ދިވެހިރާއްޖޭގައި އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް، ދަރިވަރުންގެ ޒުވާން ހަކަތަ ބޭނުން ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގޮވާލައިފިއެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ދަރިވަރުން ހާސޮލު ކުރާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ގައުމަށް އެންމެ ބޭނުންވާ ދާއިރާތައް ހުނަރުވެރިކުރުވައި، ކުރިއެރުވުމަށްޓަކައި، ދަރިވަރުން ތައްޔާރުވާން ޖެހޭކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ، ސުކޫލުތަކުން ކިޔަވާ ދަރިވަރުންނަކީ، ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖެއާއި ދުނިޔޭގެ އާޖުފާޖު ދަންނަ މީހަކަށްވުމަށް މަސައްކަތްކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ސުކޫލުތަކުންނާއި، ބެލެނިވެރިން އުފުލާފައިވާ ބުރަތައް އިހުސާސް ކުރެއްވޭކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެފަދަ ދަތިކަމެއްގެ ތެރޭގައިވެސް ދުނިޔޭގެ ފެންވަރުންވެސް މަތީ ވަނަތަކެއް ދިވެހި ދަރިވަރުން ހާސިލުކުރީ، ޓީޗަރުންނާއި، ބެލެނިވެރިންގެ ގުރުބާނީތަކުގެ ސަބަބުންކަމަށެވެ. އަދި އެކަމަކީ، ގައުމަށްޓަކައި ކޮށްދީފައިވާ އަގުހުރި މަސައްކަތެއްކަމަށްވެސް އެ މަނިކުފާނު ފާހަގކުރެއްވިއެވެ.
ތަޢުލީމީ ޒުވާން ޖީލެއް ފައްކާވެ، ޤައުމީ ޚިދުމަތަށް ނުކުންނަ އިރު، ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީ، ކުރަންޖެހޭ ކަމެއް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، ތަރައްގީ ލާމަރުކަޒުވެގެން ދާވަރަކަށް ވަޒީފާ ހޯދުމަށް، ހިޖުރަކުރަންޖެހޭ މިންވަރު ދަށްވެފައިވާކަމަށެވެ. އަދި ދަރިވަރުން ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އަމިއްލަ ރަށުގައި އާއިލާ އަދި މައިންބަފައިންނާއި އެކު ތިބެގެން ގައުމަށް ހިދުމަތްކޮށްދެވޭނެ ގޮތްތަށް ހޯދުމަށް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، ޒަމާންވަނީ ބަދަލުވެފައިކަމަށެވެ. އަދި ވަސީލަތްތައް ތަފާތުވެ، ކަންކުރަމުން އައި އާދަކާދަވެސް ބަދަލުވެފައިވާކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތަރައްގީއަށް ކުރާ އުންމީދުތަކާއި އެއް މިސްރާބަށް ސަރުކާރުންވަނީ ތައުލީމީ ސިޔާސަތު ދިއްލާލާފައިކަމަށެވެ.

