އެމްޑީޕީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ވަޒީރުން އިސްތިހާރު ނުކުރައްވަން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާޒް ކުރައްވައިފިއެވެ.
އެމްޑީޕީގެ ކޮންގްރެސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެހެން ޕާޓީއަކަށް ނިސްބަތްވާ މިނިސްޓަރެއްގެ ވާހަކަތައް ދެކެވިފައިވާ ކަމަށް އިޝާރާތްކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، މިހާރު އެންމެހާ ބޭފުޅުން ތިއްބެވީ، އެމްޑީޕީގެ ކޮންގްރެސްގައި ކަމަށެވެ. އަދި އެމްޑީޕީއަށް އެހެނިހެން ޕާޓިތަކުގެ ވަޒީރުންނާއި ވިސްނުންވެސް މުހިންމު ނޫންކަަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަކީ ވާދަވެރި ސިޔާސީ ޕާޓީއެއްކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެހެންކަމުން އެ ޕާޓީގެ މެމްބަރުންނަށް އެހެނިހެން ޕާޓީތަކުގެ ފަލްސަފާތަކާއި، ވަޒީރުންނެއްވެސް އަދި އެ ޕާޓީތަކުގެ ފިކުރުތައްވެސް މުހިންމު ނުވާނެކަމަށެވެ. އަދި އެ ފިކުރުތަކުގެ މަތިން ގައުމު ހިނގާކަށްވެސް އެމްޑީޕީއަކުން ބޭނުން ނުވާނެކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުވަނީ އެމްޑީޕީގެ ހިންގުންތެރިކަމަށް އަލި އަޅުވައި ވާހަކަދައްކަވާފައެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީ ބޮޑު ކުރުމަކީ އެދެވޭ ކަމެއް ނޫންކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ މެމްބަރުން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީއަށް އައުމަކީ މުހިންމު ކަމެއް ނޫންކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުން އައުމަކީވެސް އެއްވެސް ގޮތަކަށް ބޭނުންތެރި ކަމެއް ނޫންކަމަށްވެސް ރައީސް ނަޝީދު ފާހަގަަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެންމެހާ ބޭފުޅުން ގައުމީ ހިންގާ ކޮމިޓީއަށް ލުމުގެ ސަބަބުން، އެ ކޮމިޓީ އޮންނާނީ ނުހިނގާފައިކަމަށެވެ. އެހެންކަމުން އެ ކޮމިޓީ ކުޑަ ކުރުމަކީ އެދެވޭކަމެއްކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ހިންގުމަށް ހުށައަޅާފައިވާ ބައެއް އިސްލާހުތަކަކީ ޕާޓީއަށް ރަނގަޅު ނަތީޖާއެއް ލިއްބައިދޭނެކަމަށް ދެކިވަޑައިގަންނަވާ އިސްލާހުތަކެއް ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުން، އެމްޑީޕީއަށް ކޮންގްރެސްއިން އެންޑޯސްކޮށްފައި އޮންނަ ”ތިންކް ޓޭންކެއް“ ބޭނުންވާކަމަށެވެ. އަދި އެ ކޮމިޓީއަކީ، ޕާޓީގެ ހިންގުމަށް އުޅޭ ދުވަސްވީ ފަރާތްތައް ތިއްބަވާނެ ވުޒާރާއެއްކަމަށް ރައީސް ނަޝީދު ސިފަކުރެއްވިއެވެ.

