ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސައްތަ އިތުރު ކުރަން ވިސްނުމުން ޖީއެސްޓީ ތައާރަފް ކުރި ޕާޓީއިން ކޯޅެންފަށައިފި

އީވާ އަބްދުﷲ އަދި އިބްރާހިމް ޝަރީފް: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދު އިތުރު ކުރުމާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ތެރޭގައި ކޯޅެން ފަށައިފިއެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، ކޮވިޑްގެ ބަލި މަޑުކަމުން އަރައިގަނެވިފައިވާނަމަވެސް، އެކަމުގެ ސަބަބުން ކުރިމަތިވި މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން ރާއްޖެ އަދި ދުނިޔެއަށްވެސް އަރައިގަނެވިފައިވާކަމަށް ބުނެވެން ނެތްކަމަށެވެ.

އީވާ ވިދާޅުވީ، ސަރުކާރުންވަނީ ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. އަދި ބަޖެޓަށް އެންމެ ބުރަ ބޮޑުވި ވަގުތު ވެގެންދިޔައީ މާލީ ހާލަތުވެސް ހީނަރުވެގެންދިޔަވަގުތަށް ކަމަށްވުމުން އާމްދަނީ ހޯދުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެނާވެސް ގަބޫލު ކުރައްވާކަމަށެވެ.

އެހެން ނަމަވެސް އާންމުން އަތުން ނަގަމުންދާ ޓެކްސް ފައިސާ އިތުރު ކުރުމަކީ ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށް ކުރަން އޮތް އެންމެ ރަނގަޅު ކަން ތޯ ސުވާލު އުފެދޭކަމަށް އިވާ އިޝާރާތްކުރެއްވިއެވެ.

އެނާ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުންވެސް ކޮވިޑްގެ ދަތި ދަނޑިވަޅުގައި ރައްޔިތުންނަށް ލުއިތަކެއް ދިންކަމަށެވެ. އެހެން ނަމަވެސް މިހާރު އެ ގައުމުތަކުން ލުއިތަކަށް ބަދަލުތަކެއް ގެނެސް، ޓެކްސް އިތުރު ކުރުން ފަދަ ކަންކަން ކުރެވިގެންދަނީ ފުއްދުންތެރިކަން ހުރި ފަރާތްތަކުގެ އަތުންކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި އާންމުގެ އަތުން ނަގަމުންދިޔަ ޓެކްސް ފައިސާގެ އަދަދުތަކަށް މަތިކޮށްފައިވާކަމަށް އެނާ އަށް ފާހަގަކުރެއްވިފައިނުވާކަމަށެވެ.

ދިވެހިރާއްޖޭގެ ޖީއެސްޓީގެ އަދަދުތައް އިތުރު ކުރުމަށް ނިންމުމުން އައިއެމްއެފްއިން މަރުހަބާ ކިޔާފައިވާ ވާހަކަތައް ނޫސްތަކުގެ ސުރުހީތަކުން ފެނުނުކަމަށް އިޝާރާތްކުރައްވާ އީވާ ވިދާޅުވީ، މަރުހަބާ ކިޔާފައިވާކަން އެކަނި ފާހަގަކުރުމުން ނުނިމޭކަމަށެވެ. އަދި އައިއެމްއެފްއިން ދީފައިވާ ޖުމުލަ ލަފާއަށް ބަލަން މުހިންމުކަމަށް އެނާ ވިދާޅުވިއެވެ.

ޖުމުލަކޮށް އާމްދަނީ އަދި ހަރަދާއި ބެހޭގޮތުން އައިއެމްއެފްއިން ލަފާ ދީފައިވާކަމަށް ފާހަގަކުރައްވާ އީވާ ވިދާޅުވީ، އާމްދަނީ އިތުރު ކުރުމަށް ލަފާ ދީފައިވާނަމަވެސް، ހަރަދުތައް ކުޑަ ކުރުމަށްވެސް ލަފާ ދީފައިވާކަމަށެވެ.

