އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއި ދިމާކޮށް އިދިކޮޅުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަންނަ ހަފްތާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މިދިޔަ މަހު ދ. ކުޑަހުވަދޫއަށް ވެސް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވި ރައީސް ޔާމީން ހއ. އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 އިން 15 އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު، މީޑިއާތަކަށް ވިދާޅުވީ ރައީސް ޔާމީންގެ މިދަތުރުފުޅުގައި ވަޑައިގަންނަވާނީ ހއ. ކެލާ އާއި، ހއ. ބާރަށް އަދި ހއ. ދިއްދޫގެ އިތުރުން ހއ. އިހަވަންދޫ އަދި ހއ. ތުރާކުނުއަށް ކަމަށެވެ.
ހީނާ ވިދާޅުވި ގޮތުގައި މިދަތުރުފުޅުގެ ބޭނުމަކީ ޕާޓީގެ މެމްބަރުންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމެވެ. އަދި ރިޔާސީ އިންތިހާބުގެ މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަކީ ވެސް ދަތުރުގެ މަގްސަދެއް ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް، ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ވުމަށް ކުރަން ޖެހޭ މަސައްކަތްތައް މި ދަތުރުތަކުން ދެނެގަނެވޭނެކަމަށް ހީނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ފާޙަގަކުރެވެނީ ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔަ ސަރަހައްދެއްގެ ގޮތުގަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދި ފަހުން އުތުރުގެ ރަށްތަކަށް ވަޑައިގެންނެވި އެވެ.

