މިފަހަކަށް އައިސް އަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެންދަވަނީ އޭނާގެ ގިނަ އުދާސްތައް ސޯޝަލް މީޑިއާއަށް އޮއްސަމުންނެވެ. ނަމަވެސް މިއިން ގިނަ ޓުވީޓްތައް ސީދާ ރައްދުވާ ފަރާތް ވިދާޅުވާން އިމްރާން ފަސްޖެހެއެވެ. އެހެންކަމުން އިމްރާންގެ ޓުވީޓްތައް ހުންނަނީ ކޮންމެވެސް ބޭފުޅަކާއި ދިމާލަށް އެއްލާ ގަލެއް ގޮތަށެވެ.
މިގޮތުން މިއަދުވެސް އިމްރާންވަނީ ޓުވީޓެއް ކުރައްވާފައެވެ. ބޮޑަށް ގަބޫލުކުރެވެނީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ކުރެއްވި ޓުވީޓެއްކަމަށެވެ، ނަމަވެސް މުޅި ޓުވީޓް ނިމުނީ ސީދާ ރައްދުވާ ފަރާތް ނޭނގި އަރަތެއް ގޮތަށެވެ. ފަހަރުގައި އެއީ ރައީސް ސޯލިހަށް ވިދާޅުވާ ބޭނުންވި ބަސް ވިދާޅުވާން ނުކެރުނީކަމަށް ގަބޫލުކުރެވެއެވެ.
ރައީސްއަކަށް ހުންނަ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން މެނުވީ ގައުމު ރަނގަޅު ނުވާނެ ކަމުގައި އިމްރާން ޓުވީޓްގައި ވެއެވެ.
އޭގެ އިތުރަށް އިމްރާން ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރު ރަނގަޅުވިޔަސް ރައީސް ރަނގަޅު ވެގެން މެނުވީ ގައުމު ރަނގަޅު ނުވާނެކަމުގައެވެ. އިމްރާންގެ ޓްވީޓްގައި ސަރުކާރާއި ރައީސް ރަނގަޅުވާހަކަ އާއި ނުރަނގަޅު ވާހަކަ ބުނެފައިވެއެވެ. ވުމާއެކު ކުށްވެރިވަނީ ރައީސްތޯ ސަރުކާރު ތޯ ނުވަތަ ރައްޔިތުން ތޯ މިއީ އުފެދޭ ސުވާލެވެ.
Raees akah hunnavaa beyfulhakee heyolafa rangalhu beyfulhakahviyas sarukaaru hingavan thibbavaa gina beyfulhun rangalhu vegen menuvee qaumu rangalhu nukureveyne’eve.hama ehenme sarukaaruga thinbavaa gina beyfulhun rangalhu viyas Raees rangalhu vegen menuvee qaumu rangalhunuvaane.
— Imran Abdulla (@ShimranAb) July 24, 2022
މި ފަހަކަށް އައިސް އިމްރާން ގެންދަވަނީ ވަރަށް ގިނައިން ޓްވީޓް ކުރައްވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ޓްވީޓް މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރައްވައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީ އުފެދުނީ އިސްލާމް ދީން ހިމާޔަތް ކުރަން ކަމަށާއި އެ މަސައްކަތް ކުރުމުގައި ދެމިތިބޭނެ ވާހަކައެވެ.
އިމްރާންގެ ދެވަނަ ޓްވީޓްގައި ވަނީ އަދާލަތުން ދީން ހިމާޔަތް ކުރުމަށް އެހެން ޕާޓީ ތަކުން ނުކުރާހާ މަސައްކަތް ކުރާ ކަމުގައެވެ.
ތިންވަނަ ޓްވީޓްގައި ވަނީ އަދާލަތު ޕާޓީ ފަހަތަށް ނުޖެއްސޭނެ ކަމަށާއި އިސްލާމް ދީން ކުރިއެރުވުމުގައި ދެމިތިބޭނެ ވާހަކައެވެ. އެއަށްފަހު ދެން ދެއްކެވީ ހައްގާއި ބާތިލުގެ ވާހަކައެވެ. އެއަށްފަހު ދީނީ އިލްމުވެރިންނާއި ޕާޓީ އާއި ޖައްސަން ބަޔަކު މަސައްކަތް ކުރާ ވާހަކަ އާއި އަދާލަތު ޕާޓީ އިން ދީންވެރިން ހިފާ ހައްޔަރު ކުރުމަށް ހިތްވަރު ނުދޭ ވާހަކަ ހާމަކޮށްފައިވެއެވެ. އަދި ސިޔާސީ ރޭހުގައި ދުރު ރާސްތާ ކާމިޔބެއް ހޯދޭނީ އަމިއްލަ މަސްލަހަތަށް ވުރެ ނާއި، ގައުމު އަދި ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަަށް ވެގެން ކަމުގައި ވެސް އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ސިޔާސީ ރޭސް ކާމިޔާބު ކުރެވިގެންދާނީ، އަމިއްލަ މަސްލަހަތައްވުރެ، ދީނާއި ގައުމު އަދި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެންކަމަށް އިމްރާން ވިދާޅުވުމާއި ގުޅިގެން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އިމްރާނަށް ފާޑުކިޔާފައެވެ. އެގޮތުން އެ މަނިކުފާނުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ދިވެހިރާއްޖޭގައި، ދީނާއި ހިލާފު އަމަލުތައް ހިންގަމުންދާއިރު އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުތަކެއް އެޅިފައިނުވާއިކަމަށް ފާހަގަކޮށް، ދީނީ އިލްމުވެރިންނާއި، އާންމުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
އިމްރާން މިގޮތަށް ޓްވީޓް ތަކެއް ކުރައްވާފައިވާއިރު ޔޯގާޑޭގެ ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިން ހިމެނޭއިރު އެމީހުންގެ ތެރޭގައި ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ހިމެނެއެވެ. ހުސްވި ހަފްތާގައި ފުލުހުންވަނީ ޝަރުތުތަކަކާއި އެކު ޝައިހް ފަޒްލޫން ދޫކޮށްލާފައެވެ. ޝައިހް ނިޝާން އަދިވެސް ހުރީ ބަންދުގައެވެ.
އިމްރާންގެ އެ ޓްވީޓްތަކަކީ ފަހަރުގައި ސަރުކާރަށް ނުސީދާ ރައްދު ދިނުމުގެ ގޮތުން ކުރައްވަމުން ގެންދާ ޓްވީޓް ތަކަކަށް ވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެއެވެ. އަދި އަނެއްބަޔަކު ގަބޫލު ކުރާ ގޮތުގައި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން އަދާލަތު ޕާޓީ ވެސް ސިޔާސީ މައިދާނުގައި ދެމި އޮތް ކަން އާއްމުންނަށް ދައްކައި އާއްމުންގެ ތާއީދާއި ތަރުހީބު ހޯދުމަށް ކުރާ މަސައްކަތް ތަކެއްގެ ގޮތުގައި އިމްރާންގެ ޓްވީޓްތައް ފެނިގެންދެއެވެ.

