ފުލުހަކަށް މަރުގެ އިންޒާރުދިން މައްސަލާގައި ގޭންގަކަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ހަމީދުކުރެއްވި ޓުވީޓެއްގައިވަނީ، ޖަމާޢަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމުގެ ތުހުމަތައް ހައްޔަރުކުރުމުން އެ ގުރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެ ފުލުހުންގެ ކޮންސްޓެބަލްއަކަށް މަރުގެ އިންޒާރުދީފައިވާތީ، އޭނާވެސް ހައްޔަރުކޮށްފައިވާކަމަށެވެ.
ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމަށް ތުހުމަތަށް ހައްޔަރުކުރުމުން އެގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ސްޓޭޝަނަށް ވަދެފަވޭ. ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ވަނީ ހައްޔަރުކުރެވިފަ!
— Mohamed Hameed (@M_Hameedh) September 18, 2022
މީގެ އިތުރުން، ސްޓޭޝަން ދަށަށް އެއްވި އެ ގުރޫޕުގެ އެހެން މީހުންނާއި މެދުވެސް ފިޔަވަޅު އެޅޭނެކަމަށް ކޮމިޝަނާ ހަމީދުވަނީ ވިދާޅުވެފައެވެ.
ހަމަ މިއާއެކު، ޖަމާއަތް ހަދައި ކުށްކުރުމާއި އާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހިންގާ އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގުރޫޕުތަކާއި މެދުވެސް ފިޔަވަޅު އަޅާނެކަމަށް ހަމީދު ބުނެފައިވެއެވެ.

