ރައީސް މުހައްމަދު ނަޝީދު ކުރައްވަމުންދާ މަސައްކަތަކީ، ވެރިކަމާއިމެދު ސުވާލު އުފައްދާނެ ޖާގަ އިތުރު ކުރުމާއި، ވެރިކަމާއި ދެކޮޅަށް މަސައްކަތްކުރާނެ ފައުޖެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްކަމަށް ރޯޑް ދިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު، މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށް ފަހު“ ޕްރޮގްރާމްގައި ޕާޓީގެ އެތެރޭގައި ވެރިކަން ފެށުނީއްސުރެއްވެސް ކޯޅުމެއް ވާކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން މޫސާ އަލީ މަނިކު ވިދާޅުވީ، ރައީސް ނަޝީދާއި ރައީސް ސޯލިހު ކުރައްވަމުންދާ ސިޔާސީ މަސައްކަތްތައް ވަނީ ދެމިސްރާބެއްގައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ކުރައްވަމުންދާ މަސައްކަތަކީ، ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށް، ވެރިކަން ދަމަހައްޓައި، ވެރިކަމަށް އައުމަށ،ް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްކަމަށް އެނާ ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހާއި، ރައީސް ނަޝީދު ކުރައްވަމުންދާ ސިޔާސީ މަސައްކަތްތައް ތަފާތު ކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، މޫސާ އަލީ މަނިކު ވިދާޅުވީ، ރައީސް ނަޝީދު ކުރައްވަމުންދާ މަސައްކަތްތަކަކީ، ރައީސް ސޯލިހުއެކޭ އެއްފަދައިން ރައްޔިތުންނަށް ހިދުމަތްކޮށް، ވެރިކަން ދަމަހައްޓައި، ވައުދުތައް ފުއްދުން ކަމަށް އެ މަނިކުފާނު ވިދާޅުވި ނަމަވެސް، އެ މަނިކުފާނު ކުރައްވަނީ އެހެން މަސައްކަތެއް ކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.
ރައީސް ނަޝީދު ކުރައްވަމުންދާ ސިޔާސީ މަސައްކަތަކީ، އެމްޑީޕީގެ މި ވެރިކަމަށް، ރައްޔިތުންގެ އިތުބާރު ގެއްލުވާލުމުގެ މަސައްކަތްކަމަށް މޫސާ އަލީ މަނިކު ސިފަ ކުރެއްވިއެވެ. އެގޮތުން، ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ، ވެރިކަމާއިމެދު، ސުވާލު އުފައްދަން ޖާގަ އިތުރު ކުރުމާއި، ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ފައުޖެއް އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކަމަށް އެނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމަށް ކާމިޔާބީއެއް ލިބިފައިނުވާކަމަށްވެސް މޫސާ އަލީ މަނިކު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ކުރައްވަމުންދާ ސިޔާސީ މަސައްކަތްތަކާއި، ރައީސް ސޯލިހު ކުރައްވަމުންދާ މަސައްކްތައް ތަފާތު ކަމަށް ފާހަގަކުރުމުގެ އިތުރުން، މޫސާ އަލި މަނިކުވަނީ ރައީސް ނަޝީދަަށް ކުރިން އޮތް ތާއީދުވެސް ނެތްކަމަށް އިޝާރާތްކޮށްފައިއެވެ. އެނާ ވިދާޅުވީ، އެމްޑީޕީގެ އާންމު މެމްބަރުން، ރައީސް ނަޝީދު ”މާ އަނގަ ގަދަ“ ކަމަށް އަދި ބުނަން ނުޖެހޭ ވާހަކަތައް ބުނަމުންދާކަމަށް ފާހަގަކޮށްފައިވާކަމަށެވެ. އަދި ގަބޫލު ކުރަން ދަތި ނަމަވެސް ކުރިން އޮތް ތާއީދު ނެތްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

