ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓުވީޓެއްގައި މުސްތޮ ”ޓިނު އަދުރޭއަށް“ ގޮވުމުން, ސެނެޓު ގުރޫޕުގައި އަދުރޭގެ ޖަޒުބާތީ ވާހަކަތަކެއް!

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް، މުސްތަފާ އާއި ޕީއެންސީގެ ރައީސް އަބްދުރައްހީމް އަބްދުﷲ (ފޮޓޯ: މިހާރު) -
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ (މުސްތޮ)، ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ އަށް އަމާޒު ކުރައްވައި ކުރި ޓުވީޓެއްގެ ސަބަބުން ކޮންގްރެސް ކޯލިޝަން ސެނެޓު ގުރޫޕުގައި، އެ ވާހަކަތައް ކުށްވެރިކޮށް މެމްބަރުން ވާހަކަ ދައްކައިފި އެވެ.

މިސްކިތުގައި ބަންގި ގޮވާ ވަގުތުތަކުގައި އާއި، ނަމާދު ކުރާ ވަގުތުތަކުގައި އަޑުހަރުކޮށް ކީރިތި ގުރުއާނުގެ ސޫރަތްތައް ކިޔަވާތީ އެ އަޑު މަޑު ކުރުމަށް އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް އެންގުމުން އެކަން ރިޕޯޓު ކުރި ހަބަރެއްގެ ފޮޓޯއަކާއި އެކު މުސްތޮ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ”މި ފަހަރު މިއޮތީ އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފައި“ ކަމަށެވެ.

”ޓިނު އަދުރޭ“ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އަބްދުއްރަހީމް ހުންނެވި ދުވަސް ވަރުން ފެށިގެން، އޭނާއަށް ފާޑުކިއުން އަމާޒު ކުރުމަށް އެމްޑީޕީން ބޭނުން ކުރަމުން އައި ބަހެކެވެ. އަދި ހިސާބާއި ގުޅުވައި އަބްދުއްރަހީމަށް ފާޑުކިއުންތައް އަމާޒުވާން ފެށީ ޕީޕީއެމްގެ ބޮޑު ޖަލްސާއެއްގެ ތެރެއިން އަދަދުތައް ގުނަ ކުރުމުގައި ގޯސް އަދަދެއް ވިދާޅުވުމުންނާއި، ޕީޕީއެމްގެ އަހަރީ ދުވަސް ނުބައިކޮށް ވިދާޅުވުމާއި ގުޅިގެންނެވެ. އެހެންވެ އޭގެ ފަހުން އޭނާއަށް އެގޮތަށް މުހާތަބުކޮށް، ފާޑުކިއުންތައް އަމާޒުވާން ފެށީ އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމަށް ބުނެ އަބްދުއްރަހީމް ޖެއްސެވި ހިސާބު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާއްމުވި އެވެ.

މުސްތޮ ކުރެއްވި ޓުވީޓުގެ ސްކްރީންޝޮޓެއް، މިހާރު މި ޓުވީޓު ވަނީ ޑިލިޓުކޮށްފައ/ ފޮޓޯ: ފައިލް

މުސްތޮ މި ޓުވީޓު ކުރެއްވީ މަޒާޖީ ސިފައެއްގައިކަން ނުވަތަ، އަބްދުއްރަހީމާއި ދެމެދު ގުޅުން ގޯސްވެފައިވާތީ ކަން ސާފެއް ނޫނެވެ. ނަމަވެސް އެ ޓުވީޓުގެ މައްސަލައިގައި ސެނެޓު ގުރޫޕުގައި އެ ވާހަކަތައް ދެކެވުނީ އަބްދުރައްހީމްގެ ދަރިފުޅު ފައިސަލް ފޮނުވި މެސެޖަކާއި އެކު އެވެ. ފައިސަލް ވަނީ، އެހެން ބަޔަކު މެދުވެރިކޮށް މަރުގެ އިންޒާރު ދިނުން އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށް ވިދާޅުވެފަ އެވެ. އެއާއި އެކު އަބްދުރައްހީމް ވިދާޅުވީ، ކެތްތެރިވުމަށާއި، މި ދުވަސް ވެސް ހިނގައިދާނެ ކަމަށެވެ. އަދި މަކަރުވެރިންނާއި، ހަސަދަވެރިން ބޭޒާރުވާނެ ދުވަހެއް ވެސް އަންނާނެކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަށް ވުރެ މާ އުނދަގޫ ދުވަސްތައް ވެސް މާޒީވެ ގޮސްފައިވާކަމަށެވެ.

