ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެސްޓީ ކުޑަކޮށް ޓީޖީއެސްޓީ ބޮޑުކުރަން ފެނޭ: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ރައްޔިތުން ވެސް ދައްކަން ޖެހޭ ޓެކްސްއެއް ކަމަށްވާ ޖީއެސްޓީ ކުޑަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ ބޮޑު ކުރަން ފެންނަ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އީސަ ވިދާޅުވީ ޓެކްސްގެ ނިޒާމަށް ބަދަލު ގެންނައިރު އެކަމާއި ގުޅޭ ގޮތުން ދުނިއޭގެ ހުރިހައި ތަނެއްގައި ވެސް ފުޅާދާއިރާއެއްގައި ބަހުސް ކުރާ ކަމަށާއި މިއަދު ރާއްޖެއިން ވެސް ފެންނަމުން ދަނީ އެ މަންޒަރު ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ހުށަހެޅުން ސަރުކާރުން ދޭ ސަބްސިޑީީ ކުޑަކުރުމަށް ނުވަތަ ކަނޑާލުމަށް ބައެއް މެމްބަރުން ގޮވާލަމުންދާ ކަމަށެވެ. ނަމަވެސް މިއަދު މުޅި ދުނިއޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާ ދަނޑިވަޅެއްގައި ސަރުކާރުންދޭ ސަބްސިޑީ ކުޑަކުރުން ނުވަތަ ކަނޑާލުން އެއީ އެންމެ ރަނގަޅު ގޮތްތޯ ވިސްނަން ޖެހޭ ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ސަރުކާރުން ސަބްސިޑީ ދިނުމަކީ އޭނާ ތާއިދު ކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް ހާލަތަށް ބަލައި އެކަން ނުކޮށް މިއަދު ވާން ނެތްކަން އީސަ ފާހަގަ ކުރެއްވިއެވެ.

އީސަ ވިދާޅުވީ ސަރުކާރުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް އޭނާ ތާއިދު ކުރައްވާ ކަމަށާއި ނަމަވެސް އާންމު ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެއް ބޮޑު ކުރުމުގެ ބަދަލުގައި ވިޔަފާރިވެރިން ދައްކަން ޖެހޭ ޓެކްސް ނުވަތަ ޓީޖީއެސްޓީ ބޮޑުކުރަން އޭނާ އަށް މާ ބޮޑަށް ތާއިދު ކުރެވޭ ކަމަށެވެ. އެގޮތުން ޖީއެސްޓީ ކުޑަކޮށް ޖީއެސްޓީއިން ގެއްލޭ ބައި ޓީޖީއެސްޓީ ބޮޑު ކޮށްގެން އާންމުދަނީ އިތުރުން ރަނގަޅު ކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ޓީޖީއެސްޓީ ބޮޑުކުރުމުން އެކަމުގެ އަސަރު ވިޔަފާރިތަކަށް ކުރާނެކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އާންމު ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެއް ބޮޑު ކުރުމަށް ވުރެ ވިޔަފާރިވެރިން ދައްކަން ޖެހޭ ޓެކްސްއެއް ބޮޑުކުރުން ރަނގަޅު ކަމަށެވެ.

އީސަ ވިދާޅުވި ގޮތުގައި ފަތުރުވެރިކަމަށް ލޮޅުން އަންނަނާނީ ހަމައެކަނި ޓެކްސް ބޮޑުކޮށްގެން ނޫނެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ފަތުރުވެރިކަމަށް އަސަރުކުރާކަން އީސަ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކުރަން ޖެހޭ ކަމަކީ ފަތުރުވެރިކަން ކުރިއަރުވައި ތަރައްގީ ކުރަން ގާއިމްކޮށްފައިވާ މުއައްސަސާތައް ހަރުދަނާ ކުރުން ކަމަށް އީސަ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާއިރު އެކަމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރޭގައި ވަނީ ބޮޑު ބަހުސްެއް އުފެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކޮށް ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 2011 ވަނަ އަހަރު އަމަލު ކުރަން ފެށިއިރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައިސްފައިވަނީ 3.5 ޕަސެންޓެވެ. އެއަދަދަށް އެންމެ ފަހުން ބަދަލު ގެނެވިފައިވަނީ 2014 ވަނަ އަހަރުއެވެ. އެ އަހަރު ޖީއެސްޓީގެ ގޮތުގައި 12 ޕަސެންޓް ނެގުމަށް ނިންމައި އެ އަހަރުން ފެށިގެން މިއަދާ ހަމައަށް ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 12 ޕަސެންޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: