ސްރީލަންކާގައި ހިންގަމުންދިޔަ ކާފިއުތައް ހުއްޓާލުމާއި ގުޅިގެން، އެ ގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ދިރިއުޅުއްވާ ގެކޮޅުދޮށަށް އެއްވެ، މުޒާހަރާ ކުރަމުންދާ މީހުންތައް އެ ސަރަހައްދުން ފޮނުވާލަން، ލަންކާ ފުލުހުން ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ޖަހައިފިއެވެ.
ދިވެހިރާއްޖޭގެ އަވައްޓެރި ގައުމު، ސްރީލަންކާގެ ސަރުކާރުން، ގައުމު ހިންގުމުގައި ވެފައިވާ އިހުމާލުތަކުގެ ސަބަބުން، ރުޅިވެރިކަން އިތުރުވެފައިވާ ރައްޔިތުންވަނީ މީގެ ކުރިންވެސް ރައީސް ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލައި، މުޒާހަރާތައްކޮށް ހަމަނުޖެހުންތަކެއް ހިންގާފައިއެވެ. މި މުޒާހަރާތައް ކުރެވިގެންދާ ސަބަބަކީ، އެ ގައުމުގެ މާލީ ހާލަތުގެ ސަބަބުން، މުޖުތަމައަށް ކޮށްފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުން ސަރުކާރަށް ރައްޔިތުންނަށް ފަސޭހަތަކެއް ހޯދައިދެވިފައިނުވުމެވެ.
މާލީ އަދި އިގްތިސޯދީ ހާލަތު ދަށަށްގޮސް، ޒަރޫރީ ބޭނުންތައްވެސް ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވާ ސްރީލަންކާގެ ރައްޔިތުންވަނީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު، އަދި ރައީސް ރާޖަޕަކްސާގެ ކޮއްކޮ، މަހިންދަ ރާޖަޕަކްސާ ދިރިއުޅޭ ގެކޮޅަށްވަދެ، އެނާއަށް ހަމަލާތަކެއް ދޭންވެސް މަސައްކަތްތަކެއް ކޮށްފައިއެވެ. އެހެން ނަމަވެސް، ބަރު ހަތިޔާރު އެޅި ސިފައިންގެ އެހީގައި، އެނާ އަދި އާއިލާއަށްވަނީ، ރައްކައުތެރިކަމާއިއެކު، އެހެން ސަރަހައްދަކަށް ދެވިފައިއެވެ. އެނާ ވަނީ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާފައިއެވެ.
މާލީ ހާލަތު ދަށަށްގޮސް، ތެލުގެ ދަތިކަން އިންތިހާއަށް ޖެހިފައިވާ ސްރީލަންކާގައި، ޕެޓްރޯލް އެޅުމަށް ކިއު ހަދައިން ރައްޔިތުންނަށް ތިން ދުވަސް ހުންނަން ޖެހޭ ހާލަތައް ގޮސްފައިވެއެވެ. އަދި ރައީސް ގޯޓަބަޔާ އާއި ސަރުކާރުގެ އެހެނިހެން އިސްވެރިންގެ އިސްތިއުފާއަށް ގޮވަމުންދިޔަނަމަވެސް، ހާލަތު ރަނގަޅުކުރާނެ ކަމަށް ބުނެ ރައީސް ގޯޓަބަޔާވަނީ ވެރިކަން ދަމަހައްޓާފައިއެވެ. އަދި އެނާގެ ގާތް އަހެއް ކަމަށްވާ، ރަނިލް ވިކްރަމަ ސިންހެ، ގައުމުގެ ބޮޑު ވަޒީރުކަމަަށްވެސް އައްޔަނުކޮށްފައިއެވެ.
މާލީ ހާލަތު ރަނގަޅު ކުރާނެކަމަށް ސްރީލަންކާގެ ރައީސް ގޯޓަބަޔާ ވިދާޅުވެފައިވީނަމަވެސް، އެކަމަށް ކުރިއެރުމެއް ލިބިފައިއެވެ ނުވެއެވެ. އަދި އިތުރު ލޯނުތަކެއް ހޯދައި، ހިލޭ އެހީތަކެއްވެސް ލިބިފައިވީނަމަވެސް، ދާދި ފަހުން އެގައުމުގެ އަލަށް އައްޔަނު ކުރެވުން ބޮޑުވަޒީރު، ރަނިލް ވިކްރަމަ ސިންހަވަނީ ގައުމު ބަނގުރޫޓުވެފައިވާކަމަށް އިއުލާނުކޮށްފައިއެވެ.