”ފައިސަލް ކެތްތެރިވޭ، މި ދުވަސް ވެސް ހިނގައިދާނެ… މާތްﷲ ވޮޑިގެން ވަނީ ކެތްތެރިންނާއި އެކު. މަކަރުވެރިންނާއި ހަސަދަވެރިން ބޭޒާރުވާނެ ދުވަހެއް އަންނާނެ.. މިއަށް ވުރެ މާ އުނދަގޫ ދުވަސްތައް މާޒީވެއްޖެ“ އަދުރޭ

އަބްދުއްރަހީމްގެ ދިފާއުގައި، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ މުސްތޮ ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިފަދަ އަމަލުތަކުގެ ގެއްލުން ލިބޭނީ ރައީސް ޔާމީނަށްކަމަށް ޝުޖާއު ވިދާޅުވި އެވެ.

މުސްތޮގެ ޓުވީޓު ކުށްވެރި ކުރައްވައި، ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވެ މެސެޖެއް ލިޔުއްވި އެވެ.

”މިފަދަ ކަންކަމުން ސެނެޓަރުން ދުރުހެލިވާން ޖެހޭ.. އަދި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން… މިފަދަ ކަންކަމުން އަޅުގަނޑުމެންގެ އެތެރޭގެ މަސްލަހަތަށް ގެއްލި ހުރިހާ ގެއްލުމެއް ރައީސަށް ލިބޭނީ… މިއީ މޮސްތޮ ކުރި ދަށު ދަރަޖައިގެ އަމަލެއް…“ ޝުޖާއު

މި މެސެޖުތަކަށް އަނެއްކާވެސް އަބްދުރައްހީމް ވިދާޅުވީ، ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހުމުން އެންމެ ބޮޑަށް ހަނދާން ވަނީ މާޒީ ކަމަށެވެ. އަދި އުފާވެރިކަމެއް ލިބުމުން އެންމެ އަވަހަށް ވެސް ހަނދާން ނެތޭނީ މާޒީކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމަށް އަމާޒުކޮށް ”ޓިނު އަދުރޭ“ ބޭނުންކޮށްފައިވާތީ އެކަން ކުށްވެރިކޮށް އެހެން މެމްބަރަކު ވަނީ، މުސްތޮއަކީ ސީނިއާ ބޭފުޅަކަށް ވެފައި އެންމެނަށް ހާމައަށް ފެންނަހެން ޓުވީޓު ކުރުމަކީ ގޯހެއްކަން ފާހަގަކޮށްފަ އެވެ. އަދި އެތެރޭގައި އެއްބައެއްގެ އަނެއްބައެއްގެ މައްޗަށް ނުކުރާ އިހުތިރާމެއް ޕާޓީގެ ބޭރުން ނުލިބޭނެކަމަށް ބުންޏެވެ. އެ މެސެޖަށް އަބްދުއްރަހީމް ވިދާޅުވީ އޭނާ ސިޔާސީ ކަންކަމަށް ނިކުތީ، އެތެރެއިންނާއި ބޭރުން ގޮންޖެހުންތައް އަންނާނެކަން އެނގި ހުރެކަމަށެވެ.

”އަޅުގަނޑު ސިޔާސީ ކަންކަމަށް ނިކުތީ، އެތެރެއިންނާއި ބޭރުން ވެސް ގޮންޖެހުންތައް އަންނާނެކަން އެނގި ހުރެ“ އަދުރޭ

މި މައްސަލައިގައި ސެނެޓު ގުރޫޕުގައި ޒުވާބުތަކެއްކޮށްފައި ނުވެ އެވެ. ނަމަވެސް އަބްދުއްރަހީމްގެ ދިފާއުގައި ގުރޫޕުގައި މެސެޖު ކުރައްވާ ކޮންމެ ބޭފުޅަކު ވިދަޅުވާ ބަސްތަކަށް، އޭނާ ވެސް މެސެޖެއް ފޮނުވި އެވެ.

މުސްތޮގެ ޓުވީޓު މީޑިއާތަކުގެ ސަމާލުކަމަށް އައުމުން އޭނާ ވިދާޅުވީ، ޕާޓީގައި އެއްވެސް ރެނދެއް ނުލާކަމަށާއި، އޭނާ ޓުވީޓު ކުރީ މަޒާޖީ ސިފައެއްގައި ކަމަށެވެ.

”ޕާޓީގައި ރެނދެއް ނުލާ! ޕާޓީ އޮތީ ބަދަހިކޮށް! އަދިވެސް ދިމާވާނީ އަދުރޭގެ ހިސާބު،“ މުސްތޮ

މި މައްސަލަަގަނޑުގެ ތެރެއިން އަބްދުއްރަހީމް ވެސް ޓުވީޓެއް ކުރައްވައި ނުސީދާ ގޮތަކަށް ވާހަކަ ދެއްކެވި އެވެ. ޓުވީޓުގައި އޭނާ ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރާނީ ގޮންޖެހުންތައް ގިރާކޮށް، ހަސަދަވެރިންނަށް ބެލުމެއް ނެތި ކެރި ހުންނަވައިގެން ކަމަށެވެ. މި ޓުވީޓާއި އެކު މިދިޔަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ބޭއްވި ޖަލްސާގެ ފޮޓޯއެއް ވެސް ހިއްސާ ކުރެއްވި އެވެ.

ފަހުން މުސްތޮ ވަނީ އޭނާގެ ޓުވީޓު ޑިލިޓު ކުރައްވާފަ އެވެ. މުސްތޮއާއި އަބްދުއްރަހީމާއި ދެމެދު ޖެހިގެން އުޅެނީ ކޮން މައްސަލައެއްކަން އަދި ސާފެއް ނޫނެވެ. ނަމަވެސް ޓުވީޓުންނާއި، ސެނެޓު ގުރޫޕުގައި ދެކެވިފައިވާ ވާހަކަތަކުން ދޭހަވާ ގޮތުން، ދެބޭފުޅުންގެ ގުޅުން ވަނީ ގޯސްވެފަ އެވެ.

ޕާޓީތަކުގެ އެތެރޭގައި މައްސަލަތަކެއް ދިމާވެ، އެކަންކަން އަބަދުވެސް މީޑިއާތަކަށް ފެންމަތިވެ އެވެ. ނަމަވެސް ވެރިކަން ބަދަލުވުމަށް ފަހު ޕީޕީއެމް، ޕީއެންސީ ސެނެޓު ގުރޫޕުގައި ދެކެވުނު ވާހަކަތަކެއް އާއްމުވި މިއީ ފުރަތަމަ ފަހަރެވެ. އާއްމު ގޮތެއްގައި މިފަހަކަށް އައިސް އެންމެ ބޮޑަށް ލީކުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ދެކެވޭ ވާހަކަތެކެވެ. ވަކި ބޭފުޅެއްގެ ޓުވީޓެއްގެ ސަބަބުން މައްސަލަ ހޫނުވާ ހިސާބުން ޒާތީ ވާހަކަތަކެއް ދައްކައި، ވަގަށް ގޮވުމާއި ކަންކަން އެބޭފުޅުންގެ މެދުގައި ހިނގާފައި ވެއެވެ. ނަމަވެސް ރޭ އާއްމުވި ސެނެޓު ގުރޫޕުގައި މުސްތޮގެ ޓުވީޓު ކުށްވެރި ކުރުމާއި އަދުރޭ އެކަމާއި މެދު ލިޔުއްވި މެސެޖުތައް ނޫން އިތުރުކަމެއް ހިނގާފައި ނުވެ އެވެ. އަދި ޒާތީ ވާހަކަތަކެއް ދައްކަވާފައި ނުވާކަން ފާހަގަ ކުރެބެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ތައްތާރީތައް ފަށައި، ރައީސް ޔާމީނާއި ޓިކެޓު ވެސް ހަވާލުކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ދެ މައްސަލައެއްގެ ދައުވާތައް އުފުލައި ޝަރީއަތްތައް ދަނީ ކުރިޔަށެވެ. އަދި ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވިއްޖެ ހާލަތެއްގައި ވެރިކަމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ބައެއް ބޭފުޅުން އިދިކޮޅުގައި ތިބިކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ. އަދި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވުމަށް ވެސް ބައެއް ބޭފުޅުން ހުށަހަޅުއްވަމުން ގެންދަވާކަމުގެ މައުލޫމާތުތައް ލިބެ އެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: