ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮތިއްޔާ އޮތް ގޮތެއް ހޯދަނީ ރައްޔިތުންގެ ޖީބުން ގައުމު ހިންގުމަށް!

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފިނޭންސް މިނިސްޜް އަހުމަދު އަމީރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް އެތަކެއް ކޯޅުމަކާއި ދެކޮޅު ހެދުމަކަށްފަހު މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގުކުރެއްވީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެއާއިއެކު ޖީއެސްޓީގެ ގޮތުގައި ނަގަމުން އައި 6 އިންސައްތަ 8 އިންސައްތައަށް ބަދަލުވެ، ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އަންނަ 12 އިންސަތައިގެ ޓެކްސްގެ އަދަދު 16 އިންސައްތަ އަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ބަދަލުވެގެންދާނެއެވެ. މި ބަދަލާއިއެކު ދިވެހި ރައްޔިތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވެ، މުދަލުން ނަގާ ހިދުމަތުގެ އަގަށް 33 އިންސައްތައިގެ އިތުރުވުމެއް އަންނާނެއެވެ.

މިކަމާއިމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ ޓެކްސް ދައްކަން ޖެހިގެންނެއް ނޫނެވެ. ރައްޔިތުން ކަންބޮޑުވުން ފާޅުކުރީ އިގްތިސާދީ ގޮތުން ދުނިޔެ އާއި ދިވެހިރާއްޖެ ހީނަރުކަމެއްގެ ތެރޭގައި އޮތުމަށް ފަހު އިގްތިސާދު ރަނގަޅުވަމުންދާ ދަނޑިވަޅެއްގައި މިފަދަ ބަދަލުތަކެއް ގެންނެވީތީއެވެ. މިފަދަ ބަދަލަކަށް ދިވެހި ރައްޔިތުން ތައްޔާރުވެފައި ނެތްއިރު، މި ބަދަލުގެ ސަބަބުން އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ހަރަދުތައް އިތުރުވެގެންދާނެތީއެވެ.

ކަންބޮޑުވުންތަކާއި، ފާޑުކިޔުންތަކާއިއެކު ސަރުކާރުން ވާހަކަތައް ހުރީ އާދައިގެ މަތިން މަސައްކަތްކުރެއްވީ ދިވެހި ރައްޔިތުންނަކީ މޮޔައިންނަށް ހަދައި އޮޅުވާލުމަށެވެ. އަދި ފާހަގަ ކުރީ ޓެކްސް ބޮޑުވީ ނަމަވެސް ޒީރޯ ޓެކްސް ހުންނަ މުދަލުގެ އަގު މައްޗަށް ނުދާނެ ވާހަކައެވެ. ޒީރޯ ޓެކްސް ހުންނަ މުދަލުގެ ތެރޭގައި ދިވެހިން އާންމު ގޮތެއްގައި ގަނެ އުޅޭ ބައެއް ތަރުކާރީގެ ބާވަތްތަކާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ބައެއް ތަކެތިވެސް ހިމެނެއެވެ. އެހެންކަމުން ސަރުކާރުން ރައްޔިތުންނަށް ވިސަނައިދިނީ މިތަކެތީގެ އަގު ޓެކްސް ބޮޑުކުރުމުގެ ކުރީގައި ހުރި މިންވަރުގައި ހިފެހެއްޓިފައި ހުންނާނެކަމެވެ.

ޓެކްސް ބޮޑުކުރުމުން ނިކުންނަ ނަތީޖާ ވަށާ ޖައްސައި ބަލާއިރު ޒީރޯ ބާސްކެޓުގައި ހުންނަ ތަކެތީގެ އަގުވެސް އުފުލެއެވެ. އެއީ ވިޔަފާރިކުރާ މީހާ ކަސްޓަމަރުންނާއި ހިސާބަށް އެތަކެތި ގެނައުމަށްޓަކައި ކުރަންޖެހޭ ހަރަދު ޓެކްސް ބޮޑުކުރުމުގެ ސަބަބުން އުފުލިގެންދާތީއެވެ. އެހެންކަމުން ހަރަދުތައް ދެކޮޅުޖެއްސުމަށްޓަކައި ވިޔަފާރިކުރާ މީހާ އޭނާއަށްވާ ގެއްލުމުން ސަލާމަތްވުމަށް އެކަމަށް އެދާ ހަރަދުތައް ހިމަނަނީ ޒީރޯ ބާސްކެޓުގައި ވިއްކާ ތަކެތީގައެވެ.

