ ފާހިޝް އަމަލުތަކާ ދުރުހެލިވާ މީހުންނަށް ތައުރީފުގެ ބަސް ﷲ ތައާލާ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ އަދި އެއުރެންނީ ބޮޑެތި ފާފަ ތަކާއި ފާހިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭ މީހުން ކަމަށާއި އެބައި މީހުންނަކީ ރުޅި އަތުވެއްޖެ ހިނދެއްގައި މާފުކުރާ ބަޔެއްކަމަށެވެ.

އިންސާނީ ފިތުރަތާއި ހިލާފު ފާހިޝް އަމަލެއްކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުކޮށް އުޅުނު މީހުންގެ މައްޗަށް ﷲ ލަޢުނަތް ލައްވައި އެކަލާނގެ ކޯފާ އާއި އަޒާބު ފޮނުައްވައި އެބައިމީހުން ހަލާކު ކުރެއްވި ގޮތާއި މެދު ވިސްނާލުމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެކަމާއި ގުޅުން ހުރި އާޔަތުގެ މާނައިގައިވަނީ ދެންފަހެ ތިމަންރަސްކަލާނގެ (އަޒާބުގެ) އަމުރުފުޅު އައި ހިނދު، އެރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަޟްރަތުގައި ފާހަގަކުރެވިފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާއި ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެއެވެ.

ހުތުބާގައި ވަނީ ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި މައުސޫމު އަންހެނުންނާއި ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސައި މަކަރާއި ހީލަތުން ފާހިޝް އަމަލުތަކަށް އަރައިގަތުމަށް އެމީހުންނަށް މަޖުބޫރުކޮށް ދެދުނިޔޭގެ ބާއްޖަވެރިކަމުން މަހުރޫމު ނުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ފާހިޝް އަމަލު ހިންގުމަށް ހިތްވަރުދީ އުޅޭ މީހުންނާއި އެކަންކަން މަނާ ކުރުމަށް މަސައްކަތް ނުކުރާ މީހުންގެ މައްޗަށް ﷲ ތައާލާގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށާއި މުސްލިމުންގެ ތެރޭގައި ފާހިޝް އަމަލުތައް ފެތުރުމަށް ލޯބިކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ ބަޔާންކުރައްވައި ﷲ ގެ ވަހީ ބަސްފުޅުގެ މާނައިގައިވަނީ ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި އެ އަމަލު ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާހިރަތުގައި ވޭންދެނިވި އަޒާބު ހުރިކަމަށެވެ. ހުތުބާގައި ބުނީ އެހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވާ ކަމަށާއި އެކަން އެބައިމީހުންނަށް ނޭނގޭނެ ކަމަށެވެ.

ހުތުބާގައި ބުނީ އެހެންކަމުން ﷲ އާއި އެކަލާނގެ ރަސޫލާ ދައްކަވާފައިވާ މަގަށް ތަބާވުމަށް މިއަދުގެ ހުތުބާގައި އިރުޝާދު ދީފައިވެއެވެ. އަދިކައިވެނި ކުރުން ހުއްދަ ކުރައްވާފައިވާއިރު، ކައިވެނީގެ އިމުގެ ތެރެއިން މާތް ﷲ ރުހިވޮޑިގެންވާ މަގުން ޖިންސީ ޣަރީޒާ ފުރިހަމަ ކުރުމަށާއި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނީ އޭރުން ކަމަށް ހުުތުބާގައިވެއެވެ.

ހެޔޮލަފާ ސާލިހު އަމަލް ކުރި މީހުންނާއި ﷲ ގެ މަގަށް ތައުބާވެ ތަގުވާވެރިވި މީހުންނަށް ތަނަވަސްވެގެންވާ ސުވަރުގެ ﷲ ވަނީ ތައްޔާރު ކުރައްވާފައި ކަމަށާއި އެކަން އެކަލާނގެ ވަހީ ބަސްފުޅުގައި ބަޔާން ކުރައްވާފައިވެއެވެ. މީގެ ކުރިން އެފަދަ ނުބައި އަމަލު ހިންގި އުއްމަތްތަކަށް ވެގެން ދިޔަގޮތް ކީރިތި ގުރުއާނުގައި ބަޔާން ކުރައްވާފައިވަނީ އެވާހަކަތަކުން އިބްރަތް ހާސިލް ކުރުމަށް ކަމުގައި ހުތުބާގައިވެއެވެ.

ނުރައްކާތެރި ބަލިތަކާއި ވަބާތަކާއި ބޮޑެތި އަހްލާގީ ކުށްތަކުން މުޖުތަމައު ސަލާމަތްވާނީ އިސްލާމްދީނުގެ އިންތަކުގައި ހިފަހައްޓައިގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުން އިސްލާމް ދީނުގައި މަނާ ކުރައްވާފައިވަނީ ފާފަވެރިވުމުގެ އިތުރަށް އެކަންކަމުގެ ސަބަބުން ދިމާވާ އިޖްތިމާއީ، އަހްލާގީ މައްސަލަތަކާއި ފެތުރޭ ނުރައްކާތެރި ވަބާތަކާއި ބަލިތަކުން ފަރުދުންނާއި މުޖުތަމައު ރައްކާތެރިކުރުމަށެވެ. ޖިންސީ ނަހަމަ ގުޅުންތަކުގެ ސަބަބުން ފެތުރޭ  ބަލިތަކުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ހަލާކުކޮށްލާ ބަލިތައް ހިމެނެއެވެ. އެފަދަ ބައެއް ބަލިތަކަށް ބޭސް ކުރިޔަސް ޝިފާ ލިބުން ލަސްވެ ގުނަވަންތައް ފެއިލްވެ އެންމެ ފަހުން މަރާ ކުރިމަތިލާންޖެހެއެވެ. މިއީ މިޒަމާނުގެ ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ހަގީގަތެކެވެ. އަދި އެކަމަކީ މީގެ ސާދަސަތޭކަ އަހަރު ކުރީގައި މާތް ނަބިއްޔާ އުއްމަތަށް އަންގަވައިދެއްވާފައިވާ ކަންތައްތަކެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލަކީ ފިތުރަތާއި ހިލާފު ނުރައްކާތެރި ވަބާއެއް ކަމުގައި ހަޑިމުޑުދާރު އަމަލެއް ކަމުގައި ހުތުބާގައި ބުނެފައިވެއެވެ. އަދި ދެޖިންސުގެ މީހުން ހިމެނޭ ގޮތަށް އެކި ނަންނަމުގައި ހަށިވިއްކުމުގެ ހަރާމް ވިޔަފާރި ހިންގާ ބަޔަކު ދިވެހި މުޖުތަމައުގައި މިއަދު އުޅޭތީ އެކަމާއި ހިތާމަކުރާ ކަމަށް ހުތުބާގައި ވެއެވެ. އެންމެހައި ފާހިޝް އަމަލު ތަކުން ދުރުވެ ތިބުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: