ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މާލީ ނިޒާމާއި، ގެންގުޅުއްވާ ”ދޯހަޅި“ ސިޔާސަތުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ނިކަމެތިވެއްޖެކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ހަރަދަށް ޒިންމާވާ ގާނޫނަށް އަލިއަޅުވައި ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ފެންމަތިވެފައިވާ މައްސަލަތައް ހައްލު ކުރަން ރައީސް ސާލިހުގެ ސަރުކާރުން ބޭނުން ނުވާކަމަށެވެ. އަދި ދުނިޔޭގެ މާލީ ވުޒާރާތަކުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ދެމުންދާ އިރުޝާދުތައް ވެސް ސަރުކާރުން ފުރިހަމައަށް ބަލައި ނުގަންނަކަމަށް އެނާ އިޝާރާތްކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ، ހަރަދަށް ޒިންމާވާ ގާނޫނުގެ 32ވަނަ މާއްދާގެ އަކުރުތަކެއް ސަސްޕެންޑު ކޮށްގެން ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، ފައިސާ ޗާޕުކުރުންކަމަށެވެ. އަދި އެކަމަކީ ދިވެހި ރައްޔިތުންގެ ޖީބަށް ބުރަވާކަމެއް ކަމަށް އެނާ ވިދާޅުވިއެވެ.
ފައިސާ ޗާޕު ކުރުމުން، ފިހާރަތަކުގެ ހަރުތަކުގައި ތިބި މުދާތައް އަގުބޮޑުވާކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، ރައްޔިތުންގެ އާމްދަނީއަށް އިތުރުވުމެއް އައިސްފައި ނުވާއިރު އަސާސީ ބޭނުންތަކަށް ގަންނަ މުދަލުގެ އަގުތައް އަރައިގެން ދިއުމަކީ އެނާ އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށެވެ. އެހެންކަމުން ފައިސާ ޗާޕު ކުރުން ހުއްޓުމަކަށް ގެންނަން ޖެހިފައިވާކަމަށް އެނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ޑޮލަރުގެ އަގުބޮޑުވަމުން ދާއިރު، އިތުރަށް ފައިސާ ޗާޕުކޮށް ނެރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓިގެންދާކަމަށެވެ. އެހެންކަމުން ރައްޔިތުން ގަންނަ ހަކުރު ނުވަތަ ފުށް ކިލޯގެ އަގު އެތައް ގުނައަކަށް އަރައިގެން ގޮސްފައިވާކަމަށް އެނާ ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ދިވެހިރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އާމްދަނީއެއް ހޯދުމަށް ރަނގަޅު މަގެއް ރައީސް ސާލިހުގެ ސަރުކާރަށް ފެނިފައިނުވާކަމަށެވެ. އަދި ފެނިގެންދަނީ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި، އެކަންކަމާއި މެދު ކަންބޮޑުވާކަމަށް ޝިޔާމްް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން މަސައްކަތް ކުރަމުންދަނީ، ރާއްޖެއަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ގެނައުމަށްކަމަށެވެ. އެހެން ނަމަވެސް، މެޖޯރިޓީ އޮތީ އެމްޑީޕީގެ ކަމަށްވުމުން އިސްލާހުތައް ބޭރުކުރަމުންދިއުމާއި ގުޅިގެން، ހުށައަޅަން ހުރި އިސްލާހުތައް ހުށައެޅުމަށް ޖެހިލުންވާކަމަށްވެސް އެނާ ވިދާޅުވިއެވެ.

