އިންޑިއާގެ ”ނެއިބަރހުޑް ފަރސްޓް“ ސިޔާސަތުގެ ތެރެއިން ދިވެހިރާއްޖެއަށް ހާއްސަ ޖާގައެއް ދެވިފައިވާކަމަށް، އެ ގައުމުގެ ރައީސް ޑްރޫޕަޑީ މުރްމޫ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުގައިވަނީ، އެ ގައުމުގެ ރައީސް ޑްރޫޕަޑީއާއި ބައްދަލު ކުރައްވައި، ދެގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމަށް އަލި އަޅުވައި، މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން ޑްރޫޕަޑީ ވިދާޅުވީ ރާއްޖެއަކީ، އިންޑީއާގެ ގާތް އަހެއްކަމަށެވެ. އަދި ޒަމާންވީ ގުޅުމެއް ދެގައުމުގެ ދެމެދު އޮންނަކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ”ނެއިބަރހުޑް ފަރސްޓް“ ސިޔާސަތުގެ ތެރެއިން ރާއްޖެއަށް ހާއްސަ ޖާގައެއް ދެވިފައިވާކަމަށެވެ.
ރައީސް ސާލިހުއާއި ދެމެދު ކުރެއްވި މަޝްވަރާގެ ތެރެއިން އިންޑިއާގެ ރައީސް ޑްރޫޕަޑީވަނީ، އިންޑިއާއިން ދިވެހިރާއްޖެއަށް ދެމުންދާ މާލީ އެހީތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެނާ ވިދާޅުވީ، އިންޑިއާއިން މާލީ ގޮތުން ބޭނުން ޖެހިފައިވާ ގައުމުތަކަށް ދެމުންދާ އެހީގެ ދަށުން ރާއްޖޭގެ ތަރައްގީއަށް މަސައްކަތްތަކެއް ކުރެވެމުންދާކަމާއި މެދު އެނާ އުފާ ކުރައްވާކަމަށެވެ.
މީގެ އިތުރުން ޑްރޫޕަޑީވަނީ ދިވެހިރާއްޖެއާއި، އިންޑިއާ ދެމެދު ގާއިމު ކުރެވިފައިވާ އެއްބަސްވުންތަކަށް އަލި އަޅުވާލައިފައެވެ. އެގޮތުން، އަސްކަރީ އެއްބަސްވުންތަކާއި، އިގްތިސޯދީ އެއްބަސްވުންތަކުން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ސާލިހުގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގައި ހަމަޖެހުން ގާއިމު ކުރެވި ކުރިއަރަމުންދާކަމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.

