ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުއަޑީގެ ދިރާސާތައް ކުރާ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ރައީސް ސާލިހު ނެކްޓަންގެ އޮޑެސީ ބޯޓުގައި: ފޮޓޯ/ ނެކްޓަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިވެހިރާއްޖޭގައި ތާރީހީ ކަނޑު އަޑީ ދިރާސާއެއް ހަދަމުންދާ ނެކްޓަންގެ އޮޑެސީ ބޯޓަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ސާލިހު އޮޑެސީ ބޯޓަށް ޒިޔާރަތްކުރެއްވީ ދިވެހިރާއްޖޭގެ ކަނޑުއަޑިގެ ދިރާސާތައް ހަދަމުންދާ ސައިންސްވެރިންނަށް ހިއްވަރު ދެއްވުމުގެ ގޮތުންނެވެ. އިންގިރޭސިވިލާތުގެ މެރީން ރީސާޗު އިންސްޓިޓިއުޓް ”ނެކްޓަން“ އަދި ރާއްޖެ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި ކަނޑުއަޑީގެ ދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ 1000 މީޓަރުގެ ފުންމިނެއްގައެވެ.

ނެކްޓަންއިން ދިވެހި ކަނޑުގައި ހަދަމުންދާ ދިރާސާތަކުގެ ކުރިން 30 މީޓަރަށްވުރެ ފުނުގެ މެޕުތަކެއް ހެދިފައިނުވެއެވެ. އެހެންނަމަވެސް ނެކްޓަންގެ ސައިންސްވެރިންވަނީ މިހާރު 500 މީޓަރާއި ހިސާބަށް ފީނައި ދިރާސާތަކެއް ކޮށްފައެވެ.

ރައީސް ސާލިހުވަނީ އެމަނިކުފާނު އޮޑެސީއަށް ކުރެއްވި ޒިޔާރަތުގައި، ނެކްޓަންގެ ސައިންސްވެރިން ހަދަމުންދާ ދިރާސާތަކުން ހޯދިފައިވާ މައުލޫމާތުތައް ބައްލަވާފައެވެ. ނެކްޓަންގެ ސައިންސްވެރިން މިހާރު ގެންދަނީ އެ މައުލޫމާތުތަކުގެ އަލީގައި ތަހުލީލުތަކެއް ހަދަމުންނެވެ.

ރައީސް ސާލިހާއި އެކު، މިނިސްޓަރު އައިމިނަތު ޝައުނާ އަދި މިނިސްޓަރު ހުސައިން ރަޝީދު ހަސަންވެސް ވަނީ އޮޑެސީ ބޯޓަށް ޒިޔާރަތް ކުރައްވާފައެވެ.

މަސްވެރިކަމާއިބެހޭ މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވިދާޅުވެފައިވާގޮތުން މި ދިރާސާތަކަކީ ރާއްޖެއަށް ވަރަށް މުހިންމު އަދި ބޭނުންތެރި މައުލޫމާތުތައް ލިބިގެންދާ ދިރާސާތަކެކެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވެފައިވާގޮތުން، ދިވެހިންނަށް ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން މައުލޫމާތުތައް ލިބިގެންދިއުމަކީ، އިންތިހާއަށް މުހިންމުކަމެކެވެ.

ނެކްޓަންއިން ބުނެފައިވާގޮތުން ރާއްޖޭގެ ކަނޑުގައި ހަދާ ދިރާސަތަކުގެ ހުރިހާ ހޯދުމަކީވެސް ދިވެހިރާއްޖޭގެ ހައްގެކެވެ.

ދިވެހިރާއްޖޭގެ ސަރުކާރާއި ނެކްޓަން ގުޅިގެން ހިންގާ ކަނޑުއަޑީގެ ދިރާސާގައި 1000 މީޓަރުގެ ފުންމިނަށް ދިއުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް އެއްވެސް ބަޔަކު ރާއްޖޭގެ ކަނޑުތަކުގައި މިފަދަ ދިރާސާއެއްކޮށްފައިނުވެއެވެ. މި ދިރާސާތައް ހެދުމަށް ހަމަޖެހިފައިވަނީ ކުދި ސަބްމެރީން ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ދިރާސާތައް ފެށިފައިވަނީ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުގައެވެ. މި ދިރާސާތަކަށް 35 ދުވަސް ހޭދަވާނެއެވެ. ދިރާސާތައް ކުރުމަށް ރާއްޖޭގެ 8 ސަރަހައްދަކަށް ފީނުމަށް ހަމަޖެހިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: