ކީރިތި ރަސޫލާގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި އެއް ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ ހިތާބުގައެވެ.
މައުލިދުއް ނަބަވީގެ ވަސްމީރު ޒިކުރާ އާކުރަނީ، އެކަލޭގެފާނުގެ ނަބަވީ ސީރަތުން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން، އަޅުގަނޑުމެންގެ ދެދުނިޔެ ބާއްޖަވެރި ކުރުމުގެ މަތިވެރި މަޤްޞަދުގައި ކަމަށެވެ.
އެކަލޭގެފާނުގެ ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، ތަފާތު ވިސްނުންތަކާއި ތަފާތު ޚިޔާލުތަކުގެ މީހުންނާ އެކުގައި، އެއްބަނޑުއެއްބަފާ ގުޅުމެއްގެ ތެރޭގައި ދިރިއުޅުން ކަމަށާއި، އިސްލާމީ އުންމަތް އުފެދި ބިނާވެގެން އައީ، އަދި އޭރު ދުނިޔޭގައި އޮތް ބާރުތަކާއި ޙަޟާރަތްތަކުގެ މައްޗަށް އިސްލާމީ އުންމަތް ކާމިޔާބު ހޯދީ، އެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ،
އެކަލޭގެފާނުގެ ނަބަވީ ރިސާލަތުގެ މައިގަނޑު ފަލްސަފާއަކީ، ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު މީސްތަކުންނާ ގުޅުން ބަދަހިކުރައްވައިގެން އެބައިމީހުންގެ ހިތްތައް ފަތަޙަ ކުރެއްވުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދެކޮޅުވެރިންނާއި ޢަދާވާތްތެރިންނާ ވެސް އެކަލޭގެފާނު މުޢާމަލާތުކުރެއްވީ، އޯގާތެރިކަމާއެކު ރިވެތި ބަސްތަކުންނެވެ. ބަދަލު ހިއްޕެވުމުގެ މައްޗަށް އިސް ކުރެއްވީ ޢަފޫކުރެއްވުމެވެ. ރުޅިވެރިކަމުގެ މައްޗަށް އިސްކުރެއްވީ އެކުވެރިކަމާއި ޞުލްޙަވެރިކަމެވެ. ގުޅުން ކެނޑުއްވުމުގެ ބަދަލުގައި ކޮންމެ ބަޔަކާ އެކުގައިވެސް ގުޅުން ބަދަހިކުރެއްވުމަށް އިސްކަން ދެއްވިއެވެ. އޭގެ ސަބަބުން، ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި ހެޔޮލަފާ އުންމަތެއް އުފަންވެގެން ދިޔައެވެ.
ދިވެހިންނަކީ އެ މަތިވެރި އުންމަތުގެ ފަރުދުން ކަމަށްވާއިރު، އެ މަތިވެރި ސިފަތަކުން ޒީނަތްތެރިވުމަށް މަސައްކަތްކުރުމަކީ، އެ މާތް ޒިކުރާ އާކުރުމުގެ އެންމެ މުހިންމު ބޭނުން ކަމަށާއި އެހެންކަމުން އެކަމުގައި އިޞްލާޙީ އެތައް ބަދަލުތަކެއް މިއަދު ބޭނުންވާކަން ރައީސްގެ ހިތާބުގައި ފާހަގަކުރައވާފައިވެއެވެ.
އަދަބު އަޚްލާޤުގެ ރޮނގުން ދިރިއުޅުމަށް އިންޤިލާބީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އިޖްތިމާޢީ ހަމަތަކާއި އުޞޫލުތަކަށް އިޙްތިރާމްކުރުމުގެ އާދަ ރައްޔިތުންގެ ކިބައިގައި އަށަގަންނުވަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަނެކުންނަށް އިހްތިރާމް ކުރުމާއި އޯގާތެރިވެ އެހީތެރިވުމުގެ މަތިވެރި ސިފަ އެންމެންގެ ކިބައިގައި ހަރުލައްވަންޖެހޭ ކަމަށާއި އެއިން ކޮންމެ ކަމަކަށް ހުރި އެންމެ މަތިވެރި ނަމޫނާއަކީ ނަބަވީ ސީރަތު ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
އަހަރަކު އެއްފަހަރު، މައުލިދުއް ނަބަވީ ފާހަގަކުރާ އިރު، އަޅުގަނޑުމެންގެ ދިރިއުޅުމުން ހެޔޮ ބަދަލުތަކެއް ފެންނަންޖެހެއެވެ. މުޖްތަމަޢުގައި ހަމަޖެހުމާއި އުފާވެރިކަން ޤާއިމުވެ އޮންނާނީ އެފަދަ ބަދަލުތަކެއް ގެނެވިގެންނެވެ. ޙަސަދަވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް، ހިތްހެޔޮކަމާއި ހިތްތިރިކަމާއެކު އަނެކުންނާ މުޢާމަލާތުކުރުމަކީ، އިޖްތިމާޢީ ހަމަޖެހުން ޤާއިމުވުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ނުހަނު ބޭނުންތެރި ކަމަކަށްވާހިނދު، ކޮންމެ މީހަކާ ވެސް ހިނިތުންވުމާއި އުފާވެރި މޫނަކާއެކު ބައްދަލުކުރުމަކީ، މިއަދު އަޒުމެއް ކަމުގައި ހަދަންޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި އުންމަތުގެ މާތް ނަބިއްޔާގެ ޢީދު މީލާދު ފާހަގަކުރާއިރު، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ރިސާލަތު ދަމަހައްޓައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ޢަޒުމް އާކުރަންޖެހޭ ކަމަށަް ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.
މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ މީހަކީ، ނުރަނގަޅު އެންމެހައި ކަންކަމަށް ޢަމަލާއި ބަހުން ނޫނެކޭ ބުނާ މީހަކަށް ވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