އީވާ ވިދާޅުވީ، އައިއެމްއެފްއިންވަނީ ސަރުކާރުން ހިންގާ ކުންފުނިތަކަށް ކުރަމުންދާ ހަރަދުތައް އިސްލާހު ކުރުމަށް ލަފާދީފައިކަމަށެވެ. އަދި ސަބްސިޑީ ދެމުން އަންނަ އުސޫލުތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ލަފާދީފައިވާކަން އެނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އީވާ ޓެކްސް ނެގުމާއި ދެކޮޅު ހެއްދެވި އިރު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްވަނީ ޓެކްސް ނަގަން ރަނގަޅުކަމަށް ސިފަކުރައްވާފައެވެ.

އީވާ ދެއްކެވި ވާހަކަތަކަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގައި ޓެކްސް އިތުރު ނުކުރާކަމަށް ބުނެ އީވާ ވަނީ ހަގީގަތާއި ހިލާފު “ރޯ ބުހުތާނު ދޮގު” ހައްދަވާފައިކަމަށް އެނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފްކުރީ އެމްޑީޕީއިން ކަމަށް އިޝާރާތްކުރައްވާ ޝަރިފް ވިދާޅުވީ، އެހެން ނަމަވެސް މިއަދު އެ ނިޒާމުގެ ތެރެއިން 2 އިންސައްތަ އިތުރު ކުރަން ވިސްނުމުން ވަނީ “ހަރާން” ކަމަކަށް ވެފައިކަމަށެވެ.

ޝަރީފް ވިދާޅުވީ، ޓެކްސް އިތުރު ކުރުމާއި ދެކޮޅަށް ވާހަކަތަކެއް ދައްކަމުންދަނީ ދައުލަތް ބަނގުރޫޓުކޮށް، ދުވަސްވީ ފަރުދުންނަށް ދެމުންދާ އިނާޔަތަށް ހުރަސް އަޅައި ރައްޔިތުންނަށް ދެމުންދާ ސަބްސީޑީތައް ކަނޑާލުމަށްޓަކައިކަމަށެވެ. އަދި އެކަމުގެ ސަބަބުން ހެޔޮ އަގުގައި ކަަރަންޓު ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ހުރަސް އެޅޭކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފްވަނީ ސިންގަޕޫރުގައި ޓެކްސް ނަގަމުންދާ އަދަދުތައް އިތުރު ކުރުމަށް ނިންމާފައިވާކަމަށް ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުވަނީ އެނާ ދެއްކެވި ވާހަކަތަކަށް ހުރަސް އަޅާ މެމްބަރު އީވާ ހެއްދެވީ ދޮގުކަމަށް އެމަނިކުފާނަށް ފާހަގަކުރެވިފައިނުވާކަމަށް ވިދާޅުވެ، ޝަރީފް ދައްކަވަނީ ނުރަނގަޅު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ޓެކްސް އިތުރު ކުރުމާއި ގުޅޭގޮތުން އެމްޑީޕީގެ ތެރޭގައި ކޯޅުންގަނޑެއް އުފެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިންގަޕޫރުގައި ޓެކްސް އިތުރު ކުރުމަށް ނިންމާފައިވާ ވާހަކަތައް ދޮގު ކުރައްވާފައިވާއިރު، އެގައުމުގައި ޓެކްސް އިތުރު ކުރުމަށް ނިންމާފައިވާކަންވަނީ ދާދި ފަހުން އިއުލާނު ކުރެވިފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ތެރޭގައި ސިންގަޕޫރުގެ ޖީއެސްޓީ 7 އިންސައްތައިން ނުވަ އިންސައްތައަށް ބޮޑު ކުރުމަށް ނިންމާފައިވާއިރު، އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރުތައް ކުޑަ ކުރުމަށް ސިންގަޕޫރު ސަރުކާރުންވަނީ 6.6 ބިލިއަން ޑޮލަރުގެ އެޝުއަރެންސް ޕެކެޖެއް ދޭނެކަމަށްވެސް އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: