އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެމްބަރުމަށް ރާއްޖެ އންތިހާބު ވެއްޖެއެވެ.
އދގެ އާންމު މަޖިލީހުން ނެގި ވޯޓަކުން 47 މެމްބަރުން ތިބޭ ހިއުމަން ރައިޓްސް ކައުންސިލަށް އަލަށް އައްޔަނު ކުރެވިފައިވަނީ 14 ގައުމެކެވެ. މި ގައުމުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ މައްސަލަތައް ގިނަ އަދަދަކަށް ފެންމަތިވަމުންދާ ސޫދާން ފަދަ ގައުމުތައްވެސް ހިމެނެއެވެ.
އދގެ ހިއުމަން ރައިޓްސް ކައުންސިލަށް އަލަށް އައްޔަނު ކުރެވުނު ގައުމުތަކަކީ އަލްޖީރިއާ، ބަންގަލްދޭޝް، ބެލްޖިއަމް، ޗިލީ، ކޮސްޓަރީކާ، ޖޯޖިއާ، ޖަރުމަނީ، ކިރިޖިސްތާނު، ދިވެހިރާއްޖެ، މޮރޮކޯ، ރޮމޭނިއާ އަދި ސޫދާން އާއި ވިއެޓްނާމެއެވެ. މި ގައުމުތައް އައްޔަނު ކުރެވިފައިވަނީ ޖެނުއަރީ 2023 އިން ފެށިގެން 3 އަހަރު ދުވަހުގެ މުއްދަކަށެވެ.
އދ ގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ކައުންސިލަކީ 2006 ވަނަ އަހަރުގެ ތެރޭގައި ފަށާފައިވާ މަޝްރޫޢުއެކެވެ. މި ކައުންސިލުން ކުރާ މައިގަނޑު ކަންކަމަކީ އދގެ މެމްބަރު ގައުމުތަކުގެ ތެރޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ހައްގުތަކަށް ވަކާލާތު ކުރުމެވެ. އެހެން ނަމަވެސް އިންސާނީ ހައްގުތަަކަށް އަރައިގަންނަ ކަމަށް ނަންވެފައިވާ ގައުމުތައް އެ ކައުންސިލުގެ މެމްބަރުން ގޮތުގައި ހުރުމުގެ ސަބަބުން ކައުންސިލަށް ވަނީ ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެގޮތުން ދާދި ފަހަކާއި ޖެހެންދެން ރަޝީއާ އަކީވެސް އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި އޮތް ގައުމަކަށް ވާއިރު، ރަޝިއާ ސަސްޕެންޑު ކުރެވުނީ އެ ގައުމުން ޔޫކްރެއިން އަށް އަރާ ހަނގުރާމައެއް ފެށުމާއި ގުޅިގެންނެވެ.

