ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން އެގޮތުގައި އަބަދަށް ދެމިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވީ ޗައިނާގެ 73 ވަނަ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ތަހުނިއްޔާ ދަންނަވާ އެ ގައުމުގެ ފޮރިން މިނިސްޓަރު ވަންގް ޔީ އަށް ފޮނުއްވި މެސެޖެއްގައެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ހިއްސާދާރެއް ކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވެފައިވަނީ ރަހުމަތްތެރިކަމާއި، ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ވެސް ފާއިތުވި އަހަރުތަކުގައި ޗައިނާއިން ވަނީ އިސް ދައުރެއް އަދާކޮށްފައި ކަމަށާއި އެ ގުޅުން އެގޮތުގައި އަބަދަށް ދެމިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރިއަށް އޮތް ތަނުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެން ދިއުމަކީ އުންމީދެއް
ދެ ގައުމުގެ ދެމެދުގައި ކަންބޮޑުވާ ބައިނަލްއަގްވާމީ ކަންކަމުގައި ގާތުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، ދެ ގައުމުގެ ވަރުގަދަ ގުޅުންތައް އިތުރަށް ބަދަހިކުރާނަންކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އާއި، އަދި މި ސަރުކާރުގައިވެސް ގިނަ ގުނަ އެހީތަކެއް ފޯރުކޮށްދީފައިވާ ގައުމެކެވެ. އޭގެ ތެރެއިން ސިނަ މާލެ ބްރިޖަކީ ފާހަގަކުރެވޭ މަޝްރޫއެކެވެ.
ސިނަމާލެ ބުރިޖުގެ 4 ވަނަ އަހަރީ ދުވަހާއި ގުޅިގެން މީޑިއާއަކުން ކުރި ދިރާސާއަކަށް އެ މުހިންމު އުމްރާނީ ތަރައްގީގެ ވަސީލަތުގެ ބޭނުން މިހާތަނަށް 100 މިލިއަނަށްވުރެ ގިނަ ފަހަރު ކުރެވިފައިވާކަން ހާމަވެފައިވާކަމަށް ކުރީގެ ހޯމް މިނިސްޓާ ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ފާހަގަކުރައްވާފައެވެ.

