ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ވިލިމާލެ ފަރުމައްޗަށް އެރި ޕްލެޓްފޯމް އަދިވެސް އެ ސަރަހައްދުން ނުނެގިފައިވަނީ ކަނޑުގަދަކަމުންކަމަށް އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.
އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްލެޓްފޯމް ނެގުމަށް ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި ނަމަވެސް ކާމިޔާބު ވެފައިނުވާތީ، މަސައްކަތް މެދު ކަނޑާލީކަމަށެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުމަށް އަންނަ ބަދަލުތައް މޮނިޓަރ ކުރަމުންދާ ކަމަށް ކުންފުނިން ބުންޏެވެ.
ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭ ވަރަށް ކަނޑު މަޑުވުމާ އެކު، އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށާނެ ކަމުގެ ޔަގީން ކަން ދޭކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ. ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން އެންމެ އިސްކަމެއް ދެނީ ވިލިމާލެ ފަރަށް އެންމެ ގެއްލުން ކުޑަވާނެ ހެން ޕްލެޓްފޯމް ނެގުމަށެވެ.
ބްރިޖުއަޅަން ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރައި، ގެއްލުންތަކެއް ލިބުނީ އެންކަރަށް ދިމާވި މައްސަލައަކުންކަމަށް ޕްލޭނިން މިނިސްޓްރީން މީގެ ކުރިން މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ. މިނިސްޓްރީން ބުނީ ހާދިސާ ހިނގީ ވިލިމާލޭގެ އިރު ދެކުނު ކަންމަތީ ޖަހާ ބްރިޖު ތަނބުގެ މަސައްކަތް ކުރުމަށް ޕްލެޓްފޯމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޕްލެޓްފޯމް އެންކާރ ކުރަން އުޅުމުގެ ތެރޭގައި އެންކާއަށް ޓެކްނިކަލް މައްސަލައެއް ދިމާވީކަމަށް ބުންޏެވެ.
ހާދިސާ ހިނގިތާ އެތައް ދުވަހެއްވީއިރު، އަދިވެސް އެ ޕްލެޓްފޯމް އެތަނުން ނަގާފައި ނުވެއެވެ.
ޕްލެޓްފޯމް އެތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އަދިވެސް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. އަދި އެ ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅުނެވެ.

