ހުޅުމާލޭގައި 4 މަޝްރޫއެއްގެ މަސައްކަތް ކުރުމަށް ހަތަރު ކުންފުންޏަކާއި އެކު އެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
އެގޮތުން ސޮއި ކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ވަރކަސް ބިލްޑިންގ އިމާރާތް ކުރުމަށް ހަވާލު ކުރެވުނީ ހޮންގްކޮންގ ގެ ރޯޓައިމް އިންޖިނިއަރިންގ ޓެކްނޮލޮޖީ ޕްރަވއިވެޓް ލިމިޓެޑަށެވެ.
ވަރކަރސް ބިލްޑިންގ އަކީ އެޗްޑީސީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ އެކަމަޑޭޝަން ގެ ގޮތުގައި ތަރައްގީ ކުރެވިގެންދާ އިމާރާތެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ 7000 ލޭބަރުންނާއި 2000 ހޮސްޕިޓަލިޓީ ސްޓާފުން އެކޮމަޑޭޓް ކުރެވޭ 18 ބްލޮކް ހިމަނައިގެންނެވެ.
އެޗްޑީސީގެ ވާރކަރސް ބިލްޑިންގެ ކޮންމެ ބްލޮކެއްގައި 4 އަދި 6 މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހާނާ ބަރިއަކާއި ނަމާދުގެ އާއި ފިހާރަ އާއި ބަދިގޭގެ އިތުރުން މެސް ހޯލާއި ބޭކަރީ ފުޑް ސްޓޯރޭޖް ވެސް ހިމެނެއެވެ.
އެ އިމާރާތުގައި ސެކިއުރިޓީ ރޫމާއި ކޮންފަރެންސް ރޫމްގެ އިތުރުން މެޑިކަލް ރޫމެއްވެސް ހިމެނެއެވެ.
މި ޕްރޮޖެކްޓް ރޯޓައިމް އިންޖިނިއަރިންގ އާއި ހަވާލުކޮށްފައިވަނީ އެގްރިމެންޓްގައި ސޮއިކުރާ ދުވަހުން ފެށިގެން 14 މަސްދުވަސް ތެރޭގައި ނިންމާ ގޮތަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މިއަދު ސޮއި ކުރެވުނު ދެވަނަ މަޝްރޫއަކީ އޮޓޯ ސެންޓަރ އިމާރާތް ކުރުމުގެ މަޝްރޫއެވެ. އޮޓޯ ސެންޓަރަކީ ގިނަ ގަރާޖުތަކާއި ބޭސްމެންޓް އެކުލެވޭ 5 ބުރީގެ 35،000 އަކަފޫޓްގެ އިމާރާތެކެވެ. އެތަނުގައި ސޯލާ ހަކަތަ އާއި ކަރަންޓް ކާރަށް ހާއްސަ ޗާޖިންގ ސްޓޭޝަންތައް ގާއިމް ކުރެވިފައި ހުންނާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގައި ސޮއިކުރާ ތާރީހުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން އާއެވެ.
މިއަދު ސޮއި ކުރެވުނު ތިންވަނަ މަޝްރޫއަކީ ދަމާސް ކޮމްޕެނީ އާ ހަވާލްކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޕާކިންގ ބިލްޑިންގ ގެ މަޝްރޫއެވެ.
ޕާކިން ބިލްޑިންގ އަކީ މާލެ ސަރަހައްދުގައި އޮތް ޕާކް ކުރުމުގެ ދަތިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެޗްޑީސީ އިން އިމާރާތްކުރާ 24،700 އަކަފޫޓޫގެ ޖާގައިގެ ބިލްޑިން އެކެވެ. މި ބިލްޑިންގ ގައި 6 ފްލޯ ހިމެނޭއިރު 2 ފްލޯ ހާއްސަ ކުރެވިފައިވަނީ ކޮމާޝަލް ބޭނުންތަކަށެވެ. އެގޮތުން އެ ދެ ފްލޯގައި ފިހާރަތަކާއި ފާހާނާތައް ހުންނާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ ސޮއި ކުރާ ތާރީހުން ފެށިގެން 24 މަސްދުވަހުގެ ތެރޭގައެވެ.
މިއަދު ސޮއި ކުރެވުނު ހަތަރުވަނަ މަޝްރޫއަކީ އެސޯސިއޭޓް ބިޒްނަސް އޭޖެންޓްސް އާ އެކު 21 މަހާއި 24 މަހާއި ދޭތެރޭ ނިންމަން ހަމަޖެހިފައިވާ ޑޭކެއަރ ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫއެވެ.
މި ސެންޓަރަކީ 3000 އަކަފޫޓުގެ ޖާގައިގެ 6 ބުރީގެ އިމާރާތެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މި ސެންޓަރުން ޒަމާނީ ޑޭ ކެއަރގެ ހުރިހާ ހިދުމަތެއް ލިބެން ހުންނާނެއެވެ.

