މަސްތުވާތަކެތީގެ މައްސަލައިގައި ހޯޑެއްދޫގެ ސަރަހައްދުތަކެއް ބަލާ ފާސްކުރާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯޑެއްދޫއިން ހައްޔަރު ކުރި މީހަކު، ނިޔާވުމާއި އެކު، އުފެދިފައިވާ މައްސަލައަށް އަލި އަޅުވައި ކުރެއްވި ޓްވީޓްގައި ހަމީދު ވިދާޅުވީ، ގދ ހޯޑެއްދޫ، ސްވެން، އަބްދުﷲ ރަޝީދު ހައްޔަރު ކުރީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައިކަމަށެވެ.
ހަމީދު ވިދާޅުވީ، ހައްޔަރުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދު ނިޔާވި ހާދިސާއަކީ، ހިތާމަވެރި ކަމެއް ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް އެނާ ވިދާޅުވެފައިވެއެވެ.
މަސްތުވާތެކެއްޗާއި ގުޅުން ހުރި މައްސަލައެއްގައި ހޯޑެއްދޫއިން އެހެން މީހެއްވެސް ހައްޔަރު ކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ ހަމީދު ވިދާޅުވީ، އެނާ ހޯޑެއްދޫގެ ވަލު ތެރޭގައި ވަޅުލާފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމަކުންވަނީ ހޯދާފައިކަމަށެވެ. އަދި އޮޕަރޭޝަން ކުރިއަށް ގެންދާކަމަށާއި، އެ ރަށުގެ އެހެނިހެން ތަންތަންވެސް ބަލާ ފާސް ކުރާނެކަމަށް އެނާ ވިދާޅުވިއެވެ.
މިމައްސަލައާައި ގުޅިގެން ހައްޔަރުކުރެވުނު އެހެން ފަރާތެއް ގދ. ހޯޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ޓީމުންވަނީ ހޯދާފައި. ގދ. ހޯޑެއްދޫގެ އެހެނިހެން ތަންތަން ކުރިއަށް އޮތްވަގުތުތަކުގައި ފުލުހުން ބަލާފާސްކުރާނެ.
— Mohamed Hameed (@M_Hameedh) October 28, 2022
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފައިވާގޮތުން، ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގުގައި އިންސާފަށް ވާސިލުވުމަށް ޕޯސްޓްމޯޓަމް ހެދުމަށްވަނީ ނިންމާފައެވެ. އަދި އާއިލާއިން އެނާގެ ހަށިގަނޑު ހަވާލު ކުރުމަށް އެދިފައިވާ އެދުމަށް ވަކި ޖަވާބެއް ފަހުން ދޭނެކަމަށާއި، އެ މައްސަލައިގައި ކުރިއަށް ގެންދަނީ ޖިނާއީ ތަހުގީގެއް ކަމަށްވެސް އެންއައިސީއިން ވަނީ ބުނެފައެވެ.