ޓީޖީއެސްޓީއަށް ބަލާއިރު ޓެކްސް ބޮޑު ކުރުމުގެ ގޮންޖެހުމާއި ކުރިމަތިލާން ޖެހެނީ އަލަށް މާކެޓަށް ވަންނަ މީހުންނެވެ. ނުވަތަ ފަތުރުވެރިކަމުގެ ދާއިރާގައި ގެސްޓް ހައުސް ފަދަ ކުދި ވިޔަފާރި ކުރާ މީހުންނަށެވެ. މިފަދަ ތަންތަނަށް އަންނަ ފަތުރުވެރިންނަކީ ކުޑަ ބަޖެޓެއްގައި ދަތުރުކުރާ ބައެއްކަމުގައިވާއިރު، 12 އިންސައްތައިން 16 އިންސައްތައަށް ޓެކްސް ބޮޑުކުރުމުން، ކުރަން ޖެހޭ ހަރަދު އިތުރުވުމުގެ ސަބަބުން ގެސްޓް ހައުސްތަކަށް ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދަށް އަސަރުތަކެއް ކުރާނެކަން ޔަގީނެވެ. ބޭރު ގައުމުތަކުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަކީ މަސް ދެ މަސް ކުރިން ބޫކިން ހަދާ ތިބޭ ބައެއްކަމުން، އަންނަ އަހަރުގެ ފެށޭކޮޅަށް މިހާރު ގިނަ ބަޔަކު ހުންނާނީ ބޫކިން ހައްދާފައެވެ.

ކުއްލިއަކަށް ޓެކްސްއަށް ގެނައި ބަދަލާއިއެކު ދުރާލައި ބުކިން ހަދާފައި ތިބި ފަތުރުވެރިންނަށް އަލަށް ގެނައި ބަދަލަށް ތައްޔާރުވާނެ ވަގުތެއް ވެސް ނުލިބޭނެ އެވެ. ކޮވިޑަށް ފަހު ފަތުރުވެރިކަމުގައި ރާއްޖެއާއި ވާދަކުރާ ގައުމުތަކުގައި ފަތުރުވެރިން ގެނައުމުގެ މަގުސަދުގައި ލުއި ގޮތްތަށް ހުޅުވާލާފައިވާއިރު، ރާއްޖެއިން އަމަލު ކުރަނީ އެއާއި ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުވާނެ ގޮތަށެވެ. ދޫ ދިނުމުގެ ބަދަލުގައި އިތުރަށް ފިއްތާލެވޭނެހާ ގޮތަކަށެވެ.

ފެންނާން އޮތް ހަގީގަތަކީ ލިބޭ އާމްދަނީގެ ނިސްބަތް މަދުވީ ނަމަވެސް، ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެއްޖެކަމެވެ. އެނގެން އޮތް އަނެއްކަމަކީ ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެގެން ދިޔައިރު މިކަމުގައި ސަރުކާރުން ޒިންމާވާންޖެހޭނެކަމެވެ. ނަމަވެސް ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަތަކުން މިކަމުގެ ޒިންމާ ނަގަންޖެހެނީ ރައްޔިތުންނޭ ހީވާ ކަހަލައެވެ. މިއަދު ފެންނަނީ އަމިއްލަ ލަފާގެ މައްޗަށް ހެދި ބަޖެޓެއްގައި ހިމަނާ، ފާސްކޮށްފައި ހުރި ކަންތައްތަކަކަށް ކުރި ހުރިހާ ހަރަދަކާއި، ނެގި ހުރިހާ ދަރަންޏެއް ފޫބައްދަން ނިކަމެތި ރައްޔިތު މީހާގެ ޖީބަށް އަތް ބާނާ މަންޒަރެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމިއިރު އެކި ގޮތް ގޮތުން ދައުލަތަށް ލިބެންޖެހޭ އެތައް ފައިސާއެއް ނުލިބި އެބަހުއްޓެވެ. މީރާ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ މިހާތަނަށް ނުލިބި ވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 8.9 ބިލިއަން ރުފިޔާ އަދި ޓެކްސްގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ނުލިބިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޓެކްސްގެ ގޮތުގައި ޓޫރިޒަމް ދާއިރާގެ އިތުރުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބިވާ ކަމަށާއި އޭގެތެރޭގައި ޖެނެރަލް ސެކްޓަރ އިން ނެގޭ ޓެކްސްވެސް ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްސް ނުދައްކާ ފަރާތްތަކަށް ފިޔަވަޅުތަކެއް އަޅާ، އެންފޯސްމެންޓް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ނަން ހާމަކުރުމުގެ އުސޫލުތައް ތަންފީޒުކުރި ނަމަވެސް އެކަމުންވެސް ނިކުތް ނަތީޖާއެއް ނެތެވެ. ވަރަށް ބޮޑު އެންފޯސްމެންޓް ފިޔަވަޅެއްކަމަށް ފާހަގަކުރި ޓެކްސް ކްލިއަރެންސް ރިޕޯޓުންވެސް ނިކުތް ނަތީޖާއެއް ނެތެވެ. ރިސޯޓްތަކުން ދައްކަންޖެހޭ ބިމުކުލި ހޯދުމުގައި އޮޕަރޭޓިންގ ރިސޯޓް ތަކާއިމެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅިއެވެ. އަދި އޮޕަރޭޓް ނުކުރާ ރިސޯޓް ތަކުގެ ކުލި ހޯދުމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށްޓަކައި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ނަތީޖާއެއް ނެރެވިފައި ނެތުމަކީ ޓެކްސް ބޮޑުކުރަން ނިންމުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ސަބަބެވެ. މައްސަލައަކަށްވީ ލިބެންޖެހޭ ފައިސާ ހޯދުމުގެ ބަދަލުގައި، އަބަދުވެސް ޓެކްސް ދައްކާ ނިކަމެތި ރައްޔިތުންގެ ޖީބުން ނަގާ ފައިސާ ބޮޑުކުރަން ނިންމީމައެވެ. ސަރުކާރަށް ލިބެންޖެހޭ އާމްދަނީ ހޯދާނެ ގޮތުގެ ޕްލޭނެއް ނެތްއިރު، އިތުރު ގޮތަކުން ސަރުކާރަށް އާމްދަނީ ލިބޭނެ ކަންތައްތަކެއް ދެނެގަނެ އެ މަގުން މަސައްކަތްތަކެއް ކުރެއްވުމަށްވެސް ޕްލޭނެއް ކުރެވިފައި ހުރި ކަމަކަށް ނުބެލެވެއެވެ. ނަގާ ޓެކްސް ފައިސާއިން ކުރާނީ ވަކި ކީއްކަމެއް، ކުރެވޭނީ ކޮންކޮން ކަންތައްތަކެއްކަން ދެނެގަނެ، ރައްޔިތުން ގަބޫލުކުރާނެ ވަރުގެ ހުއްޖަތްތަކެއް ދެއްކުނުނަމަ ކޮންމެސް ވަރަކަށް ރައްޔިތުން ސަރުކާރުގެ ބަސް އަހާނެއެވެ. ސަރުކާރުން މާލީ ކަންކަން ރަނގަޅަށް މެނޭޖުނުކޮށް، ދެން ރައްޔިތުންގެ ގާތަށް އައުމުން އެގޮތެއް ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ.

ދެން އޮތީ ގައުމުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ދޭ ލަފާއެވެ. އަމިއްލަ ސިޔާސަތުތަކުގެ އެހީގައި ކަންތައްތައް މެނޭޖުނުކުރެވުންއިރު، މެނޭޖުކުރާނެ ގޮތް ބަޔަކު ކިޔައިދިނުމުންވެސް އަޑު އަހާކަށް ބޭނުމެއްނުވިއެވެ. ދައުލަތް ހިންގުމަށްޓަކައި ކުރާ ރިކަރެންޓް ހަރަދުތައް ކުޑަކޮށް، ސިޔާސީ މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ކުޑަކުރުމާއި މިފަދަ އެއްވެސް ކަމަކަށް ސަރުކާރުން ދިން ސަމާލުކަމެއް ނެތެވެ. އޮތިއްޔާ އޮތް ގޮތެއް ހޯދަނީ ރައްޔިތުންގެ ޖީބުން ގައުމު ހިންގުމަށެވެ. ސަރުކާރުން އަބަދުވެސް ދުވަނީ ޓެކްސް ދައްކާ މީހާ ފަހަތުންނެވެ. ޓެކްސް ނުދައްކާ ޓެކްސްއަށް މަކަރު ހަދާ މީހުންގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްކުރާ މަސައްކަތުން ނަތީޖާއެއް ނެރުމުގެ ވިސްނުމެއް ނެތެވެ. ބަރާބަރަށް ޓެކްސް ދައްކާ މީހާއަށްވެސް ޓެކްސްދެއްކުމުގައި ދަތިތަކަކާއިކުރިމަތިވާ ސަބަބަކީ މިއީއެވެ. އިންސާފު ގާއިމްކޮށްދެއްވަން ވަޑައިގެން ސަރުކާރުގައި އިންސާފު ނެތީއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: