މިވެރިކަމަކީ ރައްޔިތުންނަށް ކޮށްދޭ ރައްޔިތުންގެ ވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރީ ނުފުދި ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްދިނުމަށް ދިއްގަރު ރައްޔިތުންނަށް ވައުދުވެފައި އޮތް ކަމަށް ފާހަގަކުރެއްވިއެވެ. ދިއްގަރުގެ ތަރައްޤީއަށް މަސައްކަތްކުރުމުގައި، ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލެއް އޮތުމާއި ދާއިރާގެ މަޖިލީހުގެ މެމްބަރުގެ ފަރާތުން ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ އެއީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި ސަރުކާރަށް ލިބުނު ވަރަށްބޮޑު ފަސޭހައެއް ކަމަށެވެ.
”އަޅުގަނޑު މިދަންނަވަނީ، ޚިޔާލު ތަފާތުވުން ނުހުންނާށެކޭ ނޫން. އުނދަގޫކޮށް ދުއްތުރާކޮށް، ކަންތައްތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ޚިޔާލުތަފާތުވުމެއް ނޫން. މިއަދުވެސް އެކަން އެބައޮތް އެހެން ނަމަވެސް އެކަންތައްތައް ގިރާކޮށް އަޅުގަނޑުމެން މިދަނީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ކޮށްދެމުން“
ދިއްގަރަށް އުދައެރުން ހުއްޓުވުމަށްޓަކައި ކުރެވުނު މަސައްކަތުގައި ގާތްގަނޑަކަށް، 700 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި، ހިލަތޮށި ލެވިފައިވާ ކަމަށާއި އަދި ކުރިޔަށް މިއޮތް ދެތިން އަހަރުގައި މިލެވުނު ހިލަތޮށިން ލިބެނީ ކިހާވަރެއްގެ ހިމާޔަތެއްތޯ ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަމެއް ސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނުގެ ވާހަކަގައި ވިދާޅުވީ ދިއްގަރު ބިންހިއްކުމުގެ މަސައްކަތް ނިމޭއިރު 38 ހެކްޓަރަށް ރަށް ބޮޑުވެގެންދާނެ ކަމަށާއި އަދި މިސަރުކާރުން ވައުދުވީ 25 ހެކްޓަރުގެ ބިން ހިއްކުމަށް ކަމަށާއި މިހާރު 17 ހެކްޓަރުގެ ބިން ހިއްކިފައިވާކަމަށެވެ.
މިއާއިއެކު ރަށުގެ ލޭންޑްޔޫސް ޕްލޭން އަވަހަށް ހަދައި ބިންބޭނުން ކުރާނެގޮތް ކައުންސިލުން ކަނޑައެޅުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން ނިމިފައިވާއިރު، އެމަޝްރޫގެ ދަށުން ދިއްގަރަށް އެންމެ ބޮޑަށް އުދައަރާ، ސަރަހައްދުގެ 701 މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ވަނީ ބޮޑުހިލައިން ތޮށިލާފައެވެ. ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ހިނގަމުންދާއިރު މިހާރު ވަނީ 17 ހެކްޓަރުގެ ބިން ހިއްކާ ނިމިފައެވެ. މިދެ މަޝްރޫޢުގެ އަގަކީ، 121.1 މިލިޔަން ރުފިޔާއެވެ.

